ދިވެހި ޕްރިމިއާ ލީގު މި މަހު 16 އަށް ފަސްކޮށްފި
ދިވެހި ޕްރިމިއާ ލީގު މި މަހު 16 އަށް ފަސްކޮށްފި

އަންނަ އާދިއްތަ ދުވަހު ފަށަން ކުރިން ހަމަޖައްސާފައިވާ، ދިވެހި ޕްރިމިއާ ލީގު މި މަހުގެ 16 އަށް ފަސްކޮށްފި އެވެ.

ލީގު ފަސް ކުރިކަން އެފްއޭއެމުން ވަނީ ކްލަބްތަކަށް އަންގައިފަ އެވެ.

ކުރިން ހަމަޖައްސާފައި އޮތީ އާދިއްތަ ދުވަހުގެ ހަވީރު، ކްލަބް ގްރީންސް ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭ މެޗުން ލީގު ފަށާ ގޮތަށެވެ. އޭރު ޝެޑިއުލް އޮތް ގޮތުން ލީގުގެ ފުރަތަމަ ބުރު ނިމޭނީ އަންނަ މަހު 9 ގަ އެވެ.

ލީގު ހުޅުވާ މެޗު، ލ. ގަމުގައި ކުޅެވޭތޯ އެފްއޭއެމުން މަސައްކަތް ކުރި އެވެ. ނަމަވެސް މިދިޔަ މަހު 20 އިން ފެށިގެން ގަން އޮތީ މޮނިޓަރިންގަ އެވެ. އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ގަމުގައި ލީގު ހުޅުވާ މެޗު ބޭއްވުމަށް މަސައްކަތްކުރާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ކުރިން އަންގާފައިިވާ ކަމަށެވެ.

މިދިޔަ މަހު ނިމުނު، ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅެފައި ވަނީ ރ. އަލިފުށީގަ އެވެ. މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު، ފ. ނިލަންދޫގައި ކުޅެން އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ދެބުރު ކުޅުނު ފަހުން ޖެހުނީ ހުއްޓާލާށެވެ. ކޮވިޑް-19 އާ ގުޅިގެން އެފްއޭއެމުން ނިންމީ ސީޒަން ނިންމާލައި އޭރު ލީގުގެ އެއްވަނައިގައި އޮތް މާޒިޔާއަކީ ލީގު ޗެމްޕިއަން ޓީމު ކަމުގައި ކަނޑައެޅުމަށެވެ. މާޒިޔާ އަށް ޗެމްޕިއަން ޝީލްޑް ދިނީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގެ ކުރިންނެވެ.