ހިތްވަރުކުރާނަމެވެ.
ހިތްވަރުކުރާނަމެވެ.

އިރު އެރުމުގެ މާ ކުރިން، ކިތަންމެ ދުވަހަކު އުދަރެސް ފޮރުވައިލައެވެ. ކަޅު ވިލާތައް އައިސް އިރުގެ ދޯދިތަކަށް ހުރަސްއަޅައެވެ. އިރު އޮއްސޭ މަންޒަރު ފޮރުވައިލުމަށްޓަކައި ވެސް، ކިތަންމެ ފަހަރަކު އެ ވިލާތައް އާދެއެވެ. އެކަމަކު، އަރައިއޮއްސުމުގައި އިރު ދެމިހުރެއެވެ. އަހަރެން ކަހަލަ މީހަކަށް ހިތްވަރުލިބިދާނެ ކަމުގެ އުންމީދުގައެވެ. އަހަރެން އެންމެ ފުރަތަމަ ފިރިޔަކީ، ކުޑައިރުއްސުރެ އެންމެ ލޯބިވި މީހާއެވެ. އެއީ، ހަމައެކަނި އަވަށްޓެރިއެއް ނޫނެވެ. އަހަރެންގެ ހިތުގެ ވެރިޔާ ވެސް މެއެވެ. ދުވަސްތައް ހޭދަވެގެންދިޔައީ ކިހާ އުފަލުގަ ހެއްޔެވެ؟ އެކަކުއަނެކަކު ދެކެ އަހަރުމެން ލޯބިވީމެވެ. ތެދުވެރިވީމެވެ. އޯގާތެރި ވެސް ވީމެވެ. އެހެންނަމަވެސް، ކައިވެންޏަކަށް އެ ވަރަކުން ނުފުދެއެވެ. ލޯބީގެ އަލިކަން ފަތުރައިދޭނެ ހުޅުކޮޅެއް ވެސް ބޭނުންވެއެވެ. އަހަރުމެން ފަސްގަނޑުޖެހި ބިމުގައި އިންދާނެ ގޮފިކޮޅެއް އަހަރުމެން ވެސް ބޭނުންވިއެވެ. އެ ހުވަފެން ވެގެންދިޔައީ ބިލާހަކަށެވެ. ވަރަށް ދެރަވިއެވެ. ދަރިން ނުލިބެނީ އަހަންނަށްކަން އެނގުމުން އެ ހިތްދަތިކަން އެތައް ގުނައަކަށް އިތުރުވިއެވެ.

ކުއްޖަކު ލިބޭތޯ އަހަރެން ފަރުވާހޯދީމެވެ. އަހަރެންގެ މައިންބަފައިންގެ އަތްމަތި ތަނަވަހެވެ. ފެން ފަދައިން ފައިސާ ޚަރަދުކުރިއެވެ. ދުޢާ ދެންނެވީމެވެ. ފިރިމީހާގެ ޢާއިލާއިން ވެސް ހިތްވަރުދިނެވެ. އުންމީދުކަނޑައެއް ނުލައެވެ. އެކަމަކު، އެ ގޮތުގައި ތިބެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ފިރިމީހާގެ ޢާއިލާގައި ޢާއިލީ ޑޮކްޓަރެއް ހުރެއެވެ. އެންމެން ދަންނަ މަޝްހޫރު ޑޮކްޓަރެކެވެ. ހަމަ އެ ފަދައިން ފަންޑިތަހަދާ މީހަކު ވެސް ހުރެއެވެ. ޢާއިލާގެ ގާތް މީހުންގެ ތެރެއިން މަދު މީހަކަށް މެނުވީ، އެ ފަންޑިތަވެރިޔާއެއް ނޭނގެއެވެ. އެ މީހާގެ އެހީ ހޯދާކަމެއް ވެސް ނޭނގެއެވެ. ފަންޑިތަވެރިޔާ ލަފާދިން ގޮތުގައި، މަންމައަކަށްވުމުގެ ނަސީބެއް އަހަރެންގެ ނެތެވެ. ކިތަންމެ ފަރުވާއެއް ކުރިޔަސް ވެހެވެ. ފަންޑިތައިން ވެސް އެ ކަމަށް ވެދެވޭނެ އެހީއެއް ނެތެވެ. ފަންޑިތަވެރިޔާގެ ނަޒަރުގައި އަހަރެންގެ ބަދުނަސީބުކަން ހުރިވަރުން، އެހެން މީހެއްގެ ދަރިއަކަށް ވެސް އަހަންނަކަށް މައިންވަންތަ ލޯތްބެއް ނުދެވޭނެއެވެ. ޢާއިލާގެ އެކި މީހުންގެ ވިސްނުން އެކި ދިމާއަށް މިސްރާބުޖެހީ އެ ހިސާބުންނެވެ. ލޯބިވާކަން ދައްކަން ފިރިމީހާ ވަރަށް މަސައްކަތް ކުރިއެވެ. އެ ހަނގުރާމަ ބޮޑުވެ، އަހަރެން ދިފާޢު ކުރުމަކީ ފިރިމީހާއަށް ފަސޭހަކަމަކަށް ނުވިއެވެ. އެންމެ ފަހުން އޭނަ ވެސް ފޫހިވީއެވެ. އަހަރެން ވަރިކޮށްފައި ފޮނުވައިލިއެވެ.

ފުރަތަމަ ކައިވެނި ނާކާމިޔާބު ވިޔަސް އަހަރެން މާޔޫސެއް ނުވެއެވެ. އަހަރެންގެ އުމުރުން އޭރު ފަންސަވީސް އަހަރެވެ. ޒަމާނީ ހެދުންތަކާއި މޭކަޕަކީ އަހަރެންގެ އެންމެ ގާތް ދެ އެކުވެރިންނެވެ. ފިރިހެނުން އަޅައިގަންނަ ކަހަލަ ސިފަތަކެއް އަހަރެންގެ ހުރެއެވެ. ދަޢުވަތު އޮހެން ފެށިއެވެ. އެކަކަށް ވުރެ މުއްސަނދި، ރީތި އަނެކަކެވެ. ދެވަނަ ކައިވެނިކުރީމެވެ. ނާކާމިޔާބުވުމުން ތިންވަނަ ކައިވެނި ކުރީމެވެ. ހަޔާތާ މެދު ކަންބޮޑުވާން ފެށީ، އެ ކައިވެނި ވެސް ރޫޅުނު ފަހުންނެވެ. ސަބަބަކީ ކުރީގެ ވެސް ސަބަބެވެ. އަހަންނަށް ދަރިއަކު ނުލިބުމެވެ.

ތިންވަނަ ކައިވެނި ރޫޅުނު ހިސާބަށް ދިޔައިރު އަހަންނަށް އެއް ކަމެއް ކަށަވަރު ވިއެވެ. އަހަރެންގެ ހަށިގަނޑުގައި އެހެން ވިންދެން ނުޖަހާނެއެވެ. އެ ނަސީބެއް އަހަރެންގެ ނެތެވެ. އިތުރު ކައިވެންޏެއް ނުކުރަން އަހަރެން ނިންމީމެވެ. އެއާއެކު، އަހަރެންގެ ހަށިގަނޑުގައި ބީރައްޓެއްސަކު ވަޒަންވެރިވިއެވެ. ނަމަކީ "ޑިޕްރެޝަން" އެވެ. ބިދޭސީ ނަމެކެވެ. އެހެންނަމަވެސް، ޙަޤީޤީ އިހުސާސްތަކެކެވެ. ނާއުންމީދާއި ހިތްދަތިކަމެވެ. މާޔޫސްކަމުގެ ތަންމައްޗެއްގައި އަހަރެން އޮށޯތީމެވެ. ހިތްދަތިކަމުގެ ރަޖާގަނޑެއް ގައިގައި އޮޅައިލީމެވެ. އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަމާއި، ލޯބިވާ ފިރިއަކު ހަޔާތަށް ނާންނާނެކަން އެނގުމަކީ، ދުނިޔެމަތިން އަހަރެން ފޫހިވި ކަމެކެވެ. އެކުވެރިން ހިތްވަރުދިނެވެ. އަހަރެން އުފާކޮށްދޭން މަސައްކަތް ކުރިއެވެ. އެކުގައި ތަންތަނަށް ގެންގޮސް، އެކި މީސްމީހުންނަށް އަހަރެން ތަޢާރުފުކޮށްދޭން މަސައްކަތް ކުރިއެވެ. އެކަމަކު، އޭގެ އާޚިރު ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ކައިވެންޏެވެ. ދަރިއެކެވެ. އެ ހިސާބުން އަހަރެން ފޫހިވެއެވެ. އަހަރެންގެ ބޭކާރުކަން އިހުސާސް ކުރެވެއެވެ. ޝަކުވާތައް ހިތުގައި ފުނިޖެހުނެވެ. އަހަންނަށް އެ ފަދަ ގޮތެއް ދިމާވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ކުޑަކުދިން ކުޅެމަޖާކުރާތަން ފެނުމުން އަހަރެންގެ ހިތުގެ ރިހުން ގަދަވެއެވެ. ޢާއިލާގެ މީހުން ދަރިން ގޮވައިގެން އުޅޭ ތަން ފެނުމުން އަހަރެންގެ ހިތަކަށް ކެތެއް ނުވެއެވެ. ބޭނުންވަނީ އެ ފަދަ އެއްވެސް މަންޒަރެއް ނުފެންނާށެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި ހައްޔަރުވާށެވެ. އަހަރެންގެ ހިތަށް ކުރާނެ އަސަރު އެނގޭނީ އަހަރެން ކަހަލަ މީހަކަށެވެ. ދަރިއެއްގެ ނަސީބުން އުނގު ފަޅުވެފައިވާ މީހަކަށް އެކަންޏެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އެކަނިމާއެކަނި ހިނގަމުން އަހަރެން ދިޔައީމެވެ. ހިތް ބުނެއެވެ. އަހަރެންގެ ހަޔާތަށް ހިޔަނިއަޅައިފައިވާ ކަޅު ވިލާތަކެއް ނުކެހޭނެއެވެ. އަހަންނަކަށް ފަތާކަށް ނޭނގެއެވެ. މިސްރާބު ހުރީ މޫދާ ދިމާއަށެވެ. ތޮށިގަނޑުމައްޗަށް އެރީމެވެ. ދިޔަވަރު އެންމެ ބޮޑު ވަގުތެވެ. ބޭނުންވީ، ހިތްއެދޭ ކުރުމަގުގެ ބޭނުން ހިފާށެވެ.

"މަންމާ!" އަހަރެންގެ ހެދުމުގައި ހިފައިފައި ކުޑަ ކުއްޖަކު ބުނެލި އަޑު އިވުނެވެ.

ފަސްއެނބުރި ބަލައިލިއިރު، އުމުރުން އަށެއްކަ އަހަރުގެ ފިރިހެން ކުއްޖަކު އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ބަލައިލުމުން އެ ކުއްޖާގެ މޫނުމައްޗަށް ވެރިވީ ނުތަނަވަސްކަމެވެ.

"ތީ އައްކޮގެ މަންމައެއް ނޫންތަ؟" އެ ކުއްޖާ ސުވާލުކުރިއެވެ. "ކޮބައިތަ އައްކޮގެ މަމީ؟"

މަންމައެއްގެ ދަރަޖަ އަހަންނަށް ފުރަތަމަ ދިން އަކުރަމާ ބައްދަލުވި ގޮތަކީ އެއީއެވެ. އެ ކުއްޖާއަކީ، ބަލައިލި ކޮންމެ މީހެއްގެ ހިތަށް ފިނިކަން ގެނެސްދޭ ކަހަލަ ލޯބި ކުއްޖެކެވެ.

"އައްކޯ! އައްކޯ!" ދުވަމުން އައި ފިރިހެނަކު ގޮވައިލިއެވެ. "ޑެޑީ ބުނީމެއްނު ދުރަށް ނުދައްޗޭ!"

އައި މީހާ ނިކަން ލޯބިން އެ ކުއްޖާ ގައިގައި ބައްދައިލިއެވެ. ފިރާޒާ ފުރަތަމަ ދިމާވި ގޮތަކީ އެއީއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުޑަކުއްޖަކު މަންމާއޭ ކިޔައިފައި ގޮވައިލުމުން، ކުޑަކުޑަ އަތަކުން ހިތުގައި ވިކައިލި ކަހަލައެވެ. އެ ކުއްޖާ އަހަރެންގެ އަތުގައި ހިފިއެވެ. ފިރާޒު ނުތަނަވަސްވިއެވެ. އަހަރެން ވެސް ލަދުގަތެވެ.

"ތީ މަންމީތަ؟" އަކުރަމް ސުވާލުކުރިއެވެ. "މަމީ ގޮވައިގެން ހިނގާބަލަ ޑެޑީ!"

އަހަރެންގެ އަތުން އަކުރަމް ދުލެއް ނުކުރިއެވެ. އެ ދަނޑިވަޅުގައި އަހަރެންނާއި ފިރާޒުގެ ސިކުނޑި ވެސް މަސައްކަތް ކުރީ، އެ ފަދަ ދަނޑިވަޅެއްގައި މަސައްކަތް ކުރާނެ ގޮތަށެވެ. އެއީ، ކުޑަކުއްޖާ ރޮއްވައިނުލުމެވެ.

"ބިޒީ ނޫނިއްޔާ ކުރުނބައެއް ބޯލަން ހިންގަވާ!" ދެ ޚިޔާލެއްގައި ހުރެފައި ފިރާޒު މަޑުމަޑުން ބުނެލިއެވެ. "އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންނަކީ ދެ ބީރައްޓެހިންކަން. އެކަމަކު.."

"ހިނގާ!" ޖެހިލުމެއް ނެތި އަހަރެން ބުނީމެވެ.

އަހަރެން ވިސްނަންވީ ކޮންކަމަކާ ހެއްޔެވެ؟ އަހަރެން ޖަވާބުދާރީވާން ޖެހޭނީ ކާކަށް ހެއްޔެވެ؟ މަންމައަކަށް ނުވި ނަމަވެސް، މައިވަންތަ ލޯބި އަހަރެންގެ ހިތުގައި އުތުރިއަރަމުންދިޔައެވެ. އަކްރަމްގެ މަންމަ ކޮބައިކަމެއް، އޭނައަށް ވީ ކިހިނެއްކަމެއް ވެސް އަހަންނަކަށް އޭރަކު ނޭނގެއެވެ. ކުރުނބާ ބޯން އަހަރެން ދިޔައީ، ފަހުން ވެދާނެ ގޮތަކާ މެދު ވިސްނާލަން ސިކުންތެއް ވެސް ނުނަގައެވެ.

ފިރާޒާއި އަހަރެންގެ ގުޅުން ބަދަހިވިއެވެ. ފޯނުން ވާހަކަދައްކައި އެކަކުއަނެކަކާ ބައްދަލު ވެސް ކުރީމެވެ. އަހަރެން އެންމެ އުފާވީ ފިރާޒުގެ ފަރާތުން އަހަންނަށް ލިބޭނެ ހިތްދަތިކަމެއް ނެތުމުންނެވެ. ކައިވެނިކުރަން އޭނަ ބޭނުމެވެ. އިތުރު ދަރިއަކު ހޯދާކަށް ބޭނުމެއް ނޫނެވެ. ނަތީޖާއަކަށްވީ އަހަރެންގެ އުނި ސިފަ ބަލައިގަންނަން ފިރާޒަށް ފަސޭހަވުމެވެ. ފިރާޒުގެ އަނބިމީހާ މަރުވިތާ އޭރު ތިން އަހަރު ވެއްޖެއެވެ. އޭނަ މަރުވީ އެކްސިޑެންޓެއް ނުވަތަ ބައްޔެއް ވެގެނެއް ނޫނެވެ. އެއްދުވަހަކު ވަރަށް މަޖާކޮށް އުޅެއުޅެފައި ކުއްލިއަކަށް މަރުވީއެވެ. ޑޮކްޓަރު ބުނި ގޮތުގައި އެއީ ޤުދުރަތީ މަރެކެވެ. އޭނަޔާ އަހަންނާ ވައްތަރު ގޮތެއް ހުރެއެވެ. އިސްކޮޅާއި ބައްޓަމުގައެވެ. މޫނުގެ ސިފަ ވައްތަރެއް ނޫނެވެ.

އަހަރުމެން ކައިވެނިކުރީމެވެ. އަހަރެންދެކެ އަކްރަމް ވަރަށް ލޯބިވެއެވެ. ކިއީ ވެސް މަންމައެވެ. އޭނަދެކެ އަހަރެން ވެސް ވަރަށް ލޯބިވިއެވެ. އަހަރެންގެ އުނިކަން ދާދި އަވަހަށް އަހަރެން ހަނދާންނެތުނެވެ. އުފަލާއި ލޯބީގެ މާތަކުން އަހަރެންގެ ފަސްބައި ފުރުނެވެ. ފޮނި ހަނދާންތަކެއް ރައްކާކުރީމެވެ. ހިތަށް ފިނިކަން ލިބުނީ ހިތަށް ބިރުވެރިކަން ވަންނަ ވަރަށެވެ. ފަންޑިތަވެރިޔާ ބުނި ބަސް އަހަރެން ހަނދާނެއް ނުނެތެއެވެ.

ވަރަށް ހިތްފަސޭހަ ދުވަހެއްގެ މެންދުރުގެ ވަގުތެވެ. އިސްކޫލުން އަކްރަމް ގޮވައިގެން ފިރާޒު އައީ ގެއަށެވެ. ގޯޅިއަކުން ނިކަން ބާރަށް ނުކުތް ސައިކަލެއް އައިސް ޖެހިފައި ފިރާޒުގެ ސައިކަލު ވިއްސައިގެންދިޔައެވެ. އަކްރަމް ވިއްސައިގެންދިޔައީ އެހެން ދިމާއަކަށެވެ. ފިރާޒްގެ އުޅަނބޮށި މަށައިގެންދިޔައެވެ. އިތުރު އެއްވެސް އަނިޔާއެއް އޭނައަކަށް ނުވެއެވެ. އަކްރަމް ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ މަރުވިއެވެ. އެ ހިސާބުން ފިރާޒުގެ ހަޔާތުގެ މަޤްޞަދު ގެއްލުނީއެވެ. އަޑުގެކޮޅަށް ރުއިމުގެ ބަދަލުގައި އަހަންނަށް ފެނުނީ އަމިއްލަ ނަފުސާ ދެކޮޅަށް ފިރާޒު ކުރި ވަރުގަދަ ހަނގުރާމައެވެ.

"ޑިޕްރެޝަން" އަކީ އަހަރެން އަޑުއަހާ ލަފުޒެކެވެ. ކަމެއް ދިމާވާއިރަށް ކުޑަކުޑަ ކުދިން ވެސް "ޑިޕްރެސް ވާ" ވާހަކަ ބުނެއެވެ. ގިނަ ފަހަރަށް އެހެން އެ ބުނަނީ ފޫހިވުން ބަޔާންކުރަން ބުނާނެ އެހެން ލަފުޒެއް ނުވިސްނިގެންނެވެ. އެކަމަކު، ޙަޤީޤީ ހިތްދަތިކަމެއް ކުރިމަތިވީ ފިރާޒަށެވެ. އޭނަ މަސައްކަތްކުރީ އެ ކަން ނާންގާށެވެ. ކެވޭކަން އަންގަން އޭނަ އުޅުނެވެ. ފެންވަރަން ފާޚާނާއަށް ވަދެ އެތައް ވަގުތެއް އޭނަ ހޭދަކުރެއެވެ. އެއީ އޭނަ ރޯ ވަގުތެވެ. ނާންގަން އުޅޭތީ ނޭނގޭކަމަށް އަހަރެން ހެދުނަސް، އެ ހުރިހާކަމެއް އަހަންނަށް އެނގެއެވެ. އަކްރަމް ވަކިވެގެންދިޔަ ސަބަބު ވެސް އަހަންނަށް އެނގެއެވެ. ދަރިއެއްގެ ލޯބި އަހަރެންގެ ނަސީބުގައި ނެތީއެވެ. ފިރާޒާއި އަހަރެން ކައިވެނި ނުކުރި ނަމަ، އަކްރަމް ދުނިޔޭގައި ހުރީހެވެ. އަހަންނަކީ ކުށްވެރިއެކެވެ. އަހަރެންގެ ސަބަބުން މީހަކަށް މި ލިބުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ އެކަމަކު އަހަރެން މިއަދު މާޔޫސްކަމުގެ ރަޖާއޮޅައިގެން އޮށޯވެއްޖެ ނަމަ، ފިރާޒަށް އެހީވާނީ ކާކު ހެއްޔެވެ؟ އަހަރެންގެ އެހީ މިއަދު އޭނައަށް ބޭނުންވެއެވެ. އަހަރެން ޖެހޭނީ ހިތްވަރުކުރާށެވެ. ބުނަން ކިތަންމެ ފަސޭހަޔަސް މިއީ ކުރަން ފަސޭހަކަމެއް ނޫންކަން އަހަންނަށް އެނގެއެވެ.

ނިމުނީ