ކޮވިޑްގެ ހަރަދުތަކަށް މިދިޔަ އަހަރު 4 ބިލިއަން ރުފިޔާ
ކޮވިޑްގެ ހަރަދުތަކަށް މިދިޔަ އަހަރު 4 ބިލިއަން ރުފިޔާ

މިދިޔަ އަހަރު ކޮވިޑްގެ ހަރަދުތައް ހަމަޖެއްސުމަށް ހަތަރު ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ކޮވިޑާ ގުޅިގެން ސިއްހީ ކަންކަމަށް ކުރި ހަރަދު 2.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ކޮވިޑާ ގުޅިގެން އިޖްތިމާއީ ކަންކަމާއި ސަރުކާރުން ދޫކުރި ލޯނާއި އެހެނިހެން އެލަވަންސްތަކަށް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދޔަ އަހަރު އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ އޭޕްރީލާއި މެއި މަހު އެވެ. އެ ދެ މަހަކީ ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ފެތުރުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅި ދުވަސްތަކެވެ. އެ ދެ މަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދިނުމަށް 650 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދައިން ގާތްގަނޑަކަށް 890 މިލިއަން ހަރަދު ކުރީ ހެލްތު މިނިސްޓްރީގެ މަސައްކަތްކަށެވެ. އަދި ޑިޒާސްޓާ މެނޭޖްމެންޓް މެދުވެރިކޮށް 780 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ތިން ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރި އައިޖީއެމްއެޗަށް 190 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ސަރުކާރުން ވަނީ ކޮވިޑް ރިކަވަރީ ލޯނަށް 1.1 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. އިންކަމް ސަޕޯޓް އެލަވަންސަށް 420 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ގޭބީސީތަކުގެ ކަރަންޓް ބިލްތަކުން ޑިސްކައުންޓް ދިނުމަށް 170 މިލިއަން ހޭދަކޮށްފައިވާ އިރު ފެނުގެ ހިދުމަތުން ޑިސްކައުންޓް ދިނުމަށް 40 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސަރުކާރުން މިދިޔަ އަހަރު އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 22،000 މީހުންނަށް 420 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިދިޔަ ދެ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ބަޖެޓުގައި ވެސް ސިއްހީ ދާއިރާގެ ތެރެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހަރަދުތައް ކުރަން ވަނީ ކަނޑައަޅާފަ އެވެ. މިއަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ކޮވިޑާ ގުޅިގެން ކުރާ ހަރަދުތަކަށް ހޭދަކުރާނެ އެވެ.