03 ފެބުރުއަރީ 2022 - 05:50

ބްރިޓިޝް އެއާވޭސް އިން ކުރިން ބޭނުންކުރި ބޮއިން 737 މަރުކާގެ މަތިންދާބޯޓެއްގެ އިންޓީރިއާ މުޅިން ބަދަލުކޮށްލާއި، ޕާޓީތަކާއި އެކި ކަހަލަ އިވެންޓްތައް ބޭއްވޭ ވެނިއުއަކަށް ބަދަލުކޮށްލައިފި އެވެ. އަންނަ މަހު ފަހުކޮޅުން ފަށައިގެން މި ތަން ކުއްޔަށް ދޫކުރާ އިރު، ގަޑިއިރަކަށް 1،300 ޑޮލަރު ޗާޖު ކުރާނެ އެވެ.
އެ މަތިންދާބޯޓް ބާއްވާފައި އޮތީ އިނގިރޭސިވިލާތުގައި އަމިއްލަ ބަޔަކު ހިންގަމުން އަންނަ ކޮޓްސްވޮލްޑް އެއާޕޯޓުގަ އެވެ. އިންވެންޓް ވެނިއުއެއް ގޮތުގައި އެ ބޯޓްގެ ހިދުމަތް ދޭނީ ވެސް ހަމަ އެ އެއާޕޯޓުގައި ބާއްވައިގެންނެވެ. އެ ބޯޓް "ޕާޓީ ޕްލޭނަކަށް" ބަދަލުކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ބާ މަތިންދާބޯޓެއް "ޕާޓީ ޕްލޭނަކަށް" ބަދަލުކޮށްލުމުގެ ހިޔާލު ލިބުމާ އެކު، ކޮޓްސްވޮލްޑް އެއާޕޯޓްގެ ޗީފް އެގްޒެކެޓިވް ސުޒޭނާ ހާވީ، ބްރިޓްޝް އެއާވޭސް އަށް ޕްރޮޕޯޒަލްއެއް ހުށަހެޅުމުން އެމީހުންނަށް ލިބުނީ އެ އެއާލައިން އިން ކުރިން ބޭނުންކުރި ބޮއިން 737 މަރުކާގެ މަތިންދާބޯޓެކެވެ. ހާވީ މި ބޯޓް ގަތީ 1.3 މިލިއަން ޑޮލަރަށެވެ.
މި ބޯޓުގެ އިންޓީރިއާ އަށް ބަދަލުތަކެއް ގެނައި ނަމަވެސް، އެ މަސައްކަތް ކޮށްފައި ވަނީ މަތިންދާބޯޓެއް އަަސްލު ނުގެއްލޭނެ ގޮތަށެވެ. ބޯޓްގެ ބޭރަށް އެއްވެސް ބަދަލެއް ނުގެންނަ އިރު، ކޮކްޕިޓް ވެސް ހަމަ ހުރި ގޮތަށް ބަހައްޓައިފަ އެވެ.
ބޯޓްގެ އެތެރެއިން އިކޮނޮމީ ކްލާސްގެ ބައި އެއްކޮށް ނަގާއި، އެތަން ވަނީ ޕާޓީ ރޫމަކަށް ބަދަލުކޮށްލައިފަ އެވެ. އަދި ބޯޓުގެ ސީޓުތަކަށް ކުޑަ ބަދަލެއް ގެނެސް އެތަނުގައި ބާއެއް ހަދާފައިވެ އެވެ.
މި މަތިންދާބޯޓް އަލުން ޑިޒައިން ކުރުމަށް 671،000 ޑޮލަރު ހަރަދުކުރި އެވެ.
މިހާރު ވެސް މި "ޕާޓީ ޕްލޭނަށް" ބައިވަރު ބުކިންތައް ލިބެ އެވެ. ޓީވީ ޝޯއެއްގެ މަންޒަރުތައް ނެގުމަށާއި ޕާޓީތަކަށް ވެސް ބުކް ކޮށްފައިވެ އެވެ. މި ބޯޓްގައި ކައިވެނި ޕާޓީއެއް ބާއްވަން ވެސް ބުކް ކޮށްފައިވާއިރު، ކައިވެނި ޕާޓީތައް ބާއްވަން އެއް ދުވަހަށް 16،000 ޑޮލަރަށް ޗާޖު ކުރެ އެވެ.