03 ފެބުރުއަރީ 2022 - 11:11

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އޭގައި އިއްޔެ ކުޅުނު މެޗުތައް މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާ އިން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ވާދަކޮށް މެޗު ކާމިޔާބުކުރީ 6-0 ގެ ބޮޑު ތަފާތަކުންނެވެ. މާޒިޔާ އަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު އިޔާން ހުސެއިނާއި މުހައްމަދު މީޒާން އަދި ޔޫޝައު ބިން އަލީ ނަޝީދާއި ކެޕްޓަން ހުސެއިން ފާއިޒެވެ. އިޔާން އާއި މީޒާން ވެސް ވަނީ އިއްޔެގެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މީޒާން އެވެ.

މި ނަތީޖާއާ އެކު މާޒިޔާ އަށް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅެން އޮތް ހަތަރު މެޗު ވެސް ނިމިފަ އެވެ. އެޓީމު މިވަގުތު އޮތީ ހަތް ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނައިގަ އެވެ. މާޒިޔާއިން ގްރޫޕް ސްޓޭޖުގައި ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބަލިކުރިއިރު، އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ އެއްވަރު ކޮށްފަ އެވެ. އަދި އެޓީމު ބަލިވީ ސަސް އަތުންނެވެ.
މާޒިޔާ ފިޔަވައި މި ގުރޫޕުގައި ހިމެނޭ ބާކީ ހަތަރު ޓީމަށް ވެސް ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮތްއިރު، ދެވަނައިގައި އޮތް އީގަލްސް އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި ތިންވަނައިގައި އޮތީ ރޭ ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ހަ ޕޮއިންޓް ހަމަކޮށްފައިވާ ސަސް އެވެ.
ގްރީންއާ ވާދަކޮށް ސަސް އިން ރޭގެ މެޗު ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ 13 ވަނަ މިނިޓުގައި ލަޔާން ހުސެއިން ސަސް އަށް ލީޑު ނަގައިދީފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ވިޝާހު އަބްދުލް މަޖީދު ވަނީ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ސާލިފް ހުސެއިން ސަސްގެ ދެވަނަ ލަނޑު ޖަހައިދިން އިރު، 74 ވަނަ މިނިޓުގައި ހަތަރުވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު އިޝްއާފު މުހައްމަދު ފިރާގެވެ. އޭގެ ފަހުން ވެސް ސަސް އަށް ވަނީ ލީޑު އިތުރަށް ފުޅާކުރަން ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ ފޮނުވާލި ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ.
ސަސްގެ ފުރަތަމަ މެޗުގައި އީގަލްސް އަތުން ހަނި ގޮތަކަށް ބަލިވި ނަމަވެސް އެޓީމުން ވަނީ ދެވަނަ މެޗުގައި މާޒިޔާ ބަލިކޮށްފަ އެވެ. އަދި ރޭގެ މެޗަށް ފަހު ދެން އެ ޓީމަށް ބާކީ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އީގަލްސްގެ ފަހު މެޗުގައި އެ ދުވަހު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ސެމީ ފައިނަލަށް ހޮވޭނީީ ދެ ގުރޫޕުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ. ގުރޫޕް އޭގެ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ބަންދުވެފަ އެވެ.
ނަވާރަ އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ކުޅޭނީ ގުރޫޕް ބީގެ ފަހު ދެ މެޗެވެ. ޓީސީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީ ހަވީރު ބައްދަލުކުރާއިރު، މިރޭ ބައްދަލުކުރާނީ ވެލެންސިއާ އާއި މަހިބަދޫ އެވެ.