03 ފެބުރުއަރީ 2022 - 06:07

އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ދެމަފިރިން ކަމަށްވާ ބާރްތީ ސިންގް އާއި ހާޝް ލިމްބާޗިއާ ދިރިއުޅެމުން އަންނަ ގޭގައި އެންމެ ދެ ގޮނޑި ބަހައްޓާފައި ހުންނަނީ ގެއަށް ދާ މެހުމާނުން މާގިނައިރު ގޭގައި މަޑުކޮށްގެން ތިބޭތީ ކަމަށް ބާރްތީ ބުނެފި އެވެ.
ބާރްތީ އާއި އޭނާގެ ފިރިމީހާ ހިންގަމުން އަންނަ ޔޫޓިއުބް ޗެނަލް، ލައިފް އޮފް ލިމްބާޗިއާ (ލޮލް) ގައި ބާރްތީ އާންމުކުރި ވީޑިއޯއަކުން ފެންނަނީ އެދެމަފިރިން ދިރިއުޅޭ ގޭ ދައްކާލާ މަންޒަރެވެ. އެ ގޭގެ ދެ ކޮޓަރި އާއި ސިޓިންރޫމް އަދި ބޮޑު ބެލްކަންޏައި ފާހާނާ ހަދާފައި ހުރި ގޮތް ވެސް އޭނާ ދައްކާލި އެވެ.
އެ ވީޑިއޯގައި ފެންނަ ގޮތުގައި އެ ގޭގައި ހަ ވަރަކަށް މީހުންނަށް ކެވޭ ގޮތަށް ގޮނޑި ޖަހާފައި ކާ މޭޒެއް ހުއްޓެވެ. އަދި ޓީވީ ކައިރީގައި ސޯފާއެއް ވެސް ހުއްޓެވެ. އެކަމަކު ޓީވީ ކައިިރިން ބެލްކަންޏަށް ނިކުންނަ އިރު ހަމަޖެހިލައިގެން ވާހަކަ ދައްކާލަން ތިބެވޭ ގޮތަށް ހަދާފައި ހުރި ތަނުގައި ހުރީ މޭޒަކާ އެންމެ ދެގޮނޑި އެވެ.
އެތަން ދައްކާލަމުން ބާރްތީ ބުނީ އެތަނުގައި އެންމެ ދެ ގޮނޑި ބަހައްޓާފައި ހުރީ މެހެމާނުން ގެއަށް އައިސް މާގިނައިރު ގޭގައި މަޑުކުރުމަކީ އޭނާ ވަރަށް ރުޅި އަންނަ ކަމަކަށް ވާތީ އެވެ. އަދި އޭނާ ވެސް ގޭގެއަށް ގޮސް މާގިނައިރު ނުކުރާ ކަމަށާއި އެ ގެއަށް ގޮސް ވެސް މީހުން މާގިނައިރު މަޑުކުރުމުގެ ބޭނުމެއް ނެތް ކަމަށް ބުންޏެވެ.
ބާރްތީ އާއި ހާރްޝް ކައިވެނިކުރީ 2017 ގަ އެވެ. މިހާރު ބާރްތީ އިނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ. އެމީހުން ދިރިއުޅެނީ އާއިލާއާ ވަކިންނެވެ.