ފުލުހުން ބާޒާރުމަތީގެ މަގުތައް ބަލަހައްޓަން ފަށައިފި
ފުލުހުން ބާޒާރުމަތީގެ މަގުތައް ބަލަހައްޓަން ފަށައިފި

ބާޒާރުމަތީގެ ބައެއް މަގުތަކާއި ގޯޅިތައް، އެންމެ ކާރުބާރު ބޮޑު ވަގުތުތަކުގައި ދުއްވާ އެއްޗިއްސަށް ބަންދުކޮށް ފުލުހުންގެ ހާއްސަ ޓީމަކުން އެ މަގުތައް ބަލަހައްޓަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބާޒާރުމަތީގެ މަގުތައް ބަލަހައްޓަން ފަށައިފި
ފުލުހުން ބާޒާރުމަތީގެ މަގުތައް ބަލަހައްޓަން ފަށައިފި

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިސްގެ ފަރާތުން ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޒުހާން ވިދާޅުވީ ރޯދަ މަހުގެ މެންދުރުފަހުގެ ވަގުތުތަކަކީ މާރުކޭޓާއި ބާޒާރުމަތީގައި ޓްރެފިކް އެންމެ ބޮޑުވާ ވަގުތުތައް ކަމަށެވެ. އެހެން ކަމުން އެ ކަމަށް ސަމާލުކަން ދީގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރި އަށް ގެންދާނެ ކަމަށާއި އާއްމުންގެ ފަރާތުން އެކަމަަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 1:00 ން ފެށިގެން ހަވީރު 6:00 އާ ހަމައަށް، ބޮޑުތަކުރުފާނު މަގުން އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމަ އަށް ހުންނަ ބައެއް މަގުތަކާއި ގޯޅިތައް ދުއްވާ އެއްޗިއްސަށް ނުވަދެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ވަގުތުތަކުގައި ދުއްވާ އެއްޗެހި އެ ސަރަހައްދަށް މަޑުކޮށް މުދާ އަރުވައި ބޭލުމަކީ ވެސް މަނާކަމެއް ކަމަށް ޒުހާން ވިދާޅުވި އެވެ.

ބާޒާރުމަތީގެ ޓްރެފިކް ކުޑަކުރުމަށް، ލޯކަލް މާރުކޭޓާއި ކްރިމިނަލް ކޯޓާ ދެމެދު އޮންނަ ޕޭމަންޓު މަތީގައި ޕާކު ކުރުމުގެ ހުއްދަ މިއަދު ވަނީ ފުލުހުން ދީފަ އެވެ. އަދި ހައި ކޯޓު ކުރިމަތީގައި އޮންނަ ޕާކިން ޒޯންގައި ވެސް އާއްމުންނަށް އުޅަނދުތައް ޕާކުކުރެވޭނެ ކަމަށް ޓްރެފިކް ފުލުހުން ބުންޏެވެ.

މާލެ ސިޓީ ޕޮލިސްގެ ހެޑް، ޗީފް އިިންސްޕެކްޓާ އޮފް ޕޮލިސް ފަތުހުުﷲ ވަހީދު ވިދާޅުވީ އެހެން މަސްތަކާ ހިލާފަށް ރޯދަ މަހުގެ ތެރޭގައި ވައްކަމާއި ފޭރުން އިތުރުވާ ކަމަށެވެ. އެހެން ކަމުން ވައްކަން އެންމެ ގިނައިން ހިނގާ ވަގުތު (ފަތިސް އަދި ހެނދުނު) ގައި ޕޮލިހުން ހާއްސަކަމެއް ދީގެން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

ގެއިން ބޭރަށް ދިއުމާއި މިސްކިތަށް ނަމާދަށް ދާ އިރު އަގު ބޮޑު ތަކެތި ނުގެންދިއުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.