05 ފެބުރުއަރީ 2022 - 12:00

ރަބާތު (ފެބްރުއަރީ 5) - މޮރޮކޯގެ އުތުރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ކުއްޖަކު ވަޅަކުން ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރާތާ ފަސް ދުވަސް ވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ވަޅާ ކައިރީގައި ކުޅެން އުޅެނިކޮށް ރަޔާން ނަމަކަށް ކިޔާ ކުއްޖާ ވެއްޓުނު ހަނި ވަޅުގެ ފުން މިނުގައި 32 މީޓަރު (104 ފޫޓް) ހުރެ އެވެ. ވަޅުގެ ފުޅާ މިނުގައި ހުންނަނީ 25 ސެންޓިމީޓަރު (9.8 އިންޗި) އެވެ.

ތަމްރުތު ޓައުނުގައި ހުރި އެ ވަޅާ ކައިރިން ބުލްޑޯޒަރުތަކުން ދަނީ އެހެން ވަޅެއް ކޮންނަމުންނެވެ. އޮފިޝަލުން މަސައްކަތް ކުރަމުން ދަނީ 104 ފޫޓު ފުނަށް އެ ވަޅުކޮނެވުމުން ހޮރިޒޯންޓަލްކޮށް ކޮނެގެން ކުއްޖާއާ ހަމައަށް ވާސިލްވުމަށެވެ.
ކުއްޖާ ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިސްކޮށް އުޅޭ މޮރޮކޯގެ ސިވިލް ޕްރޮޓެކްޝަން ޑައިރެކްޓަރޭޓުގެ އަބްދުލް ސަލާމް މަކޫދީ ވިދާޅުވީ "މިހާރު ގާތްގަނޑަކަށް ކުއްޖާ ހުރި ހިސާބަށް ކޮނެވިއްޖެ" ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މެދުނުކެނޑި ވަރުބަލި ކަމެއް ނެތި ރެސްކިއު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ވަޅަށް އެ ކުއްޖާ ވެއްޓުނު އިރު ރަޔާންގެ ބައްޕަ ދިޔައީ އެ ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބައްޕަ ބުނީ އެ އެކްސިޑެންޓް ހިނގީ ދަރިފުޅާ ދިމާލުން ނަޒަރު ކައްސާލި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަަމަށެވެ. އެ ކުއްޖާގެ މަންމަ ބުނީ ކުއްޖާ ވަޅަށް ވެއްޓުނުކަން އެނގުނު ހިސާބުން އާއިލާ އަށް ލޮލުފިޔަ ވެސް ނުޖެހޭ ކަމަށެވެ.
ވަޅުގެ ތެރެއަށް ކެމެރާއެއް ބާލައިގެން ބުރާސްފަތި ދުވަހު ނެގި ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ކުއްޖާ ހުރީ ސަލާމަތުންނެވެ. ނަމަވެސް ބޮލަށް ކުދިކުދި ޒަޚަމްތަކެއް ލިބިފައިވެ އެވެ.
ރެސްކިއު ޓީމުތަކުން ވަނީ ވަޅުގެ ތެރެއަށް އެ ކުއްޖާ ހުރި ހިސާބަށް އޮކްސިޖަން މާސްކް އާއި ކާނާ އާއި ފެން ފޯރުކޮށްދީފަ އެވެ. އަދި މެޑިކަލް ޓީމެއް ދަނީ އެ ސައިޓްގައި ހަރަކާތްތެރިވަމުންނެވެ. ވަޅުން އެ ކުއްޖާ ސަލާމަތުން ނެގިއްޖެ ނަމަ ވަގުތުން ހޮސްޕިޓަލަށް ގެންދިއުމަށް ހެލިކޮޕްޓަރެއް ވެސް އޮތީ ތައްޔާރުކޮށްފަ އެވެ.
ކުއްޖާ ސަލާމަތް ކުރަން ކުރާ މަސައްކަތް އެތައް ހާސް ބަޔަކު ދަނީ ސޯޝަލް މީޑިއާ އިން ފޮލޯ ކުރަމުންނެވެ. އަދި އެތައް ހާސް ބަޔަކު ވަނީ މަންޒަރު ބެލުމަށް އެ ސައިޓަށް ވެސް ޖަމާވެފަ އެވެ.