06 ފެބުރުއަރީ 2022 - 12:19

އިނގިރޭސި ވަލީ އަހުދު އަމީރު ޗާލްސް އަށް އިނގިރޭސި ވިލާތުގެ ރަސްކަން ލިބިވަޑައިގެންފި ހިނދެއްގައި، އޭނާގެ މިހާރުގެ އަނބިކަނބަލުން އަމީރާ ކެމީލާ އަށް ރާނީގެ ލަގަބުން މުޚާތަބު ކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް، އިނގިރޭސި ރާނީ އެލިޒަބަތު 2 ވިދާޅުވެއްޖެ އެވެ.
ރާނީ އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ ދަރިކަލުން ޗާލްސް އަށް އިނގިރޭސި ތަޚުތު ލިބިވަޑައިގަންނަވާ ދުވަހަކުން، އަނބިކަނބަލުން ކެމީލާ އަށް އަމީރާގެ ނަމުން މުޚާތަބު ކުރުމުގެ ބަދަލުގައި، ރާނީގެ ނަމުން މުޚާތަބުކުރުމަކީ އޭނާ ވަރަށް އިހުލާސްތެރިކަމާ އެކު އެދޭ އެދުމެއް ކަމަށެވެ.
ކެމީލާ އަށް ރާނީގެ ލަގަބު ދިނުމާ މެދު އެ ގައުމުގެ ޝާހީ އާއިލާގެ ތެރޭގަ އާއި އާންމުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ވަނީ ޚިޔާލު ތަފާތުވެފަ އެވެ. ސަބަބަކީ، ވަލީ އަހުދު ޗާލްސްގެ އަވަހާރަވެފައިވާ ދޮށީ އަނބިކަނބަލުން އަމީރާ ޑަޔާނާ އަށް އެ ލަގަބު ދޭން ގިނަ ބަޔަކު ކުރިން ވެސް ބޭނުންވުމެވެ.
ނަމަވެސް ރާނީގެ މި ޝައުގުވެރިކަމާ އެކު، އަމީރާ ކެމީލާއަށް އެ ލަގަބު ދިނުމަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ.
އިނގިރޭސި ރާނީ އެލިޒަބަދު 2، އިނގިރޭސި ތަޚުތުގައި ވެޑުވީ ރަސްކަމުގައި ހުންނެވި ބައްޕާފުޅު ޖޯޖް، ފެބްރުއަރީ 6، 1952 ގައި ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ. ޝާހީ ދަތުރުފުޅެއްގައި ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުންނަވަނިކޮށް ބައްޕާފުޅު އަވަހާރަވެ، އިނގިރޭސި ތަޚުތު ލިބިވަޑައިގެންނެވި އިރު އެލިޒަބަތު އުމުރުން އެންމެ 25 އަހަރެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ފިރިހެން ބޭފުޅަކު އިންނެވި ނަމަ، އަނބިކަނބަލުންނަށް ރާނީގެ ލަގަބު އަދި އަންހެން ބޭފުޅަކު އިންނެވި ނަމަ ފިރިކަލުންނަށް ރަސްގެފާނުގެ ލަގަބު ދިނުމަކީ އިނގިރޭސި ވިލާތުގައި ކުރިން ވެސް އޮތް އާދައެކެވެ. ނަމަވެސް ރާނީ އެލިޒަބަތުގެ ފިރިކަލުން ފިލިޕް އަށް ބޭނުންކުރަމުން އައީ އަމީރު ނުވަތަ ޕްރިންސްގެ ލަގަބެވެ.
"އަޅުގަނޑުގެ ދަރިފުޅު ޗާލްސް ރަސްގެފާނަކަށްވާ ދުވަހަކުން، މިއަދު ތިޔަ ބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވާ އެހީތެރިކަމާއި ތާއީދު، އޭނާ އަށާއި އޭނާގެ އަނބިކަނބަލުންނަށް ވެސް ދެއްވާނެ ކަން އަޅުގަނޑަށް އެނގޭ. އަދި އެ ވަގުތު ޖެހިއްޖެ ނަމަ، އެކަމަނާގެ ވަފާތެރި ޚިދުމަތްތައް ދަމަހައްޓަމުންދާއިރު، އެކަމަނާ އަށް ރާނީގެ ލަގަބު ދިނުމަކީ އަޅުގަނޑުގެ ވަރަށް އިހުލާސްތެރި އެދުމެއް،" ރާނީ އެލިޒަބަތުގެ މެސެޖްގައި އެކަމަނާ ވިދާޅުވި އެވެ.
އަމީރު ޗާލްސް އާއި އަމީރާ ޑަޔާނާ ވަރިވެވަޑައިގަތީ 1996 ވަނަ އަހަރުގެ ތެރޭގަ އެވެ. ޑަޔާނާ ތުހުމަތުކުރައްވާ ގޮތުގައި އެ ދެ ބޭފުޅުންގެ ކައިވެނި ރޫޅުމުގެ ސަބަބަކަށްވީ ކެމީލާ އެވެ. ޑަޔާނާގެ އެ ތުހުމަތުތަކާ ގުޅިގެން، ޗާލްސް ވަނީ އޭނާ އާއި ކެމީލާއާ ދެމެދު ސިއްރު ގުޅުމެއް އޮތް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.