04 ފެބުރުއަރީ 2022 - 07:56

ތެލުގޫ ފިލްމު "ޕުޝްޕާ" ގައި ޕުޝްޕަރާޖުގެ ރޯލުން ފެންނަ އައްލޫ އަރްޖުން ލަކުނޑީގެ ވަގު ވިޔަފާރިކުރާ ގޮތަށް އިންޑިއާގައި އެ ވިޔަފާރިކުރަން އުޅުނު މީހަކު އަތުލައިގެންފި އެވެ.
"ޕުޝްޕާ" އަކީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑިއެއް ވަގަށް ވިއްކުމުގެ ވިޔަފާރިކުރާ ބަޔަކު އެކަން ފުލުހުންނަށް ވަގަށް ކުރާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. އެ ލަކުޑިއަކީ މަދުން ލިބޭ ލަކުޑިއަކަށް ވާތީ ޖަންގަލިން އެ ކެނޑުން ވެސް މަނަ އެވެ.
ޔާސިން އިނާޔަތުﷲ ކިޔާ އެ ޑްރައިވަރު ލަކުޑި ވިއްކަން އުޅުނީ ސީދާ ޕުޝްޕާ ސްޓައިލުގައި ކަަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރެ އެވެ. އޭނާ ވަނީ ފިލްމުގައި ލަކުޑި ފުލުހުންނަށް ފޮރުވައިގެން ގެންދިއުމަށް ބޭނުން ކުރި ބައެއް އުކުޅުތައް ވެސް ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި ލަކުޑި ހިފައިގެން ގެންދާ ޓްރަކަށް ބަދަލު ގެނެސްފައި ވަނީ ފިލްމުގައިވާ ގޮތަށެވެ.
ފުލުހުން އޭނާ އަތުލައިގަތީ ކަރްނަޓާކާ އާއި އަންދުރާ ގުޅޭ ސަރަހައްދުން މަހަރާސްތުރާ އަށް ދަނިކޮށެވެ. އޭނާގެ 10 ލައްކަ ރުޕީސްގެ އަގުހުރި ޓްރަކުގައި 2.45 ކްރޯޑް ރުޕީސްގެ ލަކުޑި ހުރި ކަމަށްވެ އެވެ.
އިންޑިއާގެ ފުލުހުން އެ ހާދިސާއާ ގުޅޭގޮތުން ބުނީ ލަކުޑި ވަގަށް ބޭރުކުރާ ކަމުގެ މައުލޫމާތު ލިބުމާ އެކު ޖަންގަލި ބަލަހައްޓާ އޮފިސަރުންނާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ބައެއް ވެހިކަލްތައް ބަލާފާސްކުރުމުގެ ތެރެއިން އޭނާ އަތުލައިގަތްއިރު އޭގައި އެއް ޓަނުގެ ލަކުޑި ހުރި ކަމަށް ބުންޏެވެ. އޭގެ އަގަކީ 2.45 ކްރޯޑް ރުޕީސް އެވެ.
އެހެންވެ، އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ޕުޝްޕާ ބަލައިގެން ލަކުޑީގެ ވަގު ވިޔަފާރިކުރަން އުޅުނު އިރު އެ ފިލްމަށް ދުނިޔޭގެ އެކި ހިސާބުތަކުން ތަރުހީބު ބޮޑެވެ.