އަންހެން މީހާގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތަށް ފިރިމީހާ ހައްޔަރުކޮށްފި
އަންހެން މީހާގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތަށް ފިރިމީހާ ހައްޔަރުކޮށްފި

ބިދޭސީ އަންހެން މީހާގެ ގަޔަށް ވަޅި ހެރި މައްސަލައިގައި އޭނާގެ ފިރިމީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ ގެއެއްގައި އަންހެނަކަށް އަނިޔާކުރި މައްސަލައިގައި 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ އިންޑިއާ އަންހެން މީހާގެ ފިރިމީހާ އެވެ.

އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހެނދުނު 6:20 ހާއިރެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އެ ދެ މީހުންނަށް ޒަހަމްވެފައިވެ އެވެ. އެކަމަކު އަންހެން މީހާ އަށް ލިބުނު ޒަހަމްތައް ބޮޑެވެ. އެ މީހާއަށް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މީހުންނަށް ލިބުނު ޒަހަމްތައް އަދި ސާފު ނުވި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފޫކޮޅުގެ މަސްގަނޑާ ދިމާލަށް ހަރާފައިވާ ވަޅިއާ އެކު، ވަޅި ނުނައްޓަ އެވެ.

ފިރިހެން މީހާގެ ބަނޑަށް ވެސް ވަޅި ހަރާފައިވެ އެވެ. ފުލުހުން ގާތު އޭނާ ބުނެފައި ވަނީ ވަޅި ޖެހީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު އޭނާ ހޮސްޕިޓަލުގައި ބުނެފައި ވަނީ ވަޅި ޖެހީ އަނބިމީހާ ކަމަށެވެ.