ހެކަރުންގެ ކިބައިން ނޯރާ ސަލާމަތްވީ ހަމަ ކިރިޔާ!
ހެކަރުންގެ ކިބައިން ނޯރާ ސަލާމަތްވީ ހަމަ ކިރިޔާ!

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ކުއްލި ގޮތަކަށް ޑިލީޓްކޮށްލި ސަބަބު ކިޔައިދީފި އެވެ.

އިންސްޓަގްރާމްގައި 37.6 މިލިއަން ފޮލޯވާސް ތިބި ނޯރާގެ އެކައުންޓް "އެވައިލަބަލް" ނޫން ކަމަށް އަރާތީ ސަޕޯޓަރުން ތިބީ ކުއްލިއަކަށް ނޯރާއަށް ވީ ކީއްކަމެއް ނޭނގިފަ އެވެ.

ދުބާއީގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ނޯރާ ވަނީ އެ ތަނުގައި ހޭދަކުރާ ޗުއްޓީގެ ބައެއް މަންޒަރުތައް ވެސް އާންމުކޮށްފަ އެވެ. އެކަމަކު ކުއްލިއަކަށް އޭނާ ގެއްލުނީ، ބަޔަކު އޭނާގެ އެކައުންޓް ހެކްކުރަން އުޅުމުން ކަމަށް ނޯރާ ބުންޏެވެ.

އަނބުރާ އައިސް ސަޕޯޓަރުންގެ ކިބައިން މާފަށް އެދެމުން އޭނާ އިންސްޓަގްރާމް ސްޓޯރީ އަށް ލީ ޕޯސްޓެއްގައި ބުނީ އިއްޔެ ހެނދުނުން ފެށިގެން ބަޔަކު އޭނާގެ އެކައުންޓް ހެކްކުރުމަށް މަސައްކަތްކުރި ކަމަށާއި އެކަމަކު އިންސްޓަގްރާމް ޓީމާ ގުޅިގެން މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ހެކް ވިޔަ ނުދޭން މަސައްކަތް ކޮށްދިން ޓީމަށް އޭނާ ޝުކުރު އަދާކޮށްފައިވެ އެވެ.

"ދިލްބަރު" ލަވައިން މަގްބޫލުވި ނޯރާ އަކީ މިހާރު ބޮލީވުޑުގެ އެންމެ މަޝްހޫރު އެއް ނެށުންތެރިޔާ އެވެ.