މުވައްޒަފުންނަށް މިރޭ ނޫނީ މާދަމާ މުސާރަ ލިބޭނެ: ހެލްތު މިނިސްޓްރީ
މުވައްޒަފުންނަށް މިރޭ ނޫނީ މާދަމާ މުސާރަ ލިބޭނެ: ހެލްތު މިނިސްޓްރީ

އެކި ސަބަބުތަކާ ހެދި، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އަދިވެސް ނުދެވޭ ކަމަށާއި އެކަމަކު މިރޭ ނޫނީ މާދަމާ މުސާރަ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގާނޫނުގައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހުނަސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ އަދިވެސް ނުލިބޭތީ އެކަމާ ދަނީ ޝަކުވާ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗުގެ މުވައްޒަފުންނެވެ. އެއިން އެއްވެސް ބަޔަކަށް އަދި މުސާރަ ޖަމައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުސާރަ ލިބުން ލަސްވީ އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ގޭގައި ކަރަންޓީނުވާން ޖެހުމުން ކަމަށެވެ.

އެހެންވެ، މުސާރަ ޝީޓްތައް ނިންމަން ޖެހޭ މުއްދަތަށް ނުނިމި ލަސްވި ކަމަށާއި އެކަމަކު މިހާރު މުސާރަ ޝީޓްތައް ނިންމައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެވިއްޔާ މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި މުސާރަ ޖަމާވާނެ،" އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ އިތުރުން ވެސް ބައެއް މުއައްސަސާތަކުގައި އުޅޭ މީހުންނަށް މިދިޔަ މަހުގެ މުސާރަ ޖަމާވީ ލަހުންނެވެ. މުސާރަތައް ލަސްވީ ބައެއް މުއައްސަސާތަކުން ފޮނުވަން ޖެހޭ މުސާރަ ޝީޓްތައް ނުފޮނުވައިގެން ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން މުސާރަ ޖަމާކުރާނީ އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް، މުސާރަ ޝީޓުތައް ފޮނުވުމުންނެވެ.