07 ފެބުރުއަރީ 2022 - 06:23

ކްރިޕްޓޯ ކަރަންސީގެ ސްކީމެއް ފަށައިގެން އުޅޭ ކަމަށް ބުނެ ބޮޑު ޔޫޓިއުބަރެއް އޭނާގެ ފޭނުންނަށް އޮޅުވާލައިގެން އެމީހުންގެ އަތުން 700،000 އަށް ވުރެ ގިނަ ޑޮލަރު އަތުލައިފި އެވެ.
އެމެރިކާގެ ޒުވާން ޔޫޓިއުބަރެއް ކަމަށްވާ، 27 އަހަރުގެ ޕޯލް ޑެނީނޯ ނުވަތަ އާންމުން ދަންނަ ނަމުން ނަމަ، "އައިސް ޕޮސައިޑަން" ވަނީ ދާދި ފަހުން އޭނާގެ އަމިއްލަ ކްރިޕްޓޯ ކަރަންސީ އެއް ކަމަށްވާ "ސީއެކްސް ކޮއިން"ގެ ނަމުގައި އަމިއްލަ ކަރަންސީއެއް އުފައްދާ ކަމަށް ފޭނުން ގާތު ބުނެފަ އެވެ.
އަމިއްލަ ކަރަންސީއެއް ތައާރަފުކޮށް، ޕޯލް އޭނާގެ ފޭނުން ގާތުގައި އެދިފައި ވަނީ އެ ކަރަންސީ އަށް އިންވެސްޓް ކުރުމަށެވެ. އެއާ އެކު އޭނާގެ އެތައް ފޭނުންނެއް ވަނީ ގިނަ އަދަދަކަށް އެ ކަރަންސީ އަށް އިންވެސްޓް ކޮށްފަ އެވެ.
އެ ކްރިޕްޓޯ ތައާރަފުކުރިތާ ދެ ހަފުތާ ތެރޭގައި އޭގެ އަގު މައްޗަށް ދިޔަ އެވެ. އެއާ އެކު ކްރިޕްޓޯގެ ފައިސާ އާއި މުޅި ކުންފުނި، އޭނާ އަމިއްލަ އަށް ފައިދާ ލިބޭ ގޮތަށް ވިއްކާލި އެވެ.
ފޭނުންގެ ހުރިހާ ފައިސާއެއް އެކި ބައިބަޔަށް ބަހާލި އެވެ. ޕޯލް އަށް ސާފު ފައިދާއެއްގެ ގޮތުގައި 500،000 ޑޮލަރާއި އާ ޓެސްލާ ކާރެއްގެ ލިބުނެވެ. އޭގެ ފަހުން ލިބުނު 200،000 ޑޮލަރު އޭނާ ދިނީ އޭނާގެ ޑިވެލޮޕަރުންނަށެވެ.
މިކަން ފަޅާ އަރުވާލާފައި ވަނީ ޔޫޓިއުބަރެއް ކަމަށްވާ ކޮފީޒިއްލާ އެވެ. އޭނާ އެކަމާ ގުޅިގެން ޕޯލް އާ ވާހަކަ ދެއްކުމުން އޭނާ ވަނީ އެކަމަށް އެއްބަސް ވެސް ވެފަ އެވެ. އަދި އެ ފައިސާ އަނބުރާ ނުދޭނެ ކަމަށް ވެސް ޕޯލް އޭނާ ގާތު ބުންޏެވެ.
ޕޯލް ބުނިގޮތުގައި އެ މައްސަލައިގައި ބަލާނީ އަމިއްލަ ފައިދާ އަށް ކަމަށާއި ފޭނުން އޭނާ އަށް ފައިސާ ދިނުމަކީ އެމީހުން އަމިއްލަ ރިސާޗު ނުކުރުމުގެ ނަތީޖާއެކެވެ.
މި މައްސަލައާ ގުޅިގެން ބައެއް ފޭނުން މިހާރު އަންނީ ކޯޓަށް ދާން ތައްޔާރުވަމުންނެވެ.