05 ފެބުރުއަރީ 2022 - 06:51

ބަރަހަނާ ފިލްމު ހަދައި އެއިން އާމްދަނީ ހޯދަމުން ދިޔަ ކަމަށް ބުނެ ކުރާ ތުހުމަތު ކުރެވުނު ރާޖު ކުންދުރާގެ މިލްކިއްޔާތުން 38.5 ކްރޯޑް ރުޕީސް، އޭނާގެ އަނބިމީހާ އަދި ބަތަލާ ޝިލްޕާ ޝެޓީގެ ނަން މައްޗަށް ބަދަލުކޮށްފި އެވެ.
ބަރަހަނާ ފިލްމުގެ މައްސަލާގައި އޭނާ މިދިޔަ ޖުލައި މަހުގެ މެދު ތެރޭގައި ހައްޔަރުކޮށް ޖަލަށްލާފައި ހުއްޓާ ދޫކޮށްލީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން މާބޮޑަށް ސޯޝަލް މީޑިއާ އާއި ބޭރު ތެރެއިން ވެސް އޭނާ ފެނިގެނެއް ނުދެ އެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ތަންތަނުން ރިޕޯޓްކުރާ ގޮތުގައި ރާޖް ވަނީ އޭނާގެ އިމާރާތެއްގެ ފުރަތަމަ ފްލޯގައި ހިމެނޭ ފަސް ފްލެޓާއި ޖޫހޫގެ މޫދު ކައިރީގައި ހުންނަ އޭނާގެ ބަންގްލޯ ޝިލްޕާގެ ނަން މައްޗަށް ބަދަލުކޮށްފަ އެވެ.
ބަރަހަނާ ފިލްމުގެ މައްސަލައަށް ފަހު ރާޖްއާއި ޝިލްޕާ އެކުގައި ފެންނަ ކޮންމެ ފަހަރަކު އެމީހުންނަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހެ އެވެ. މިފަހުން ޝިލްޕާގެ ކޮއްކޮ ޝަމީތާގެ އުފަން ދުވަސް ފާހަގަކުރުމަށް ފަހު ޕާާޓީ ނިންމައި، ދެމީހުން އަތުގުޅުވާލައިގެން ދަނިކޮށް ފެނިގެން ވެސް އެތައް ބައެއްގެ ފާޑުކިޔުން ކުރިމަތިވި އެވެ.
ރާޖް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ކަނޑައެޅިގެން އެއްވެސް އަސާސެއް ނެތް ކަމަށާއި އެފަދަ ކަމެއް ހަޔާތުގައި ދުވަހަކު ވެސް ކޮށްފައި ނުވާނެ އޭނާ ބުނެ އެވެ.
އާއިލާއަށް ލިބުނު ހުތުރު ނަމާ އެކު ރާޖު ކައިރިން ޝިލްޕާ ވަރިވާން ބޭނުންވި ކަމަށް އަޑުއެރިޔަސް ޝިލްޕާ އަންނަނީ އޭނާގެ ފިރިމީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ލޯބި ބަންޑުންކުރަމުންނެވެ.