އަނެއްކާވެސް މޫމިން ފުއާދުގެ ފަހަރެއްބާ؟
އަނެއްކާވެސް މޫމިން ފުއާދުގެ ފަހަރެއްބާ؟

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ތިބި ޑައިރެކްޓަރުންނަށް ބަލާ އިރު، މޫމިން ފުއާދަކީ ކޮމާޝަލީ އެންމެ ކާމިޔާބު ޑައިރެކްޓަރަށް ނުވެދާނެ އެވެ. އެކަމަކު އާޓް ސިނަމާ އަށް އެވަރެއް ނޯންނާނެ އެވެ.

އަނެއްކާވެސް މޫމިން ފުއާދުގެ ފަހަރެއްބާ؟
އަނެއްކާވެސް މޫމިން ފުއާދުގެ ފަހަރެއްބާ؟

ބެލުންތެރިން މޫމިންގެ ފިލްމުތަކަށް ދިގު އިންތިޒާރީއެއް ކުރަން ޖެހުނަސް މަސަލައެއް ނެތެވެ. އޭނާގެ ފިލްމެއް ވިއްޔާ މޮޅުވެފައި ފުރިހަމަ ވާނެ އެވެ. ސްކްރީންޕްލޭ އާއި ޑައިރެކްޝަނަށް ބެއްޔަސް ކަން އޮތީ މިހެންނެވެ. މުޖުތައުގެ ހާލަތާ ވަރަށް ބޮޑަށް ވާހަކަ ގުޅި، ފިލްމުގެ ނެރޭޝަން ޝައުގުވެރިވެފައި، ބަލާ މީހުންނާ ގުޅުން ބޮޑު ވާނެ އެވެ.

މިދިޔަ އަހަރު ބޭއްވި ގައުމީ ފިލްމު އެވޯޑްސް އިން މޫމިން ވަނީ އޭނާ ލިޔެ، ޑައިރެކްޓް ކުރި "ހެޕީ ބާތުޑޭ" އިން އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު ފިލްމުގެ އެވޯޑް ވެސް އުފުލާލައިފަ އެވެ.

މި ފަހަރު މިއޮތީ އަނެއްކާވެސް އެ ކާމިޔާބީ ތަކުރާރުކޮށްލަން ފުރުސަތު ހުޅުވިފަ އެވެ. ބޮޑު ކާސްޓެއް ހިމަނައިގެން މޫމިން 2011 ގައި ގެނެސް ދިން "ލޫދިފާ" މި ވަނީ ގައުމީ ފިލްމު އެވޯޑްސްގައި 19 ކެޓެގަރީއަކުން ނޮމިނޭޓްވެފަ އެވެ.

އޭގެ ތެރޭގައި އެންމެ މޮޅު ޑައިރެޓަރާއި އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަން ވެސް ހިމެނެ އެވެ. މި ތިން ކެޓަގަރީން އޭނާ އަށް އެވޯޑް އުފުލައިލެވިއްޖެ ނަމަ، މިއީ ފިލްމަކަށް ލިބޭނެ އެންމެ ވަރުގަދަ އެވޯޑްތަކަށް ވެގެން ދާނެ އެވެ. ހާއްސަކޮށް ޑައިރެކްޓަރަށް މި ތިން ކެޓަގަރީގެ މުހިއްމުކަން އިންތިހާ އަށް ބޮޑެވެ.

އަންނަ ބުދަދުވަހުގެ ރޭ އޮންނަ ގައުމީ ފިލްމު އެވޯޑްސްގެ ނޮމިނޭޝަނަށް ބަލާ އިރު، ހުސައިން ނޫރައްދީން (ނޫރު) ޕްރޮޑިއުސްކޮށްފައިވާ "ލޫދިފާ" ވަނީ ޓެކްނިކަލް ގިނަ ކެޓަގަރީތަކުން ވެސް ނޮމިނޭޓްވެފަ އެވެ.

މީގެ އިތުރުން އެ ފިލްމުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެންމެ މޮޅު އެކްޓަރަށް ވާދަކުރާ އިރު، ހަމަ އެ ފިލްމުން އެންމެ މޮޅު ބަތަލާގެ އެވޯޑަށް މަރިޔަމް އަފީފާ (އަފީ) ވެސް ވާދަކުރެ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް އެ ފިލްމުން ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) އާއި ފާތުމަތު އާޒިފާ (އަޒޫ) ވެސް ނޮމިނޭޓްވި އެވެ.

"ލޫދިފާ" ގެ އިތުރު ނޮމިނޭޝަންތަކަށް ބަލާ އިރު އަހުމަދު އާސިމް އެންމެ މޮޅު އެޑިޓިންގެ އެވޯޑަށް އަދި ހުސައިން މުނައްވަރު (ކުޑަފޫޅު) އެންމެ މޮޅު ސިނަމޮޓޮގްރަފީ އަށް ވާދަކުރެ އެވެ. އޭގެ އިތުރުން މުހައްމަދު އިކްރާމް އެންމެ މޮޅު ބެކްގްރައުންޑް ސްކޯ، އަދި އޮރިޖިނަލް ސޯންގަށް މުހައްމަދު ފުއާދު (ފޯޑް) ވެސް ވާދަކުރަނީ "ލޫދިފާ" އިންނެވެ.

"ލޫދިފާ" އާ އެންމެ ގާތްކޮށް ވާދަކުރާ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ 3ޑީ ފިލްމު "ފަތިސްހަނދުވަރުގެ ފެށުން" އެވެ. އެއީ 16 ނޮމިނޭޝަނާ އެކުގަ އެވެ.

ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް އަބްދުލް ފައްތާހު ޑައިރެކްޓް ކުރި "ލަވް ސްޓޯރީ" އާއި މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސެން މުނައްވަރު (ކުޑަފޫޅު) ޑައިރެކްޓް ކުރި "ސަޒާ" އަކީ ވެސް ނޮމިނޭޝަންތަކުގެ ރޭހުގެ ކުރީގައި އުޅޭ ދެ ފިލްމެވެ. އެއިން ކޮންމެ ފިލްމަކަށް 14 ނޮމިނޭޝަންސް ލިބިފައިވެ އެވެ.

މިފަހަރުގެ ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތަކަށް ބަލާ އިރު، މިއީ ވާދަވެރި އެވޯޑަކަށް ވާނެ އެވެ.

މި ފަހަރު އެވޯޑް މި ބާއްވަނީ 2011-2013 އަށް ރިލީޒްވި ފިލްމުތަކަށް ހާއްސަކޮށްގެންްނެވެ. އެވޯޑަށް މި ފަހަރު 11 ފީޗާ ފިލްމެއް ހުށަހެޅި އެވެ.