18 ޑިސެމްބަރ 2016 - 06:16

އަހަރެމެން އެންމެންނަށް ވެސް މިކަހަލަ ކަންތައް ކުރެވޭނެ އެވެ. ޕާޓީއަކަށް ދެވިއްޖެ ގިނަ އެއްޗެހީގެ ރަހަ ބަލަން ހަދައިގެން ބަނޑު ބޮޑުވާކަށް މާ ގިނަ އިރެއް ނުނަގާނެ އެވެ.

ގޭގައި ވެސް ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ގިނައިން ކެވި ބަނޑަށް އުނދަގޫވެ އެވެ. މައްސަލަ އަކީ ކެއުމަށް ފަހު އެކަމާ ދެރަވާތީ އެވެ.

ބަރުދަން އިތުރުވެދާނެތީ ބަލައިގެން އުޅޭ މީހުން އަދި ބޮޑަށް ހިތާމަކުރެ އެވެ. ކުރިއަށް އޮތް ދެ ތިން ދުވަހު އެއްގޮތަކަށް ވެސް ނުކާން އަޒުމު ކަނޑައަޅާ މީހުން ވެސް މަދެއް ނުވާނެ އެވެ.

ގަދަޔަށް ކާލެވޭ ފަހަރު ބަނޑަށް އުނދަގޫވަނީ މާ ގިނައިން ކެވިގެންނެއް ނޫނެވެ. ތަފާތު ވައްތަރުގެ އެއްޗެހި އެއްފަހަރާ ކެވިގެންނެވެ. އެކި ވައްތަރުގެ ޖޫހާއި ބަތާއި ކުކުޅާއި ގެރިމަސް އަދި ފޮނި އެއްޗެހީގެ ތަފާތު ވައްތަރުތައް ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް ވަރަށް ބޮޑެތި މައްސަލަތައް ދިމާވެ ބަނޑު ފުއްޕާ ގޮތް ވާނެ އެވެ.
ސުވާލަކީ މަދުން ނަމަވެސް ދިމާވާ މިފަދަ ހާލަތުގައި ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް ކޭ ހުރިހާ އެއްޗެެއް ހޮޑަކަށް ނުލެވޭނެ އެވެ.
ތިރީގައި މިވަނީ އެފަދަ ހާލަތެއްގައި ކަންތައް ކުރެވިދާނެ ބައެއް ގޮތެވެ.
ކުރީ ރޭ މާ ގިނައިން ކެއުމުގެ ސަބަބުން އަނެއް ދުވަހު ބަނޑަށް އުނދަގޫވެފައި ހުރެދާނެ އެވެ. އެ ދުވަހު މާ ގިނައިން ދެން ކާން ނުހަދާށެވެ. އޭގެ ބަދަލުގައި ގިނައިން ފެން ބޯށެވެ. އޭރުން ހަށިގަނޑުގައިވާ ވިހަތައް ބޭރުވެ ހަޖަމްކުރުމުގެ ނިޒާމްގެ މަސައްކަތް ހަމައަކަށް އެޅޭނެ އެވެ. އަދި ފުއްޕާފައި ހުރި ބަނޑު ވެސް ހިނދޭނެ އެވެ.
ގްރީން ޓީ އަކީ ހަށިގަނޑުގެ އެތެރޭގައި ހުންނަ ވިހަތައް ބޭރުކޮށްލަން ވަރަށް ރަނގަޅު އެއްޗެކެވެ. އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ މި ސަޔަކީ މާ ގަދަޔަށް ކާލެވޭ ފަހަރު ހެނދުނު ހޭލައިގެން ބޯން އެންމެ ރަނގަޅު އެކައްޗެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ގްރީން ޓީ އަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދީ ކާއެއްޗިއްސަށް ދަހިލެވުން ވެސް ކުޑަކޮށްދޭ އެއްޗެކެވެ.
ރޭގަނޑު މާ ގިނައިން ކެވިއްޖެ ނަމަ އަނެއް ދުވަހު ހެނދުނު ނުވަތަ އެ ދުވަހު ގްރީކް ޔޯގަޓާއި ބެރީޒް ކާށެވެ. ބްލެކްބެރީޒް، ބްލޫބެރީޒް އަދި ޕްލަމް ފަދަ މޫސުމީ މޭވާ ރަނގަޅުވާނެ އެވެ. ގްރީކް ޔޯގަޓަކީ ބެކްޓީރިއާ އިން މުއްސަނދިވެފައިވާ އެއްޗަކަށް ވާތީ ގޮހޮރުގައި އިންފްލެމޭޝަން ހުންނަވަރު ދަށް ކުރެވޭނެ އެވެ.
ފެން ގިނަ މޭވާގެ ތެރޭގައި ހިމެނޭ ސްޓްރޯބެރީ، ކަރާ، އަލަނާސި، ކެންޓަލޫޕް ކެއުމުން ލިބޭ ފައިދާ ދެ ގުނަ އެވެ. ސަބަބަކީ ހަށިގަނޑަށް އެތެރެވާ ފެނުގެ ބައި އިތުރުވުމާ އެކު ހަށިގަނޑުގައިވާ ވިހަތައް ބޭރުކޮށްލަދޭތީ އެވެ. އަދި މިފަދަ މޭވާތަކުގައި ފައިބަރު ގިނައިން އެކުލެވޭތީ ހަޖަމްކުރަން އެހީތެރިވާނެ އެވެ. އެހެންކަމުން މިއީ ބަނޑުން އަޑުގޮވާ ވަރަށް ކާލެވޭ ފަހަރުތަކުގައި، ފަހުން ހައްލެއް ލިބޭނެ މޭވާތަކެވެ.
އޯޓްމީލް އަކީ ހެނދުނުގެ ނާސްތާއަށް އެންމެ ބަރާބަރު އެކައްޗެވެ. ފައިބާއިން މުއްސަނދިވެފައި އަދި ބަނޑަށް އެހާމެ ލުއިވާނެ އެވެ. އޯޓްމީލް ކާ އިރު ޕިއާޒެއް ކޮށާލާފައި އޭގެ ތެރެއަށް އަޅައިގެން ކާށެވެ. ޕިއާޒަކީ ވެސް އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. އަދި ހަށިގަނޑުގައި ފެނުގެ ބައި މަދުވިޔަ ނުދީ ހިފަހައްޓައިދޭނެ އެވެ.
މާ މީރުކޮށް ތަނަކުން ކާލެވިގެން ހެނދުނު ތެދުވާއިރު ވެސް ބަނޑަށް ތަދުވެ އުނދަގޫވެފައި ހުރި ނަމަ ޕެޕަމިންޓް ނުވަތަ ކަޅު ސައި ބުއިމުން ލުއިވާނެ އެވެ. މި ވައްތަރުގެ ސަޔަކީ ހަށިގަނޑުގެ މަސްތަކުގައި ހުންނަ ޓެންޝަން ރިލީޒްކޮށްލާ އަދި ހަޖަމްކުރުމުގެ ނިޒާމަށް އެހީވެދިނުމުގެ އިތުރުން ހަށިގަނޑުން ވައި ބޭރުކޮށްދޭ އެއްޗެއް ވެސް މެ އެވެ. އޭގައި ކެފެއިންއެއް ނުހުރެ އެވެ. އަދި އެ ސައި ބުއިމުން ހަށިގަނޑަށް ފެން އެތެރެވާ މިންވަރު ވެސް އިތުރުވާނެ އެވެ.