06 ފެބުރުއަރީ 2022 - 12:15

އިރުމަތީ ޔޫރަޕުގައި ތިބި ނޭޓޯ ސިފައިންނަށް މަދަދު ދިނުމަށް ފޮނުވަން ކަނޑައެޅި އެމެރިކާ ސިފައިންގެ ލަޝްކަރުގައި ހިމެނޭ ފުރަތަމަ ފައުޖުގެ ސިފައިން ޕޮލެންޑަށް އިއްޔެ ހިނގައްޖެ އެވެ.
އިރުމަތީ ޔޫރަޕުގައި ނޭޓޯ ސިފައިންގެ އަދަދު އިތުރުކުރަން މިފެށީ، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ އެއް ލައްކަ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށް، ޔޫކްރޭނަށް އަރައިގެންފާނެ ކަމުގެ ބިރު ހީވުމާ ގުޅިގެންނެވެ. ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭނަށް އަރައިގަތުމުގެ ވިސްނުމެއް ނެތެވެ.
އެމެރިކާގެ 4،000 ސިފައިން 2017 ވަނަ އަހަރުން ފެށިގެން، ދާއިމީ ގޮތެއްގައި ޕޮލެންޑްގައި ތިބެ އެވެ. އޭގެ އިތުރުން 1،700 ސިފައިން ޕޮލެންޑަށް ފޮނުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިދިޔަ ބުދަ ދުވަހު އަންގަވައިފަ އެވެ.
މީގެ އިތުރުން، ޔޫކްރޭން މައްސަލައާ ގުޅިގެން ނޭޓޯ އަށް މަދަދު ދިނުމަށް ފޮނުވާ އެމެރިކާ ސިފައިންގެ އަދަދު 3،000 އަށް އިތުރުކުރުމަށް ވެސް ބައިޑެން ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރެއިން ބައެއް ސިފައިން ފޮނުވާނީ ޖަރުމަން ވިލާތަށެވެ. އަދި ބައެއް ސިފައިން ފޮނުވާނީ ރޮމޭނިއާ އަށެވެ. މީގެ ތެރެއިން ފުރަތަމަ ފައުޖުގެ ސިފައިން މިދިޔަ ހުކުރު ދުވަހު ޖަރުމަނު ވިލާތަށް ހިނގައްޖެ އެވެ.
ރަޝިޔާ އޮންނަނީ ޔޫކްރޭންގެ އިރުމަތީގައި ކަމަށްވާއިރު ޕޮލެންޑް އޮންނަނީ ޔޫކްރޭންގެ ހުޅަނގުގަ އެވެ. ޔޫކްރޭނަކީ ރަޝިޔާއާ އިންވެގެން އޮތް ގައުމަކަށް ވާއިރު، އެ ގައުމުން ބޮޑަށް ގުޅުން ގާއިމުކޮށްފައި ވަނީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކާ އެވެ. އޭގެ އިތުރުން ޔޫކްރޭނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ނޭޓޯގެ މެމްބަރުކަން ހޯދުމަށެވެ.
ރަޝިޔާ އާއި ނޭޓޯ ވެސް އަސްކަރީ ގޮތުން ތައްޔާރީ ހާލަތުގައި އޮތް އިރު، މި މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އެ ގޮތުން މި މައްސަލައިގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު މަޝްވަރާ ކުރެއްވުމަށް، ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން، މާދަމާ ރަޝިޔާ އަށް ވަޑައިގަންނަވާނެ އެވެ. އަދި ޔޫކްރޭންގެ ވެރިރަށް ކިއޭވް އަށް އަންގާރަ ދުވަހު ވަޑައިގަންނަވާނެ އެވެ.
އޭގެ އިތުރުން ޖަރުމަން ވިލާތުގެ ޗާންސެލަރު އޮލާފް ޝޯލްޒް މި މަހުގެ 14 ވަނަ ދުވަހު ކިއޭވް އަށް އަދި 15 ވަނަ ދުވަހު މޮސްކޯ އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.