ގައުމުން ބޭރުގައި ތިބި މީހުން ފައިސާ ފޮނުވަން ލަންކާގެ ރައީސް އެދިވަޑައިގެންފި
ގައުމުން ބޭރުގައި ތިބި މީހުން ފައިސާ ފޮނުވަން ލަންކާގެ ރައީސް އެދިވަޑައިގެންފި

ބޭރު ގައުމުތަކުގައި ތަފާތު ވަޒީފާތަކުގައި ތިބި ސްރީ ލަންކާގެ ރައްޔިތުން، އެ މީހުންގެ ގައުމަށް ބޭރު ފައިސާ ފޮނުވައިދިނުމަށް، އެ ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އެދިވަޑައިގެންފި އެވެ.

މިދިޔަ ހުކުރު ދުވަހު ފާހަގަކުރި ސްރީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކައިގައި ރައީސް ގޯޓާބޭ ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް، ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ ލަންކާގެ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ލަންކާގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ކުރާ މަސައްކަތަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ބޭރު ފައިސާ ލިބުން މަދުވެ، ޒަރޫރީ ބައެއް މުދާ އިމްޕޯޓްކުރުމުގައި ވެސް ލަންކާއަށް ވަނީ ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފަ އެވެ. ހިކި ކިރުގެ ބާވަތްތަކާއި ކައްކާ ގޭހާއި ސާފުތެލާއި އެނޫން ވެސް ޒަރޫރީ ވަރަށް ގިނަ ބާވަތްތައް މިހާރު ވަނީ ބާޒާރުން ވަރަށް ބޮޑަށް މަދުވެފަ އެވެ.

މީގެ އިތުރުން ރޯ މެޓީރިއަލް އިމްޕޯޓްކުރުން ވެސް ހުއްޓިފައިވާތީ، ލަންކާގެ އުފެއްދުންތެރިކަން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެ ގައުމުގެ ރަސްމީ އިދާރާތަކުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، ކާބޯތަކެތީގެ އަގުތައް ވަނީ 25 ޕަސެންޓް މަތިވެފަ އެވެ. އަދި ބައެއް ބާވަތްތަކުގެ އަގު ވަނީ އެއަށް ވުރެ މައްޗަށް އަރައިފަ އެވެ.

ލަންކާގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޓޫރިޒަމަށާއި ބޭރު ގައުމުތަކާ ދެމެދު ކުރާ ވިޔަފާރިއަށެވެ. ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ޓޫރިޒަމަށް ވަރަށް ބޮޑަށް ގެއްލުންވެ، ވިޔަފާރިތައް ވެސް ވަނީ ހުއްޓިފަ އެވެ.

ސްރީ ލަންކާ ސަރުކާރުން ލަފާކުރާ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދަށް ލިބުނު ގެއްލުން 14 ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ. މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ދެމެދު، އެ ގައުމުގެ އިގްތިސާދު ވަނީ 1.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ރައީސް ގޯޓާބޭ ވިދާޅުވި ގޮތުގައި، ގައުމުގެ އިގްތިސާދު އަޑިއަޅާލާފައި އޮތް މި ދަނޑިވަޅުގައި، ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ ލަންކާ ރައްޔިތުން އެމީހުންގެ ގައުމަށް ބޭރު ފައިސާ ފޮނުވައިދިނުމަކީ، ގައުމުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން، ލަންކާ އަށް އެތެރެކޮށްފައި ހުރި އެތައް ހާސް ކޮންޓޭނަރެއްގެ މުދާ ކަސްޓަމުން ނުނެރެވި މިހާރުވެސް ބަނދަރުގައި އެބަހުއްޓެވެ.