ސިޒޭރިއަން ހެދި މީހާގެ ގޮހޮރު ބުރިވި މައްސަލަ ބަލަނީ
ސިޒޭރިއަން ހެދި މީހާގެ ގޮހޮރު ބުރިވި މައްސަލަ ބަލަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވެ، ހާލު ސީރިއަސްވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލެއް ނަމަވެސް ހެލްތު މިނިސްޓްރީން އެ މައްސަލަ ބަލަނީ އެ މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމު ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތް ކަމަށްވާތީ އެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ޑޮކްޓަރާ މެދު ފިޔަވަޅުއް އެޅުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ބަލައި ނިމުމުން ކަމަށެވެ.

"އެ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެނަކަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގައިދިޔަ ގޮތް މި ގެންދަނީ މި މިނިސްޓްރީން ބަލަމުންނެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އަޅަން ޖެހޭފިޔަވަޅު ތައް އަޅާނަމެވެ." މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުންޏެވެ.

މިކަމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކަން ހިނގި ގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރި، އަންހެން މީހާގެ އާއިލާގެ މެމްބަރަކު ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު، އަންހެން މީހާ ސިޒޭރިއަން ހެދި ފަހުން އޮޕަރޭޝަން ކާމިޔާބު ކަމަށް، ޑޮކްޓަރުން ބުނި ނަމަވެސް ހާލު ރަނގަޅު ނޫން ކަމަށެވެ.

އޭނާ ބުނި ގޮތުގައި ސިޒޭރިއަން ހެދި ފަހުން ތިން ދުވަސްވީއިރު ވެސް ބޮޑުކަމުނުދެވި ނޭވާލާން އުނދަގޫވާ ކަމަށް ނަރުހުން ގާތު ބުންޏެވެ. އެކަމަކު އެއީ ގޭސްޓްރިކްވެގެން ވާގޮތެއް ކަމަށް ބުނި ކަމަށް ވެ އެވެ. އަދި ފަހުން ހާލު ދެރަވުމުން ސީޓީ ސްކޭނެއް ހެދުމުން އަންހެން މީހާގެ ގޮހޮރުގައި ބްލޮކެއް އިންކަން އެނގުނު ނަމަވެސް އެކަމުގައި މައްސަލައެއް ނެތް ކަމަށް ވެސް ބުނި ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.

އޭގެ ފަހުން ހާލު ދެރަވެގެން އާއިލާ މީހުންނަށް ވެސް ނޭނގި، ބަލި މީހާ އައިސީޔޫއަށް ބަދަލުކުރި ކަމަށާއި އެވަގުތު ވެސް ހޮސްޕިޓަލުން ދިނީ ހުސް ދޮގު މައުލޫމާތު ކަމަށް އޭނާ ބުންޏެވެ. އަދި ފަހުން އައިސީޔޫ އިން ނެރެފައި ބަލި މީހާ ރަނގަޅު ކަމަށާއި ދެ ދުވަހެއްވަރު ބެލުމަށް ފަހު ގެއަށް ދޫކޮށްލާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެކަމަކު އެތަނުން ނުކުމެގެން އާއިލާ އިން އަންހެން މީހާ މާލެ ގެނެސް އޭޑީކޭއަށް ދެއްކުމުން އެނގުނީ ގޮހޮރު އެކީ ބުރިނުވެ އިނީ ކިރިޔާ ކަމެވެ. އެ ބަލި މީހާގެ ހާލު އަދިވެސް ސީރިއަސް އެވެ. ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.