17 ޑިސެމްބަރ 2016 - 19:42

ގައުމީ އެއާލައިން، މޯލްޑިވިއަންގެ 21 ވަނަ މަތިންދާބޯޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

ނިއު ޒީލެންޑުން ފުރައިގެން ރާއްޖެ އައި މަތިންދާބޯޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ޖެއްސުމުން އެ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ. އަދި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި ހަފްލާއެއް ވެސް ބޭއްވި އެވެ.

އެ ހަފްލާ އަށް ފަހު، އެއާޕޯޓުގެ ވީއައިޕީ ލައުންޖްގައި ވާހަކަ ދައްކަވަމުން އިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ މިިފަހަރު ގެނައީ ޑޭޝް 8 މަރުކާގެ ބޯޓެއް ކަމަށާއި މިއީ 50 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ. މި ބޯޓާ އެކު، އެެތެރޭގެ އުދުުހުންތަކުގައި އާންމުކޮށް ބޭނުންކުރާ ޑޭޝް 8 މަރުކާގެ ބޯޓްތަކުގެ އަދަދު ނުވައަކަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާރިސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ފަދަ ގައުމެއްގައި އެކި ހިސާބުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތައް ފަހިވެފައި އޮންނަން ޖެހޭނެ އެވެ. މާލެ ސަރަހައްދު ތޮއްޖެހިފައިވާ އިރު، ރާއްޖޭގެ އެހެން ހިސާބުތަކަށް ހަރަދު ކުޑަގޮތަކަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެހިފައި ނެތް ނަމަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށް. އެހެންވެ މި ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ހާރިސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މި ރަސްމިއްޔާތުގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މޯލްޑިވިއަން އަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އިގްތިސާދީ ގޮތުން ރާއްޖެ ބަދަލު ކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަމަށާއި އެއާ އެކު އައިލެންޑް އޭވިއޭޝަނަށް އަންނަ ކުރިއެރުންތައް ވެސް ފާހަގަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިންނަށް ވެސް ބޮޑު ފަސޭހައެއް ލިިބިގެންދޭ. އެނގިވަޑައިގަންނަވާނެ ފަދައިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ނިމި، ރާއްޖޭން ބޭރުން މިހާރު ފްލައިޓްތައް އެބަ ޖައްސާ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު، މޯލްޑިވިއަންގައި އޮތީ ހަ ބޯޓް ކަމަށާއި ނަަމަވެސް އެ ކުންފުނީގެ ފްލީޓްގެ އަދަދު މިހާރު 20 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ސީ ޕްލޭންގެ ހިދުމަތް ވެސް ފަށާފައިވާ ކަމަށާއި ގާތްގަނޑަކަށް 100 ޕައިލެޓުންނާއި އިންޖިނިއަރުން މަސައްކަތް ކުރާ ކުންފުންޏަކަށް އައިލެންޑް އޭވިއޭޝަން ވެފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ، ސިވިލް އޭވިއޭޝަންގެ ދާއިރާ އިން ވެސް ރާއްޖެ ވަރަށް ބޮޑަށް އެބަ ކުރިއަރާ،" ޒަމީރު ވިދާޅުވި އެވެ.
ގިނަ ޑޮމެސްޓިކް އެއާޕޯޓްތަކަށް ފްލައިޓް އޮޕަރޭޓްކުރުމުގެ އިތުރަށް، މޯލްޑިވިއަން އިން އިންޑިއާ، ބަންގްލަދޭޝް، ތައިލެންޑް އަދި ޗައިނާ އަށް ވެސް އުދުހެ އެވެ. މިއަދު ގެނައި ބޯޓާ އެކު އެ ކުންފުނީގެ ޑޭޝް 8 މަރުކާގެ ނުވަ ބޯޓާއި ދެ އެއާބަސް ބޯޓް އަދި 10 ސީޕްލޭން ބޭނުންކުރާނެ އެވެ.