05 ފެބުރުއަރީ 2022 - 08:11

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ހުރިހާ ފޮއްޓެއްގެ ވޯޓު ގުނައި ނިމިފައިވާއިރު 240 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ރާޝިދު. އޭނާ 1،401 ވޯޓު ހޯއްދެވި. ޕީޕީއެމްގެ ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓު ކަމަށް ވާއިރު އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ހޯއްދެވުނީ 232 ވޯޓު.

މާލޭގައި ބެހެއްޓި ވޯޓުފޮށި (1) ވެސް ކާމިޔާބު ކުރެއްވީ ރާޝިދު. އޭނާ އަށް އެ ވޯޓުފޮށިން ލިބިވަޑައިގަތީ 280 ވޯޓު. ފަތުހީ އަށް 242 އަދި ހަންނާނަށް ލިބިވަޑައިގަތީ 88 ވޯޓު.

މާލޭގެ އިސްކަންދަރު ސްކޫލްގައި ބެހެއްޓި ވޯޓުފޮށި (2) ގެ ނަތީޖާ ކާމިޔާބު ކުރެއްވީ ރާޝިދު. އޭނާ އަށް އެ ވޯޓުފޮށިން 234 ވޯޓު ހޯއްދެވުނު. ފަތުހީ އަށް 178 އަދި ހަންނާނަށް ލިބިވަޑައިގަތީ 69 ވޯޓު.

ކޮމަންޑޫގައި އެމްޑީޕީގެ ކެމްޕޭނުގައި އުޅުނު ޓީމުން މިހާރު ވަނީ އިންތިހާބު ނިންމާލައި، އުފާ ފާޅުކުރަން ފަށާފައި. އެ މީހުން ވަނީ ވޯޓު ލާ މަރުކަޒު ހިމެނޭ ސަރަހައްދު ދޫކޮށް މިހާރު ގޮސްފައި. އެ މީހުން ބުނަނީ ކޮމަންޑޫން 60 ވޯޓު ސަރުކާރަށް ލިބުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށް. ފޯކައިދޫގައި ބެހެއްޓި ދެ ފޮށިން ވެސް ކުރި ހޯއްދެވީ އެމްޑީޕީ ކެންޑިޑޭޓް ރާޝިދު

ފޯކައިދޫގައި ބެހެއްޓި ދެވަނަ ވޯޓުފޮށިން ކުރި ހޯއްދެވީ ރާޝިދު. އޭނާ އަށް 223 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަތުހީ އަށް ހޯއްދެވުނީ 204 ވޯޓު. ހަންނާނަށް މި ފޮށިން ހޯއްދެވުނީ އެންމެ 11 ވޯޓު.

މިހާތަނަށް އިއުލާން ނުކޮށް ހުރީ މާލޭގައި ބެހެއްޓި ދެ ވޯޓުފޮށީގެ ނަތީޖާ. އެހެން ހުރިހާ ފޮއްޓެއ ގުނައި ނިމުނުއިރު ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު. އެހެންވެ، އޭނާ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި ކަމަށް ނިންމައި އެމްޑީޕީން މިހާރު ގެންދަނީ އޭނާ އަށް މަރުހަބާ ކިޔައި އުފާފާޅުކުރަމުން.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު، މި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ކަމަށް ނިންމައި ކޮމަންޑޫގައި އުފާފާޅު ކުރަން ފަށައިފި ކަމަށް އެ ރަށުގައި ހަރަކާތްތެރިވާ "މިހާރު" ގެ ނޫސްވެރިން ބުނޭ. މިހާތަނަށް އިއުލާން ކޮށްފައިވާ ފޮށިތަކުން ކުރި ހޯއްދެވީ ރާޝިދު.

މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު. އޭނާ އަށް 659 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީ އަށް ލިބިވަޑައިގަތީ 541 ވޯޓު. އެމްއެންޕީގެ ކެންޑިޑޭޓަށް މިހާތަނަށް ލިބިވަޑައިގަތީ 151 ވޯޓު.

ފޯކައިދޫގައި ބެެހެއްޓި ދެ ވޯޓުފޮށިން އެއް ފޮށިން ކުރި ހޯއްދެވީ ފަތުހީ. އޭނާ އަށް 202 ވޯޓު ލިބިވަޑައިގެންނެވިއިތު ރާޝިދަށް އެ ފޮށިން ހޯއްދެވުނީ 195 ވޯޓު. ހަންނާނަށް ލިބިވަޑައިގަތީ 13 ވޯޓު.

މަރޮށީގައި ބެހެއްޓި ވޯޓުފޮށިން ރާޝިދަށް ލިބިވަޑައިގަތީ 161 ވޯޓު. ފަތުހީ އަށް ހޯއްދެވުނީ 96 ވޯޓު.

ކޮމަންޑޫގައި ބެހެއްޓި ދެ ވޯޓުފޮށިން 60 ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު.

ކޮމަންޑޫ ސްކޫލްގައި ބެހެއްޓި ވޯޓުފޮށިން ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓް ފަތުހީ. އޭނާ އަށް އެ ފޮށިން 152 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް އެ ފޮށިން ލިބިވަޑައިގަތީ 144 ވޯޓު. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ކޮމަންޑޫ ސްކޫލުގައި ބެހެއްޓި ފޮށިން ހޯއްދެވުނީ 37 ވޯޓު.

މިހާތަނަށް ނަތީޖާ ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު. ދެވަނައިގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް މޫސާ ފަތުހީ. މިހާތަނަށް ބަލާއިރު ރާޝިދު އެންމެ ބޮޑަށް ކުރި ހޯއްދެވީ ކޮމަންޑޫ ޕްރީ ސްކޫލުގައި ބެހެއްޓި ފޮށިން. އެ ފޮށިން ރާޝިދަށް 159 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަތުހީ އަށް ހޯއްދެވުނީ 92 ވޯޓު. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 64 ވޯޓު.

ބައެއް ވޯޓުފޮށިތަކުގެ ނަތީޖާ މިހާރު އަންނަނީ އިއުލާން ކުރަމުން. އޭގެ ތެރޭގައި ކޮމަންޑު އާއި މަރޮށި ހިމެނޭ.

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގެ ވޯޓުތައް އަދި ގުނާކަށް ނުފަށާ. އޭގެ ތެރެއިން އެއް ފޮއްޓަކަށް ވޯޓުލައި ނިމުނީ ދެންމެ، އެހެންވެ، އެ ވޯޓުފޮށީގެ ވޯޓު ގުނަން ފެށޭނީ 30 މިނިޓް ފަހުން. އަނެއް ވޯޓުފޮށީގެ ވޯޓު ގުނުން މިހާރު ކުރިއަށް އެބަދޭ.

މާލޭގައި ހުރި ކޮމަންޑޫގެ ވޯޓު ފޮއްޓެއް ފިޔަވައި، އެހެން ހުރިހާ ވޯޓު ފޮއްޓެއް މިހާރު ވަނީ ބަންދުކޮށްފައި. ވޯޓުތައް ގުނުމަށް މިހާރު އަންނަނީ ތައްޔާރުވަމުން.
ކޮމަންޑޫ ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިސްކަންދަރު ސްކޫލު ކައިރީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޒުވާބު އުފެދި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. "މިހާރު"ގެ ނޫސްވެރިން ބުނަނީ އެ ސަރަހައްދުގައި ދެ ގުރޫޕަކުން ޒުވާބުކޮށް އިންޒާރު ދިނުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ތިން މީހަކު ގެންދިޔަ ކަމަށް. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުން.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވޯޓު ލައިފައި. މެންދުރު އެކެއް ޖެހުމާ ހަމައަށް ވޯޓު ލީ މީހުންގެ އަދަދު ވަނީ 1800 އަށް ވުރެ މައްޗަށް ގޮސްފައި. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 3309 މީހުންނަށް.
ވޯޓުލުން ކުރިއަށް ދަނީ ބޮޑެތި ތުހުމަތާއި ޝަކުވާތަކާ އެކު.
ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން އިސްކޮށް ތިއްބައި ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވޯޓުލުން ހިނގި އިރު ވެސް ޕީޕީއެމުން ދަނީ ކުރަމުން. އެކަމަކު މިއީ މަސްލަހަތު ނަގާލަން ކުރާ ތުހުމަތުތަކެއް ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވޭ.
އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ޕީޕީއެމާއި އާއި އެމްއެންޕީން ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި.
އެކަމަކު އީސީން ބުނަނީ އިންތިހާބު ކުރިއަށް ދަނީ ހަމަނުޖެހުމެއް ނެތި އޮމާންކަމާ އެކުގައި ކަމަށް.
ކޮވިޑަށް ޕޮޒިޓިވް މީހުން މި އިންތިހާބުގައި ވޯޓުލާން ދީފައި ވަނީ އެއް ގަޑިއިރު. އެއީ 3-4 އަށް.
ތިން ޕާޓީއަށް މުހިއްމު ވާދަވެރި ކެމްޕޭނެއް ދިޔައަސް މެންދުރާ ހަމައަށް ވޯޓުލުމުގެ ތަރުހީބު ކުޑަ. ގިނަ މީހުން ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވެނީ މެންދުރު ފަހު ކަމަށް ބެލެވޭ.
ތިން ރަށުން 3,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު މީގެ ތެރެއިން 1,300 މީހުން ވޯޓުލަނީ މާލޭގައި. ރަށްތަކާ އަޅާބަލާއިރު މާލޭގައި މިހާތަނަށް ވެސް ގިނަ ބަޔަކު ވަނީ ވޯޓުލާން ނުކުމެފައި.
ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގައި ވެސް އިންތިހާބު މޮނިޓާކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޕާޓީތަކުގެ ލީޑަޝިޕްގެ ބޭފުޅުން. އޭގެ ތެރޭގައި އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީގެ މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ.
ޕީޕީއެމުން މިހާތަނަށް ވަނީ ދެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި. އެ ޕާޓީން ބުނި ގޮތުގައި އެ ދެ މައްސަލައަކީ، ފޯކައިދޫ ވޯޓު ފޮށިތައް ސަރަހައްދުގައި އެމްޑީޕީގެ ކެންޑިޑޭޓް ކެމްޕޭން ކުރައްވާ މައްސަލަ އަކާއި އިސްކަންދަރު ސްކޫލު ސަރަހައްދުގައި ފައިސާ ބަހާ ކަމުގެ ތުހުމަތުތަކެއް.
އިސްކަންދަރު ސްކޫލުގެ ދެވަނަ ގޭޓް ކުރިމަތީގައި މަގުގެ އަނެއް ފަރާތުގައި އެމްޑީޕީގެ ޖަގަހައެއް އެބަހުރި. ފުލުހުން ތިބީ އެތަނުގެ ދޮރުމަތީގައި. އެތާނގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައެއް އިސް މީހުން ވެސް އެބަތިބި. ހަމަނުޖެހުމެއް އުފެދިދާނެތީ، ގިނަ އަދަދެއްގެ ފުލުހުން ވެސް އެބަ ހަރަކާތްތެރިވޭ
މާލޭގައި ވޯޓު ލާން ގޮސް ތިބި މީހުން، ވޯޓު ލާން ދިއުމުން އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި އެމްޑީޕީގެ ޖަގަހަ އަކަށް ވައްދައި، އެ މީހުންނަށް ފައިސާ ދޭ ކަމަށް ބުނެ، ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އަޑުގަދަކޮށް އެބަހަދާ. އިސްކަންދަރު ސްކޫލް ކުރިމަތީގައި ޕީޕީއެމްގެ ވަރަށް ގިނަ ސަޕޯޓަރުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން. އެ މީހުން ބުނަނީ ވޯޓު ލާން ގޮސް ތިބޭ ބައެއް މީހުން އެ ޖަގަހަ އަށް ވައްދަމުން ގެންދާ ކަމަށް. އަދި އެ މީހުންނަށް ފައިސާ ދޭ ކަމަށާއި އެކަން ހުއްޓުވައިދިނުމަށް އެ މީހުން ވަނީ ފުލުހުންގެ ކިބައިން އެދިފައި.
ކޮމަންޑޫގައި ގިނަ ބަޔަކު ވޯޓު ލާކަށް އަދި ނުނުކުމޭ. މިހާރު ވޯޓު ލާން ގޮސް ތިބި މީހުން ކިޔޫގައި ވެސް ނުޖެހި ގޮސް ވޯޓު ލައި ވަގުތުން ނިމޭވަރުވޭ. ރޭ މައްސަލަ ބޮޑުވި ފޯކައިދޫގައި ވެސް ވޯޓު ލުން ދަނީ ކުރިއަށް. އަދި، މި ދާއިރާގައި ދެން ހިމެނޭ މަރޮށީގައި ވެސް ވަނީ ހެނދުނު ވޯޓު ލާން ފަށައިފައި.
ކޮމަންޑޫ ދާއިރާގެ ވޯޓު ލުން މާލޭގައި ވެސް ކުރިއަށްދޭ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ އިސްކަންދަރު ސްކޫލުގައި. މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާފައި އެބަހުރި. އެއީ މާލޭގައި ދެ ފޮށި، އަދި ފޯކައިދޫގައި ދެ ފޮށި، ކޮމަންޑޫގައި ދެ ފޮށި އަދި މަރޮށީގައި އެއް ފޮށި.
ކެމްޕޭންގެ ވާދަވެރި ކަމުން މުޅި ރާއްޖޭގެ އަމާޒު ހުއްޓިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
މި ދާއިރާގައި ހިމެނޭ ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް އެބަދެ އެވެ. ވާދަވެރި މި އިންތިހާބުގެ ވޯޓުލުން ފެށިއިރު ހުރިހާ ވޯޓު ފޮއްޓެއްގެ ކައިރީގައި ވަނީ ކިޔޫ ހަދައިފަ އެވެ.
ތިން ޕާޓީއަކުން މި އިންތިހާބުގައި ވާދަކުރެ އެވެ. އެއީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން މުހައްމަދު ރާޝިދާއި ޕީޕީއެމުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީން އަބްދުލް ހަންނާނެވެ.
ވޯޓުލުމުގެ ހައްގު 3،309 އަށް ވުރެން ގިނަ މީހުންނަށް ލިބެ އެވެ.
ކޮމަންޑޫ: 1،406
މަރޮށި: 703
ފޯކައިދޫ: 1،201
ކޮމަންޑު އާއި ފޯކައިދޫގައި ވޯޓުލާން ދެ ފޮށި ބަހައްޓާފައިވެ އެވެ. މަރޮށީގައި ބެހެއްޓީ އެއް ފޮއްޓެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ މީހުންނަށް ފޮށިތައް ވެސް ބަހައްޓާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ގޮނޑިއެއް ހުސްވެ ބާއްވަން ޖެހުނު ބައި އިލެކްޝަންތަކުގައި މިހާ ވާދަވެރި، އިންތިހާބެއް ނުދެ އެވެ. އިންތިހާބު އިއުލާންކުރުމާ އެކު ތިން ޕާޓީގެ ވެސް އިސް ބޭފުޅުން ދާއިރާގެ ރަށްތަކަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ތިއްބަވައި ކެމްޕޭން ކުރެއްވި އެވެ.
މި ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ގޮނޑި ފުރުއްވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ.