ލޯބީގެ ދާނުގާ
ލޯބީގެ ދާނުގާ

ބުދަ ދުވަހާ ގުޅޭ

"ބައްޕަ ލޮލެއް ނުހުޅުވި." ވަރަށް ހާސްވެފައި މުނީރު ބުންޏެވެ.

އަހަންނަށް ހީވީ ބިންގަނޑު އެއްކޮޅަށް އަރިއަޅައިލިހެންނެވެ. ކައިރީގައި ހުރި މޭޒުގައި ނުހިފޭއްޓި ނަމަ އަހަރެން ވެއްޓުނީހެވެ. ވަގުތުން އަނީސްއަށް ގުޅައި އޭނަޔާ ކިލާސް ހަވާލުކޮށްފައި އަހަރެން ގެއަށް ދިޔައީމެވެ. އޭރު ވެސް މުނީރު ހުރީ ބައްޕަޔަށް ގޮވާށެވެ.

"ބައްޕާ ބައްޕާ!" އަހަރެން ވަރަށް ބާރަށް ގޮވައިލީމެވެ.

ބައްޕަ ލޮލެއް ނުހުޅުވިއެވެ. ޖަވާބެއް ނުދިނެވެ. އަހަރެން އެންބިލާންސަން ގުޅީމެވެ. ދޭންވާ ހުރިހައި މައުލޫމާތެއް ނުދެވިގެން އުޅެނިކޮށް މުނީރު ގޮވައިލި އަޑު އިވުނެވެ. އަހަރެން ބަލައިލި އިރު ބައްޕަ އޮތީ ލޯހުޅުވައިގެންނެވެ. އަދި އަތް ހިއްލައިލައިފައި ބޮޑުވައި އިނގިލި ދައްކައިލިއެވެ. ހުރިހައި ކަމެއް ބަރާބަރޭ ބުނާ ކަހަލަ ގޮތަކަށެވެ. އުފަލުން އަހަންނަށް ހެވުނު އިރު ލޮލުން ކަރުނަ ހިލިއްޖެއެވެ.

"ބައްޕަ ހިތަށްއެރީ ދަރިފުޅު ލޯބިވާ ވަރު ބަލައިލާނަމޭ!" ބައްޕަ ބުންޏެވެ.

އެއީ ބައްޕަގެ އާދައެވެ. ނޭވާ ކިރިޔާ ވެސް ހިނގާކަމަށް ވަންޏާ ބައްޕަ ސަމާސާކުރާނެއެވެ. އެންބިލާންސު ކެންސަލުކުރުމަށް ފަހު ބައްޕަގެ އެނދު ކައިރިއަށް އައިސް ބައްޕަގެ އަތް އަހަރެންގެ މޫނުގައި ޖައްސައިލީމެވެ. އެއަތް ވަރަށް ފިންޏެވެ. އަހަރެންގެ ހިތް ބުންޏެވެ. ނޫނެކެވެ. ބައްޕަ ކުރީ ސަމާސާއެއް ނޫނެވެ. އެއީ އިންޒާރުގެ ރަތް ސިގުނަލެކެވެ. ޔަގީނުން ވެސް ބައްޕައަށް ކޮންމެވެސް ކަމެއް ވީއެވެ. ބައްޕައަށް އެ ކަން ފަހުން ވިސްނި، އަހަންނަށް އޮޅުވައިލީއެވެ. އަހަރެން ކަންބޮޑުވިޔަ ނުދިނުމަށް ޓަކައެވެ. ވަދާއުގެ ދުވަސް ކައިރިވެއްޖެއެވެ. ވަކިވުމުގެ ތައްޔާރީތައް އަހަރެން ފަށަންވެއްޖެއެވެ.

ގިނަ ވަގުތު އެކުގައި އެޅެން ފެށުމުން ބައްޕަ ދައްކާ ވާހަކަ އަހަންނަށް ދޭހަވާލެއް ފަސޭހަވާން ފެށިއެވެ. ފޮތާއި ގަލަމުގެ ބޭނުން ކެނޑުނެވެ. ދައްތަމެންނާއި ކޮއްކޮގެ ތަރުޖަމާނަކީ ވެސް އަހަރެންނެވެ. އެހެން ކުދިންނަށް ވުރެ ބައްޕަޔާ ގާތީ ވެސް އަހަންނެވެ. ހަރަކާތް މަދުވެފައި، މާ ގިނަ ދުވަހު އެނދުގައި އޮންނަންޖެހުމަކީ ބުރަކަށި ފާރުވާކަމެކެވެ. ފިޒިޔޯހަދައިދޭން އަންނަ މީހާ ވެސް އެ ވާހަކަ ބުނެއެވެ. އެހެންވެ، ހަފުތާއަކު ތިން ދުވަހު ބައްޕަ ގޮވައިގެން ހިނގާލަން ދާން ފެށީމެވެ. މާލޭ މަގުތަކުގައި ހިނގުމަކީ ފަސޭހަކަމެއް ނޫނެވެ. ރައްކާތެރިކަމެއް ވެސް ނޫނެވެ. އަހަރުމެން ދެބަފައިން ހިނގަންދަނީ ފަތިހުއެވެ. ފުރޮޅުލީގޮނޑީގައި ދާ އިރު އެކިއެކި ވާހަކަ ބައްޕައަށް ކިޔައިދެމެވެ. ގިނަ ވަގުތު ވާހަކަދައްކާނީ އަހަންނެވެ. ބައްޕަ ހަމަ އެކަނި ބޯޖަހާނީއެވެ.

އަހަރެން ހިތަށްއަރައެވެ. ގުދުރަތުގެ ރޭވުން ދެކިބަލާށެވެ. އަހަންނަށް ނުހިނގުނު އިރު އަހަރެން ގޮވައިގެން ބައްޕަ ހިނގިއެވެ. ބައްޕައަށް ނުހިނގުނު ވަގުތު ބައްޕަ ގޮވައިގެން މި ހިނގަނީ އަހަންނެވެ. އިންސާނާ ދުނިޔެއަށް އަންނަ އިރު ބޮލުގައި އިސްތަށްޓެއް، އަނގައިގައި ދަތެއް، ދުލުގައި ބަހުރުވައެއް ނުހުރެއެވެ. ކޮޅަކަށް ނުހުރެވެއެވެ. އިށީނދެގެނެއް ނީނދެވެއެވެ. މުސްކުޅިވެ ދުނިޔެއިން ވަކިވެގެން ދަނީ ވެސް ހަމަ އެހެންނެވެ. އަހަރުމެން އިންސާނުން ދުނިޔެއަށް އައުމުން ބަންގިއެއް ގޮވައެވެ. އެ ފަހަރު ނަމާދެއް ނުކުރެއެވެ. ވަކިވެގެންދިޔުމުން ނަމާދެއް ކުރެއެވެ. އެ ފަހަރު ބަންގިއެއް ނުގޮވައެވެ. ވީމާ، ދުނިޔޭގައި މި ހޭދަކުރަނީ ބަންގިގޮވުމުން ނަމާދު ފެށުމާ ދެމެދު ހޭދަވާހާ ކުޑަ ވަގުތުކޮޅެއްތާއެވެ.

އިއާފޯނު މެދުވެރިކޮށް ފޯނުން ވާހަކަދައްކަމުން އަހަރުމެން ދަނީ މޫދުކައިރިއަށެވެ. މޫދާއި ކަނޑު ފެނުމުން ބައްޕަ ވަރަށް އުފާވާކަން އަހަންނަށް އެނގެއެވެ. މަސްވެރިޔަކަށްވީތީ ބައްޕަގެ އާލާވާ ހަނދާންތަކެއް ވެސް ހުންނާނެއެވެ. މޫދު ކައިރީގައި ތިބެގެން އެހެން ކުދިންނާއި މަންމައަށް ވެސް ގުޅަމެވެ. ކުދިން ވަރަށް ވާހަކަދައްކައެވެ. އެކަމަކު ބައްޕަޔާ ދައްކާނެ ވާހަކައެއް މަންމައަކަށް ނޭނގެއެވެ. ކަންދިމާވި ގޮތުން މަންމައާއި ބައްޕަގެ ގުޅުން ހީނަރުވީކަމަށް ވެދާނެއެވެ. ނުވަތަ ބައްޕަ ދައްކާ ވާހަކަ މަދުކަމާއި، ވާހަކަތައް އޮޅުންފިލާލެއް ކުޑަކަމުން މަންމަ ވާހަކަދައްކަން ބޭނުން ނުވަނީއެވެ. އަހަރެންގެ ޝަކުވާއެއް ނެތެވެ. ޝަކުވާކުރާކަށް ބައްޕައަކަށް ވަގުތެއް ނުދެމެވެ. އެހެނަސް އަހަރެންގެ ހިތުގައި ޝައްކެއް އުފެދެއެވެ. އެއީ ކުށްހީއެއްކަން ޔަގީންކުރަން ބޭނުންވެއެވެ.

އެއްދުވަހަކު އަހަރެން އަތިރިމައްޗަށް ގޮސް ބެންޗުގައި އިށީނދެފައި، ބައްޕަގެ ގޮނޑި އަހަންނާ ދިމާއަށް އަނބުރައިލީމެވެ.

"ބައްޕަ ފޫހިވޭތަ؟ ދެރަވޭތަ؟" އެއީ އަހަރެން އަހާ ފޫހިނުވާ ދެ ސުވާލެވެ.

"އަޖައިބެއް ފަހެ ނުވާނެ،" ސަމާސާ ގޮތަކަށް ބައްޕަ ބުނެލިއެވެ. "ދެރަވާންވީ ކޮން ކަމަކާ؟ ކުރާނެ ހުރިހާ ކަމެއް ކޮށް ނިންމާފަ އަރާމުކުރަން މިހާރު މި އޮންނަނީ. އަތުންފައިން ކަމެއް ކުރާކަށް ޖެހެނީއެއް ނޫން. ކިހާ ރަނގަޅު ފުރުސަތެއް ބައްޕައަށް މި ލިބުނީ؟ ކާލައިގެން އޮށޯވެލައިގެން އޮވެ ނަމާދުކޮށް ކިޔެވީމަ ނިމުނީ. ދަރިފުޅު ތި ހުންނަނީ ހުރިހާ ކަމެއް ފުރާ ފުރިހަމަކޮށްފަ."

"އެކަމަކު އަރާމުކުރަނީއޭ ކިޔާފަ ބައްޕަ އަބަދު ކިޔަވާކަށްނު ތި އޮންނަނީ." އަހަރެން ބުނީމެވެ.

"އަހަނ އެއީއޭ ކުރަން އޮތް ކަމަކީ،" ބައްޕަ ބުންޏެވެ. "މީ ހަމަ ﷲ ގެ ރަހުމަތެއް. މި ފުރުސަތުގެ ބޭނުން ބައްޕަ ޖެހޭނެ ހިފަން. މިއޮއްހާ ދުވަހު ބައްޕަ ވެސް މަރުމަތިން ހަނދާންނައްތައިލައިފަ ތެޅިފޮޅުނީއެއްނު."

ބައްޕައަކީ އުފަންދުވަސް ފާހަގަކުރާ މީހެއް ނޫނެވެ. އެކަމަކު ކޮންމެ މުނާސަބަތެއްގައި ބައްޕައަށް އާ ހެދުން ފަހަމެވެ. ބައްޕަ ބޭނުންވާނީ ހުދު މުންޑަކާ ހުދު ގަމީހެކެވެ. އީދު ދުވަހު ބައްޕަ ލާނީ ފެހިކުލައިގެ މުންޑެކެވެ. އެއަކަށް ބަދަލެއް ނުގެންނަމެވެ.

"ބައްޕައަކީ ނެޕީއެއް ޖަހާލައިގެން އެނދުގަ އޮންނަ މީހެއް،" ބައްޕަ ބުނެއެވެ. "ދަރިފުޅު ހާދަހާ ހެދުމެކޭ ތި ފަހަނީ."

"ބައްޕައަށް ޖެހޭނެ އީދަށް ހެދުން ފަހަން،" އަހަރެން ބުނަމެވެ. "ހުރިހާ ނަމާދެއްކޮށް ހަދާ އިރު އަވަސްއަވަހަށް ހެދުން ބަދަލުވާން ޖެހޭނެއްނު. އަބަދުވެސް ޖެހޭނެ ދޮންވަސް ދުވަން. ބައްޕަ އުފާވެއެއްނު!"

އެ ދުވަހަކު ބައްޕަ ޖަވާބެއް ނުދެއެވެ. ޖަވާބު ލިބުނީ ބައްޕަގެ މޫނުންނެވެ. ޝުކުރުވެރިކަމާ އެކުގައި ބަލަހައްޓައިގެން އޮތް ގޮތުންނެވެ. އެ ބެލުމުގައި އެހެން މާނައެއް ފޮރުވިފައިވާކަން އަހަންނަށް ފާހަގަކުރެވުނެވެ. އެއީ އުފަލެވެ. ނުވަތަ ވަކިވުމުގެ ހިތާމައެވެ. މީހުން ބުނާ އަޑު އަހަމެވެ. މަރު ގާތްވަމުންއަންނަ އިރު ބައެއް މީހުންނަށް އިލުހާމުވެއެވެ. ބައްޕައަށް ވެސް އެހެންވަނީބާއޭ ހިތަށްއެރިއެވެ.

ބައްޕަ ވަރުބަލިވާން ފެށިއެވެ. ކިތަންމެ ފުރިހަމަކޮށް އަހަރެން ކަންކަން ބެލެހެއްޓިޔަސް އެ ވަރުބަލިކަން ފިލާ ގޮތެއް ނުވިއެވެ. އެންމެ ފަހުން، ހޮސްޕިޓަލަށް ދާން އަހަރެން އެދުނީމެވެ.

"ބައްޕަ ދެން ތަންތަނަށް ގެންދަން ނަހަދާ ދަރިފުޅާ!" ވަރުބަލިކަމާ އެކުގައި ބައްޕަ ބުންޏެވެ. "ބައްޕަ ބޭނުމެއް ނޫން ނުދަންނަ ބައެއް ކައިރީ އޮންނާކަށް. މި ތަނުން ދެން ދާން ބޭނުމީ ސަހަރާއަށް."

ބައްޕަ ދެން ގަދަނުވާނެކަން އަހަންނަށް އެނގެއެވެ. ކުރިން އުޅުނު ގޮތަށް ރުކަށްއަރައި، މަހަށްގޮހެއް ވެސް ނެހެދޭނެއެވެ. އެއީ ހަގީގަތެވެ. އަހަރެން ބޭކާރު އުންމީދެއް ނުދެމެވެ. އެކަމަކު އެއް ސުވާލުކޮށްލަން ބޭނުންވިއެވެ.

"ކުރަން ބޭނުންވެ ނުކުރެވި އޮތް އެއްވެސް ކަމެއް އެބަ އޮތްތަ؟" އަހަރެން އެހީމެވެ.

"ނެތް! ހައްޖަށް ވެސް ދެވިއްޖެ،" އިރުކޮޅަކު ވިސްނަން އޮވެލައިފައި ބައްޕަ ބުންޏެވެ. "ނުކުރެވޭނެތީ ދެރަވާ ކަމެއް އެބަ އޮތް. ހިތަށްއަރާ ބައްޕަޔާ އެއްކޮށް ދަރިފުޅު ގެންދެވޭނެ ނަމައޭ."

އެއީ އަހަންނަށް ލިބުނު ޝަރަފެކެވެ. އޭގެ ކުލަ ދުވަހަކު ވެސް ފަނޑުނުވާނެ މެޑެއްޔެކެވެ. ދަރިޔަކާ ދިމާއަށް ބައްޕައަކު އެހެން ބުނާނީ ކިހާ ލޯބިވާތީ ހެއްޔެވެ؟ އަހަރެންގެ ވާޖިބު އަހަންނަށް އަދާކުރެވިއްޖެއެވެ. ހިތްހަމަޖެހުން ލިބިއްޖެއެވެ. އެ ފަދަ ބޮޑު ހިތްހަމަޖެހުމަކާ ވިދިގެން ހަމަ އެ ފަދަ ބޮޑު ހިތާމައެއް އަންނާނެކަން އަހަންނަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟

އެއްދުވަހަކު ހެނދުނުކޮޅު އަހަރެން ގެއަށް އައީމެވެ. އޭރު ގަޑިން ދިހަގަޑި ބައިވެއްޖެއެވެ. އެއީ އާންމުކޮށް އަހަރެން އަންނަ ގަޑިއެއް ނޫނެވެ. އެކަމަކު އެ ދުވަހު ހަމަ ގެއަށް ވަދެލަން ހިތަށްއެރީއެވެ. ގެއަށް ވަންތަނާ ބައްޕަ ގޮވައިލިއެވެ. ކުރިން ނުގޮވާ ކަހަލަ ގޮތަކަށް، އަވަސްކޮށެވެ. އަހަރެން ދިޔުމުން، ކުރިން ނޭދޭކަމަކަށް ބައްޕަ އެދުނެވެ.

"ބައްޕަ ފެންވަރުވައިލަބަލަ!" ބައްޕަ ބުންޏެވެ.

ހެނދުނު އަހަރެން ގެއިން ނުކުންނަނީ ބައްޕަ ފެންވަރުވައި، ހުރިހައި ކަމެއް ކޮށްފައެވެ. ފެންވެރުމަކީ ބައްޕަ އެދެން ޖެހޭ ކަމެއް ނޫނެވެ. އަމުދުން އެހާ އަވަހަށެވެ. އަހަރެން ވަގުތުން ހެދުން ބަދަލުކޮށްލައިގެން އައިސް ބައްޕަ ފެންވެރުވީމެވެ. ބައްޕަގެ އެދުމުގެ މަތިން ވުލޫ ވެސް ކުރުވީމެވެ. ހުރިހައި ކަމެއް ނިންމައިގެން ބައްޕަ އެނދުގައި ބޭއްވި ތަނާ މެންދުރު ވަގުތުވިއެވެ. އަހަރުމެން ނަމާދަށްއެރީމެވެ.

"މިއަދު ހާދަ ވަރުބަލިވެޔޭ ދަރިފުޅާ!" ނަމާދުކޮށް ނިމުނުތަނާ ބައްޕަ ބުނި އަޑުއިވުނެވެ.

އަހަރެން އައިސް ބައްޕަ ކައިރީގައި ހުއްޓުނީމެވެ. އެ ވަގުތު ބައްޕަގެ ލޮލުން އަހަންނަށް ވިދުވަރެއް ފެނުނު ކަހަލައެވެ. އަހަރެންގެ ހިތް ބުންޏެވެ. ވަގުތު ޖެހެނީއެވެ. ބައްޕަ އަހަންނާ ވަކިވަނީއެވެ.

"ބައްޕަ ޑަކުޓަރަށް ދައްކާލަން ހިނގާބަލަ!" ހޮސްޕިޓަލަށް ނުގެންދަން ބުނެފައިވާ ބައްޕަ އެދުނެވެ.

އޭރު އަހަރެން ހުރީ އެންބިލާންސަށް ގުޅައިގެންނެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ. ކޮންމެވެސް ދުވަހަކުން ބައްޕަޔާ ވަކިވާން ޖެހޭނެކަން އަހަންނަށް އެނގެއެވެ. އެކަމަކު ހިތް އެދުނީ އެއް ދުވަސް ފަހުން އެ ދުވަސް އަންނާށެވެ. އަދި އެއް ދުވަހު ބައްޕަ ދުނިޔޭގައި އޮންނަން އަހަރެން ވަރަށް ބޭނުންވިއެވެ. ހަ އަހަރު އެކުގައި އުޅުނު އެކުވެރިއާޔާ ކުއްލިއަކަށް ވަކިވާނީ ކިހިނެއް ހެއްޔެވެ؟

ސައިރަންއަޅަމުން ހޮސްޕިޓަލާ ދިމާއަށް އެންބިއުލާންސު ދިޔަ އިރު އަހަރެން އިނީ ބައްޕަގެ އަތުގައި ހިފަހައްޓައިލައިގެންނެވެ. ސިކުންތަކަށް ވެސް ބައްޕަގެ މޫނުން އަހަރެންގެ ކަޅި ނައްޓައެއް ނުލަމެވެ. އަހަރެން ހާސްވެފައި ހުރިކަން ބައްޕައަށް ނާންގަން އުޅުނު ނަމަވެސް، ބައްޕައަށް އެ ކަން ސިއްރެއް ނުވިއެވެ.

"ބައްޕަ މި އޮތީ ވަރަށް އުފަލުން،" އަހަރެންގެ ލޯބިވާ ބައްޕަ ހިނިތުންވާން މަސައްކަތްކުރަމުން ބުންޏެވެ. "ހުރިހާ ކުދިން ވެސް ބައްޕައަށް ވަރަށް ހެޔޮ. ވަރަށް ރަނގަޅު. އެއްވެސް ޝަކުވާއެއް ނެތް. ބައްޕަ މި އޮތީ ވަރަށް ނަލަހެދިގެން ތައްޔާރުވެގެން. ބައްޕަ ކިހާ ނަސީބު ގަދަ. ދަރިފުޅު ތީ ބައްޕައަށް ލިބުނު ރަންގަނޑެއް. ތި ދަރިފުޅުގެ ވާހަކަ ބައްޕަ ބުނާނަން."

ނުނިމޭ