06 ފެބުރުއަރީ 2022 - 06:03

އެމްޓީވީ އިން ދައްކާ ކާމިޔާބު ރިއަލިޓީ ޝޯ، "ރޯޑީސް" ހުށަހަޅަމުން އައި މަޝްހޫރު ހޯސްޓް ރަންވިޖޭ ސިންހާ އެ ޝޯގެ އިތުރު ސީޒަންތައް ހުށަނާޅަން ނިންމައިފި އެވެ.
މީގެ 17 އަހަރު ކުރިން ފެށިގެން ރޯޑީސް ހުށަހަޅަމުން އައި ރަންވިޖޭ ދެން އެ ޝޯއިން ނުފެންނާނެތީ ޒުވާން ސަޕޯޓަރުން ތިބީ މަޔޫސްކަމެއްގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ޝޯ ދޫކޮށްލީ ޕްރޮޑަކްޝަން ހައުސްއާ މެދު އޮތް ހިތްހަމަނުޖެހުމެއްގަ އެވެ. ކުރިއަށް އޮތް ސީޒަން ނަގާފައި ވަނީ އާ ޕްރޮޑަކްޝަން ހައުސްއަކުން ކަމަށާއި އެ މީހުންގެ މަސައްކަތާ މެދު ރަންވިޖޭ ހިތްހަމަނުޖެހޭތީ ޝޯ ދޫކޮށްލަން ނިންމީ އެވެ.
އެ އަޑުތަކާ ގުޅިގެން ރަންވިޖޭ ވެސް ވަނީ ބޭނުންވި ގޮތަށް ކަންކަން ނުދިއުމުން ޝޯ ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. އަދި އެ ޝޯ ގެނެސްދެމުން އަންނަ އެމްޓީވީ އަކީ އޭނާގެ ހިތްވަރެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
އެކަމަކު ރަންވިޖޭ ބުނާ ގޮތުގައި ޕްރޮޑަކްޝަން ހައުސްއާ މެދުގައި އޭނާގެ އެއްވެސް ނުރުހުމެއް ނެތެވެ. އެ ޗެނަލާ އެކު ވަރަށް ޝައުގުވެރި މަސައްކަތްތަކެއް އެބަ އޮތް ކަމަށާއި ރޯޑީސް ދޫކޮށްލަން ޖެހުނީ އޭނާގެ އެހެން މަސައްކަތްތަކާއި އެ ޝޯގެ މަސައްކަތްތައް ކުރިއަށް ގެންދަން ހުރި ތާރީހުތައް ފުށު އަރާތީ ކަމަށް ވެސް ބުންޏެވެ.
ރޯޑީސްގައި ދެން ރަންވިޖޭގެ ބަދަލުގައި ފެންނާނީ ބޮލީވުޑްގެ ތަރި ސޯނޫ ސުއޫދު ކަމަށްވެ އެވެ.
ރޯޑީސްގެ ގޭންގު ލީޑަރުންގެ ގޮތުގައި ފެންނަ ނެހާ ދޫޕިއާ އާއި ޕްރިންސް ނަރޫލާ އަދި ރަފްތާރު ވެސް އެ ޝޯ ދޫކޮށްލަން ނިންމާފައިވާ ކަމަށްވެ އެވެ. އެކަމަކު އެމީހުންގެ ބަދަލުގައި ގޭންގް ލީޑަރުންގެ ގޮތުގައި ފެންނާނެ ބައެއް ނޭނގެ އެވެ.