18 ޑިސެމްބަރ 2016 - 08:42

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލަ، ކޮންމެ އަގެއްގައި ނަމަވެސް ބަލާނެ ކަމަށް ސެމްސަންގުން އޭރު ބުންޏެވެ. މިހާރު ބުނަނީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި، ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ނިމިއްޖެ ކަމަށެވެ. އެކަމަކު ވެސް ތަފުސީލު އާންމުކުރެވެން އަދި ނެތް ކަމަށް ވަނީ ބުނެފަ އެވެ.
ސެމްސަންގުން ވަރަށް އުންމީދާ އެކު ގެލަކްސީ ނޯޓް 7 މާކެޓަށް ނެރުނީ ވާދަވެރިންނަށް ދޫނުކުރުމަށެވެ. އެޕަލް އައިފޯނު 7 މާކެޓްކުރުން ބޯމަތީގައި އޮތުމާ އެކު، ސެމްސަންގުން އަވަސްވެގަތީ ސްމާޓްފޯން މާކެޓުން ނެގެން ހުރި ހުރިހާ ފައިދާއެއް، ނޯޓް 7 ވިއްކައިގެން ނެގުމަށެވެ. ނަމަވެސް ގޮތް ނޭނގޭ ކަންތައްތަކެއް މެދުވެރިވެ ނޯޓް 7ގެ ބެޓެރި ގޮވައި، ބޭނުންކުރާ މީހުންގެ ތެރެއިން ބަޔަކު ވަނީ ފިހިިފަ އެވެ.
ސެމްސަންގުން އެއިރު ބުނީ ބެޓެރީ ގޮވާފައި ވަނީ ނޯޓް 7ގެ ވަކި މޮޑެލްއެއްގެ ކަމަށެވެ. އެއީ ކޮރެއާގައި އުފައްދާފައި ހުރި ބެޓެރީ ބޭނުންކުރި ފޯނުތަކެވެ. އެހެންވެ، އެ ފޯނުތައް އަތުލައި ރަނގަޅު ފޯނުތަކެއް މާކެޓަށް ވަނީ ނެރެފަ އެވެ. ނަމަވެސް ކަންތައް ދެން ވެސް ހިނގައި ދިޔައީ ސެމްސަންގް އުންމީދުުކުރި ގޮތަކަށް ނޫނެވެ.
ގެލަކްސީ ނޯޓް 7ގެ ބެޓެރީ ރަނގަޅުކުރުމަށް ފަހު ދެން ނެރުނު ފޯނުތައް ވެސް ގޮވަން ފެށި އެވެ. އެކަމާ ގުޅިގެން ނޯޓް 7ގެ ހުރިހާ ފޯނެއް އަނބުރައި ގެންގޮސް، ބޭނުންކުރާ މީހުންނަށް ހެޔޮ ބަދަލެއް ދޭން ނިންމި އެވެ.
ނޯޓް 7 ބޭނުންކުރަނިކޮށް ބެޓެރީ ގޮވައި ހުޅުހިފި ނަމަވެސް، އެ މައްސަލަ ތަހުގީގުކުރަން ސެމްސަންގުން ލެބޯޓަރީގައި ހިންގި ތަހުލީލުތަކުގައި ބެޓެރީ ގޮވާފައެއް ނުވެ އެވެ. އެހެންކަމުން ނޯޓް 7ގެ ބެޓެރީ އަށް ދިމާވި ސަބަބު ހޯދުން ސެމްސަންގަށް ވަރަށް އުނދަަގޫވި އެވެ.
ސެމްސަންގުން މިހާރު ބުނަނީ ބެޓެރީ ގޮވަން މެދުވެރިވި ސަބަބު ހޯދިއްޖެ ކަމަށެވެ. އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް، އިންޓަނޭޝަނަލް އިންވެސްޓިގޭޓަރުންނާ ހިއްސާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ ތަފުސީލު އަހަރު ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށް ވެސް ބުނެ އެވެ.
ގެލަކްސީ ނޯޓް 7ގެ ބެޓެރީ ގޮވަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ތަޖުރިބާކާރުން ބުނަނީ އެއީ ބެޓެރީގެ ޑިޒައިނަށް ސެމްސަންގުން ގެނައި ބަދަލުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ. ނޯޓް 7 ތުނިކުރުމަށްޓަކައި ބެޓެރީ އަށް ވެސް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ.
ސެމްސަންގުން ބޭނުންވީ އެ ވަރުގެ ބެޓެރީއަކަށް "ނުކުޅެވޭ" ވަރަށް "ކުޅުވަން" ކަމަށް ފާޑުކިޔާ މީހުން ވެސް ބުނެ އެވެ. ނޯޓް 7 ގޮވުމުގެ ސަބަބުން ސެމްސަންގް އަށް ފަސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބުނެވެ.