05 ފެބުރުއަރީ 2022 - 22:10

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީގެ ނަތީޖާއާ ދެމެދު މާބޮޑު ފަރަގެއް ނެތް ކަމަށާއި އެއީ އެތައް ނުފޫޒެއް ފޯރުވުމުން ވެސް އިދިކޮޅަށް ލިބުނު ކާމިޔާބީއެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި 240 ވޯޓުގެ ތަފާތަކުން އެމްޑީޕީން ކާމިޔާބުކުރީ 1،401 ވޯޓުންނެވެ. ޕީޕީއެމްގެ މޫސާ ފަތުހީ އަށް 1،161 ވޯޓު ލިބިވަޑައިގަތްއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 323 ވޯޓެވެ.
ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނިޔާވުމާ ގުޅިގެން، މިއަދު ބޭއްވި ބައި އިލެކްޝަނަށް ފަހު، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، މި އިންތިހާބަށް އެކި ގޮތްގޮތުން ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ނުފޫޒު ވެސް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އާމްދަނީއާ ނުބައްދަލު ހަރަދުތައް ކުރި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ އާމްދަނީއާ ނުބައްދަލު ހަރަދުތައް މި ދާއިރާގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ދާއިރާގެ ރައްޔިތުންގެ ސިކުނޑިތައް ދޮވުމަށް މި ސަރުކާރުން ކަންކަން ކުރި. މި ފަހުގެ ތާރީހެއްގައި އެއް ދާއިރާއެއްގައި [ކޮމަންޑޫ ދާއިރާ] މިހާ ގިނަ ވަޒީފާ އުފެދުނު ދާއިރާއެއް ނެތް،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮމަންޑު އާއި މަރޮށީގެ އިންޖީނުގޭގައި އެއް ފަހަރާ 50 ވަޒީފާ ވަނީ މި ބައި އިލެކްޝަނާ ގުޅުވައިގެން އުފައްދައިފަ އެވެ.
"އިންޖީނުގެތަކުގައި މަސައްކަތްކުރާ މީހުން ވޯޓު ނުލައިފިއްޔާ ކަނޑައި ވައްޓާލާނެ ކަމަށް ފެނަކައިގެ ވެރިންގެ ލެވެލްގައި ބިރު ދެއްކި. އަދި [ޖުމްހޫރީ ޕާޓީގެ ލީޑަރު] ގާސިމަށް 10 ބިލިއަން ރުފިޔާ ދިވެހި ދައުލަތުން ދީ، 10 ބިލިއަން ރުފިޔާ އަށް ވާ ވަރަށް ހަރަދު ކުރުވައި، އޭގެ ބަދަލުގައި ސަރުކާރުން 52 މިލިއަން ރުފިޔާ ގާސިމަށް ދިން ކަން މިއީ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތެއް،" ޝުޖާއު ވިދާޅުވި އެވެ.
އޭނާގެ އަނެއް ތުހުމަތު ރައްދު ކުރެއްވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދި މި ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ހޮވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށެވެ.
ޝުޖާއު ވިދާޅުވީ، ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން، މި އިންތިހާބުގައި އެމްޑީޕީގެ ފަހަތަށް އެރުއްވީ، އޭނާގެ އަރަބި ރައްޓެއްސަކަށް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދޭން ސަރުކާރުން އެއްބަސްވުމުން ކަމަށެވެ.
އެހާ ވަރަށް އިންތިހާބަށް ނުފޫޒު ފޯރުވުމުން ވެސް 200 އެެއްހާ ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބުވީ ކަމަށް އެމްޑީޕީން ގަބޫލުކުރިޔަސް މިއީ އިދިކޮޅަށް ލިބުނު ނަސްރެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް މިރޭގެ މީޑިއާ ބްރީފިންގައި ވާހަކަ ދެއްކެވި އެވެ.
އެ ދެ ބޭފުޅުން ވެސް ވިދާޅުވީ، މިދިޔަ މަހެއްހާ ދުވަހު ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ބާރާއި ނުފޫޒު ކޮމަންޑޫ ދާއިރާ އަށް ފޯރުވަމުން ދިޔަ ކަމަށެވެ. އެ ދާއިރާ އަށް ތަރައްގީ ލިބޭ މަންޒަރު ފެނިވަޑައިގެން އުފާކުރެއްވި ނަމަވެސް އެ މަސައްކަތް ކުރަމުން ދިޔައީ ގާނޫނުތަކާއި ހިލާފަށް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިސާބު ޖަހައިލާއިރު، ބިލިއަނެއްހާ ރުފިޔާ ކޮމަންޑޫ ދާއިރާ އަށް އިންތިހާބާ ގުޅިގެން ހޭދަކުރި. ކޮމަންޑޫ ދާއިރާގެ އާބާދީ އަށް ބަލާއިރު ބޮލަކަށް ތިން ލައްކަ ރުފިޔާ [ސަރުކާރުން] ހަރަދު ކުރަމުން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވަނީ އިންތިހާބު ބޯމަތިވިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެއްވެސް މެމްބަރަކު ނެތުމުން އެކަމުގެ ނުރުހުން ވެސް ފާޅުކުރައްވައިފަ އެވެ. އެއީ ސަރުކާރުން ގަސްދުގައި ކުރިކަމެއްގެ ގޮތުގައި މުއިއްޒު ސިފަކުރެއްވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރާއި އެމްޑީޕީ އާއި ކޯލިޝަން ޕާޓީތަކުން އިންތިހާ އަށް ނުފޫޒު ފޯރުވާ ކަމަށް ކެމްޕެއިން ފެށުނީއްސުރެ އިދިކޮޅުން އައީ ބުނަމުންނެވެ. އަދި މިއަދު އިންތިހާބު ކުރިއަށް ގެންދިޔައިރު ވެސް އެފަދަ މައްސަލަތައް ޕީޕީއެމުން ފާހަގަކުރަމުން ދިޔަ އެވެ.