04 ފެބުރުއަރީ 2022 - 22:48

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރި 5،469 ސާމްޕަލުން 1،955 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ރަށްރަށުން ޕޮޒިޓިވްވި ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ހަތް ދުވަހަށް ބަލާއިރު ވެސް މާލޭން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަނީ ދަށަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރަށްރަށުން 875 މީހަކާއި އެކު މާލެއިން ބަލި ޖެހުނީ 599 މީހަކަށެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވީ 78 މީހެކެވެ.
މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވިއިރު އެއީ 2،244 ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 27 ޕަސެންޓްގަ އެވެ. މިއީ 36 ޕަސެންޓަށް ވުރެ ވެސް މައްޗަށް މި ރޭޓް އެރުމަށް ފަހު އައި ދަށްވުމެކެވެ.
މާލޭން ކޮންމެ ދުވަހެއްގެ ކޮވިޑް ކޭސްތަކުގެ އަދަދު ހާހަކަށްވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ފަހުން މިދިޔަ މަހުގެ 30 ގެ ފަހުން ވަނީ ހާހަކަށް ވުރެ ދަށުން ގުނެން ފަށައިފަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 146،991 އެވެ. އަދި އޭގެ ތެރެއިން 128،963 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދަކީ 17،735 އެވެ
ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވެސް ފާއިތުވި 24 ގަޑިއިރު ވަނީ 60 އިން 56 އަށް ދަށްވެފަ އެވެ. އަދި ފާއިތުވި 24 ގަޑިއިރު ކޮވިޑްގައި އެއްވެސް މީހަކު މަރުވެފައި ނުވާތީ މަރުވި މީހުންގެ އަދަދަކަށް ބަދަލެއް ނާދެ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 280 އެވެ.