ބައެއް ސްކޫލްތަކުގައި ހުރިހާ ދުވަހަކު ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމައިފި
ބައެއް ސްކޫލްތަކުގައި ހުރިހާ ދުވަހަކު ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމައިފި

މި ޓާމުގެ ކިޔެވުން ފެށުނުއިރު ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތައް މަދުކުރަން ހުއްދަ ދިނުމުން އެގޮތަށް ކިޔަވައިދެމުން އައުމަށް ފަހު ބައެއް ސްކޫލްތަކުން އަންނަ ހަފްތާއިން ފެށިގެން ކޮންމެ ދުވަހަކު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

ޓާމް ފެށުނު އިރު، ކިޔަވައިދޭ ދުވަސްތައް މަދުކުރުމަށް މިނިސްޓްރީން ސްކޫލްތަކަށް މަޖުބޫރެއް ނުކުރެ އެވެ. އެކަމަކު އެންގީ މަދުވެގެން ދެ ދުވަހު ސްކޫލަށް ދަރިވަރުން ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ އޭރު ވެސް ކޮންމެ ދުވަހަކު ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ހުރަހެއް ނެތެވެ. އެކަމަކު ދަންފަޅި ކުރުކުރަން އޮތީ އަންގައިފަ އެވެ.

ހިރިޔާ ސްކޫލުގެ ދަށް ގްރޭޑްތަކުގެ ބެލެނިވެރިންނަށް އަންގާފައިވާ ގޮތުގައި ހުރިހާ ދުވަހަކު ކިޔަވައިދިން ނަމަވެސް އާންމުކޮށް ކިޔަވައިދޭ ވަގުތަށް ވުރެ ދަންފަޅި ކުރުވާނެ އެވެ. ގްރޭޑް 1، 2 އަދި 3 ގެ ކުދިންގެ ކިޔެވުން ކުރިއަށް ގެންދާނީ 12:50 އިން ހަވީރު 4:15 އަށެވެ. އަދި 4 އާއި 5 ގެ ކުދިންގެ ކިޔެވުން އޮންނާނީ 12:50 އިން ހަވީރު 4:25 އަށެވެ.

އިސްކަންދަރު ސްކޫލުން އަންގާފައި ވަނީ ގްރޭޑް 6-10 ގެ ދަރިވަރުން ކޮންމެ ދުވަހަކު ހެނދުނު 6:55 އަށް ހާޒިރުކުރާށެވެ.

މީގެ އިތުރުން ވެސް އެހެން ބައެއް ސްކޫލްތަކުން ވެސް ވަނީ މިގޮތަށް ހަމަޖައްސައިފަ އެވެ.

މި ޓާމުގެ ކިޔެވުން ފެށެނިކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހަލުއިކަމާ އެކު ކޮވިޑު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އަންގަމުންދާ ކަމަށެވެ. އެހެންވެ، ސްކޫލްގައި ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ގްރޭޑު 1-8 (ކީސްޓޭޖް 1،2،3) ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރާވަން އެންގި އެވެ.

މަހެއްހާ ދުވަހުގެ ބަންދަށް ފަހު ސްކޫލުތައް ހުޅުވިއިރު ކޮވިޑްގެ ކޭސްތައް އިތުރުވާނެކަމުގެ އިންޒާރު އެޗްޕީއޭ އިން އޮތީ ދީފަ އެވެ. އަދި މި ދޭތެރެއިން ދުވާލެއްގެ މައްޗަށް 3،000 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވަމުން އައި ނަމަވެސް މިހާރު އެ ނަމްބަރުތައް ދަނީ ދަށަށެވެ.