02 ފެބުރުއަރީ 2022 - 22:30

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ކޮމަންޑުއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި ދެ ރައީސުން ކޮމަންޑުއަށް ވަޑައިގަންނަވާނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް ފަހު އެވެ.
ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގަތުމަށް ފަހު އެ ދާއިރާގައި ހިމެނޭ، މަރޮއްޓާއި ފޯކައިދުއަށް ވެސް ދެ ބޭފުޅުން އެކުގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ދެ ރައީސުން އެ ދާއިރާއަށް ދަތުރުފުޅު ކުރައްވަން ނިންމެވިއިރު މިއީ އެކުގައި މި ކެމްޕެއިނުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން މިހާރު ވެސް ކޮމަންޑޫ ދާއިރާގައި ތިއްބެވިއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ތާއީދުކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނޭ ގޮތަށް އެ ޕާޓީގެ ވަފުދެއް އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހުންނެވީ ކެމްޕޭންގައި މަރޮށީގަ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ. މި ގޮނޑި ދިފާއުކުރަން އެމްޑީޕީން އަންނަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.
މި އިންތިހާބުގައި އެމްޑީޕީއާ ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އެވެ. އަދި މިފަހުން އުފެއްދި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނެރެނީ އަބްދުލް ހަންނާން އިދުރީސް އެވެ. މި ދެ ބޭފުޅުންނަކީ ވެސް ކޮމަންޑޫއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.