ކެއުމުގެ މުބާރާތަކުން ބޮޑު މުސަޅެއް ބަލިވެއްޖެ
ކެއުމުގެ މުބާރާތަކުން ބޮޑު މުސަޅެއް ބަލިވެއްޖެ

ލެޓިއުސް ކާން ވަރަށް ފޯރި ހުންނަ އެމެރިކާގެ ބޮޑު މުސަޅެއް ކެއުމުގެ މުބާރާތެއްގައި ބައިވެރިވެ، އެ މުބާރާތުން ބަލިވެއްޖެ އެވެ.

"ހަނީ މެގަ ބަނީ" ކިޔާ މި މުސަޅު ވާދަކުރީ، ކެއުމުގެ މުބާރާތްތަކުގައި ވަރަށް ކާމިޔާބު މީހެއް ކަމަށްވާ ރައިނާ އުއާންގުއާ އެވެ. އުއާންގު ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކެއުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވި، 10 މިނެޓުން 1.5 ކިލޯގެ ސެލެޑް ކެއުމުގެ ރިކޯޑް ހަދައިފަ އެވެ.

ސެލެޑް ހަދަން މަޝްހޫރު ކެލިފޯނިއާގެ ޗޮޕް ސްޓޮޕް އިން އިންތިޒާމުކުރި ކެއުމުގެ މުބާރާތުގައި އުއާންގުއާ ވާދަކުރި ބޮޑު މުސަޅު ބަލިވީ، ވަގުތު ހަމަވި އިރު ވެސް ލެޓިއުސްގެ އެކަތި ކޮޅު ވެސް އެ މުސަޅު އަނގަޔަށް ނުލުމުންނެވެ. އުއާންގު ވަނީ އޭނާގެ ސެލެޑް ހުސްކޮށްފަ އެވެ.

މި މުސަޅު އެއްވެސް ވަރަކަށް ލެެޓިއުސް ނުކެއުމުން، އެހެން މުސަޅެއް ގެނެސް މުބާރާތުގައި ބައިވެރިކުރަން ވެސް މި ގެންގުޅޭ މީހުނަށް ފުރުސަތު ދިނެވެ. ފުރުސަތު ދީގެން ގެނައި ދެވަނަ މުސަޅު ކަމަށްވާ "ޕްރިޝިއަސް" ވެސް އެއްވެސް ލެޓިއުސްކޮޅެއް ނުކެ އެވެ.

އެކަމަކު މި މުސަޅު ގެންގުޅޭ މީހާ އެކަމާ ހާހެއްނުވި އެވެ. އޭނާ ބުނީ މުސަޅަކީ އެހާ އަވަސް އަވަހަށް ކައި އުޅޭ އެއްޗެއް ނޫން ކަމަށާއި އެ ސޮރުމެން ކާނީ އެމީހުން ބޭނުންވީމަ ބޭނުންވާ ވަރަށް ކަމަށެވެ. އަދި ކާން ޖެހޭ ވަރަށް ވުރެ އިތުރަށް ކާން އެ ސޮރުމެން ނޫޅޭނެ އެވެ.