ތެޔޮ ގަންނަން ލަންކާ އަށް 500 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދީފި
ތެޔޮ ގަންނަން ލަންކާ އަށް 500 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދީފި

ކޮލަމްބޯ (ފެބްރުއަރީ 3) - ތެލަށް ޖެހި އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުންދާ ސްރީ ލަންކާގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން 500 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން އިއްޔެ ދީފި އެވެ.

ލަންކާ އިން ތެޔޮ ގަންނަން ދަތިވެފައި ވަނީ އެ ގައުމުގައި ޑޮލަރު ނެތުމުންނެވެ. އިންޑިއާ އިން ދިން ލޯނު އެހީއާ އެކު ކަރަންޓުގެ މައްސަލަ އަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ލަންކާގެ އޮފިޝަލުން އުއްމީދު ކުރެ އެވެ.

ލަންކާގެ އޮފިޝަލުން ބުނީ އިންޑިއާގެ ލޯނު އެއްބަސްވުމުގައި ރަސްމީކޮށް އިއްޔެ ސޮއިކޮށްފައި ވަނީ ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި ދެ ހަފުތާ ވަންދެން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ފޮރިން އެކްސްޗޭންޖް ސަޕޯޓަށް ވެސް އިންޑިއާ އިން ދާދި ފަހުން ވަނީ ލަންކާ އަށް 915 މިލިއަން ޑޮލަރު ހަމަޖައްސައިދީފަ އެވެ.

އިންޑިއާގެ ޑިޕްލޮމެޓަކު ވިދާޅުވީ އިތުރު އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނުމާ މެދު ވެސް ދެ ގައުމުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ކްރެޑިޓް ލައިން ހަމަޖައްސައިދެނީ ލަންކާ އަށް މި ވަގުތަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް އިންޑިއާ އިން ގަތުމަށެވެ.

"ލަންކާ އަށް 500 މިލިއަން ޑޮލަރުގެ ލޯނު ވެސް ހަމަޖައްސައިދީފައި ވަނީ އިންޑިއާގެ ސަޕްލަޔަރުންގެ އަތުން ތެޔޮ ގަތުމަށް،" އިންޑިއާގެ އޮފިޝަލް ވިދާޅުވި އެވެ.

ބޭރު ފައިސާގެ ދަތިކަން ކުރިމަތިވުމުން ލަންކާ އިން ވަނީ ސިމެންތި އާއި ހަނޑޫ އިމްޕޯޓް ކުރުމަށް ދަތިވެފަ އެވެ.

ލަންކާގެ ޓްރޭޑް މިނިސްޓަރު ބަންދުލާ ގުނަވަރުދަނާ ދާދި ފަހުން ވިދާޅުވެފައި ވަނީ ހަނޑުލާއި ސިމެންތި އަދި ބޭސް ގަތުމަށްޓަކައި 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖެއްސުމަށް ޕާކިސްތާނާ އެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ލަންކާ އަށް ބޭރު ފައިސާ ލިބޭ މައިގަނޑު ވަސީލަތަކީ ޓޫރިޒަމެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައިވުމުން ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ލަންކާ އިން ވަނީ ބޭރުގެ ވަރަށް ގިނަ ޑިޕްލޮމެޓިކް މިޝަންތައް ވެސް ބަންދުކޮށްފަ އެވެ. އަދި ބައެއް ބާވަތްތައް އިމްޕޯޓްކުރުން ދެ އަހަރުގެ މުއްދަތަށް ވަނީ މަނާކޮށްފަ އެވެ.

ބޭރު ފައިސާގެ މައްސަލަ ކުރިމަތިވެފައިވާތީ ލަންކާގެ 35 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކިދާނެކަމާ މެދު ބައިނަލްއަގުވާނީ ރޭޓިން އެޖެންސީތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. ވޭތުވެދިޔަ ތަނުގައި ލަންކާގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް އެންމެ ގިނަ އަދަދަކަށް ލޯނު ނަގައިފައި ވަނީ ޗައިނާ އިންނެވެ.