03 ފެބުރުއަރީ 2022 - 12:07

މިދިޔަ މަހު 35 ރިސޯޓަކުން 1000 ޑޮލަރަށް ވުރެ ކުޑަ ސާވިސްޗާޖެއް ބަހާފައިވާއިރު އެންމެ ކުޑަ ސާވިސްޗާޖެއް ބަހާފައި ވަނީ ކްލަބްމެޑް ފިނޮޅުން ކަން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ދޭ ސާވިސްޗާޖާ ބެހޭ މައުލޫމާތު އާއްމު ކުރާ ޕޭޖުތަކުގައިވާގޮތުން މިދިޔަ މަހު ކްލަބް މެޑް ފިނޮޅުން ސާވިސްޗާޖުގެ ގޮތުގައި މުވައްޒަފަކަށް ދިނީ 380 ޑޮލަރު (5،859ރ.) އެވެ. ދެވަނައަށް އެންމެ ކުޑަ ސާވިސް ޗާޖެއް ބެހީ ވެސް ކްލަބްމެޑްގެ ރިސޯޓަކުންނެވެ. ކްލަބްމެޑް ކާނިފުށިން މިދިޔަ މަހު މުވައްޒަފަކަށް ސާވިސްޗާޖުގެ ގޮތުގައި ދިނީ 421 ޑޮލަރު (6،491ރ.) އެވެ.
މިދިޔަ މަހު ތިންވަނަ އަށް އެންމެ ކުޑަ ސާވިސް ޗާޖެއް ބެހީ ރޮބިންސަނުންނެވެ. އެ ރިސޯޓުން މުވައްޒަފަކަށް ދިނީ 492 ޑޮލަރު (6،615ރ،) އެވެ.
- ކްލަބްމެޑް ފިނޮޅު
- ކްލަބްމެޑް ކާނިފުށި
- ރޮބިންސަން
- ތެލުވެލިގަ ރިޓްރީޓް: 509 ޑޮލަރު
- ސަން ސިޔާމް ވިލުރީފް: 554 ޑޮލަރު
- ފިހާޅޮހި: 571 ޑޮލަރު
- ސަމާ އައިލެންޑް: 588 ޑޮލަރު
- ޕެރެޑައިޒް އައިލެންޑް: 592 ޑޮލަރު
- ސަން ސިޔާމް އޮޅުވެލި: 594 ޑޮލަރު
- ސަން އައިލެންޑް: 602 ޑޮލަރު
ރާއްޖޭގައި މި ވަގުތު 157 ރިސޯޓް އޮޕަރޭޓު ކުރަމުން އަންނައިރު މިދިޔަ މަހު ގިނަ ރިސޯޓުތަކުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބަހައިފަ އެވެ. މިދިޔަ މަހު ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް ހުރީ 80 ޕަސެންޓަށް ވުރެ މަތީގަ އެވެ.
މަދުން ސާވިސްޗާޖު ބެހި ރިސޯޓުތަކުގެ ތެރެއިން ބައެއް ރިސޯޓުތައް ވެސް މިދިޔަ މަހު އޮތީ ފުލް ކޮށެވެ. ނަމަވެސް އެ ރިސޯޓުތަކުގެ ސާވިސްޗާޖު ދަށްވީ ފިކްސްކޮށްފައި އޮންނަ އަދަދެއް ކޮންމެ މަހަކު ބަހާތީ ކަމަށް އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެ އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ.
މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބެހީ ވެލާއިންނެވެ. އެއީ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރ.) އެވެ.