04 ފެބުރުއަރީ 2022 - 17:00

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ގައުމުގެ މިނިވަންކަން ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނަށް ވޯޓު ދޭން އެ ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީއަކީ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބޭފުޅަކަށް ވާނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ވިއްކާލުމާ ދެކޮޅު ހެދުމުގެ ގޮޮތުން ވެސް އޭނާއަށް ވޯޓު ދިނުން މުހިންމު ކަމަށް ހީނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައި، ގައުމުގެ މިނިވަންކަމާއި އިިސްތިގްލާލް ވިއްކާލުމާ ދެކޮޅަށް ދޭ ވޯޓެއްގެ ގޮތުގައި ތިޔަ ހުރިހާ ބޭފުޅުން ވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަމްބަރު 2 އަށް ވޯޓު ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ފަތުހީއަކީ ލާ މަރުކަޒީ ނިޒާމަށް ފަރިތަ ބޭފުޅަކަށްވުމުގެ އިތުރުން އޭނާއަކީ ކޮމަންޑޫ ދާއިރާގެ ކުރިއެރުމަށް ވެސް ގިނަ ކުރިއެރުންތަކެއް ހޯދައި ދެއްވާނެ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އިންތިޚާބު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އިދިކޮޅު ކޯލިޝަނުން ކޮށްފައިވާ ކަމަށާއި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވެސް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުން ބާއްވާ ބައި އިލެކްޝަންގައި ފަތުހީގެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީގެ ކެންޑިޑޭޓުން ވެސް ވާދަކުރެ އެވެ.