04 ފެބުރުއަރީ 2022 - 16:29

މިދިޔަ މަހު ރާއްޖެ އަށް 130،000 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައީ 92،000 ޓޫރިސްޓުންނެވެ. އެހެން ނަމަވެސް މިއީ 2020 ވަނަ އަހަރަށް ވުރެ 35 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރުގެ ޖެނުއަރީ މަހު 173،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
މިދުވަސްވަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ރަޝިއާއިންނެވެ. ލިސްޓުގައި ދެން ހިމެނެނީ އިނގިރޭސިވިލާތާއި އިންޑިއާ ފަދަ ގައުމުތަކެވެ.
ކޮވިޑްގެ ހާލަތަށް ފަހު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައެވެ.
މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު ހިދުމަތް ދެނީ 50،000 އެނދުންނެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.