02 ފެބުރުއަރީ 2022 - 19:02

ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ ބަޔާން މާދަމާ އިއްވަވާ ޖަލްސާ ބޮއިކޮޓްކުރަން އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.
ޕީޕީއެމް/ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަރީއަށް ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ. އަދި ޔާމީނަށް އަމާޒުކޮށް ސަރުކާރުން ކުރާ ދުއްތުރާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިނިވަން މުވައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުން ވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އިދިކޮޅުން ވަނީ ބައި އިލެކްޝަން ބޯމަތިވެފައިވަނިކޮށް ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން އައި ނަމަވެސް އެކަން ބަލާނެ މުއައްސަސާއެއް ވެސް ނެތުމުން ކަންބޮޑުވުންފާޅުކޮށްފަ އެވެ.
"އިންތިހާބެއް ބޯމަތިވެފައި އޮތްއިރު ސަރުކާރުން ދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންނެވެ. މިހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑަޅާފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ގާނޫނީ ހުސްކަމެެއްގެ ތެރޭގައި،" ބަޔާނުގައިވެ އެވެ.
ސަރުކާރާއި މަޖިލިސް ގުޅިގެން މުއައްސަސާތައް ހައިޖެކްކޮށްފައިވާކަމުގެ ތުހުމަތުކޮށް އިދިކޮޅުން ބުނީ ކޮރަޕްޝަނާ ގުޅޭ އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ ސަރުކާރުގެ ހުދު މުހުތާރުކަމާއި ޑިމޮކްރަސީ އާއި ބީރައްޓެހިކަން ހާމަވާ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ "ގޮތް ނޭނގޭ" އެއްބަސްވުންތަކުގެ ދަށުން މިނިވަންކަމާއި އިސްތިގުލާލު ގެއްލިފައިވާ ކަމަށާއި ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވެ މި ކެމްޕެއިނުގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ޖަލަށް ލުމަށް ގާނޫނު ފާސްކުރަން ނިންމުމަކީ މިސަރުކާރު އިންޑިއާގެ އަޅުވެތިކަމަށް ދިއުން ކަމަށެވެ.
"އެހެންކަމުން މިހާ ހުދުމުހުތާރު ޑިމޮކްރަސީގެ ހަމަތަކާއި ބީރަށްޓެހި ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި އިސްވެ ދެންނެވުނު ކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.
މީގެ ކުރިން ވެސް އެކި ސަބަބުތަކާ ހުރެ އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލީހުގެ ބައެއް ޖަލްސާތައް ބޮއިކޮޓްކޮށްފަ އެވެ.