05 ފެބުރުއަރީ 2022 - 10:45

ހެލްތު އިންޝުއަރެންސް ނުހައްދައި، ޓޫރިސްޓް ވިސާގައި ސްރީ ލަންކާ އަށް ނުދެވޭ ގޮތް ހަދައިފި އެވެ.
އެ ގައުމުގެ ސިވިލް އޭޝިއޭޝަން އޮތޯރިޓީން ބުނެފައިވާ ގޮތުގައި ކޮވިޑާ ގުޅިގެން އަލަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓޫރިސްޓުން އިންޝުއާ ކުރުން މަޖުބޫރެވެ. މި އިންޝުއަރެންސަކީ 12 ޑޮލަރު (185ރ.) ދައްކަން ޖެހޭ އެއް މަހުގެ އިންޝުއަރެންސް ޕޮލިސީއެކެވެ.
މި އިންޝުއަރެންސް ނެގުމުން 50،000 ޑޮލަރާ ހަމައަށް ހަރަދުތައް ކަވާ ކުރާނެ އެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރުން ވެސް ހިމެނެ އެވެ.
އެ ގައުމުން ބުނެފައިވާ ގޮތުގައި ހުރިހާ ޓޫރިސްޓުން އެ ގައުމަށް ދިއުމުގެ ކުރިން މި އިންޝުއަރެންސް ހައްދަން ޖެހޭނެ އެވެ. ދިއުމުގެ ކުރިން ނުހެއްދޭނަމަ ލަންކާގެ އެއާޕޯޓުގައި ތިބެގެން ވެސް އިންޝުއަރެންސް ހެއްދޭނެ ކަމަށް އެ ގައުމުން ބުންޏެވެ.
ލަންކާގެ ރައްޔިތުން މި އިންޝުއަރެންސް ހައްދަން ނުޖެހޭނެ އެވެ.