މާލެއަށް ވުރެ ރަށްރަށުން ޕޮޒިޓިވްވި މީހުން ގިނަ ދުވަހެއް
މާލެއަށް ވުރެ ރަށްރަށުން ޕޮޒިޓިވްވި މީހުން ގިނަ ދުވަހެއް

ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރު 5،985 ސާމްޕަލެއް ޓެސްޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ކޮވިޑު ޖެހުނީ 2،142 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެއިން ޕޮޒިޓިވްވި 2،142 މީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 771 މީހެކެވެ. މިއާ އެކު މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓަކީ 29 އެވެ.

މިއަދު މާލެއަށް ވުރެ ރަށްރަށުން ޕޮޒިޓިވްވި އަދަދު އިތުރެވެ. ރަށްރަށުން 1953 މީހަކު ޕޮޒިޓިވްވިއިރު ރިސޯޓުތަކުން 48 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވާ ކަަމަށް ތަފާސްހިސާބުތަކުން މި ދައްކަނީ ޓެސްޓްކުރި މީހުންގެ އަދަދު ވެސް މަދުވީމަ އެވެ. އާންމުކޮށް 3000 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވިއިރު 7000 ސާމްޕަލް ކޮވިޑަށް ޓެސްޓްކުރި އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ މިހާރު 143،202 އެކެވެ. އަދި 125،190 މީހުން ބަލިން ރަނގަޅުވެފައިވާތީި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 17،721 ގަ އެވެ.

ހޮސްޕިޓަލުގައި ފަރުވާދޭ އަދަދަކަށް ވެސް މާބޮޑު ބަދަލެއް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނާދެ އެވެ. އިއްޔެ 63 ގައި އެ އަދަދު އުޅުނަސް މިއަދު އެ ހޮސްޕިޓަލުގައި ފަރުވާދެނީ 62 މީހަކަށެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 278 އަށް އަރަ އެވެ.