06 ޖޫން 2016 - 16:17

ރިޔާޒް (ޖޫން 6) - މުސްލިމް ގައުމުތައް ކަމަށްވާ ސައުދީ އަރަބިއާ، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސ އަދި ޔަމަނަށް ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް ކަމަށް އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން އިއުލާންކޮށްފި އެވެ.

މެދުއިރުމަތީގެ އެހެން މުސްލިމް ގައުމުތަކުން ހޯމަ ދުވަހު ރޯދަ މަސް ފެށި އިރު އަނެއް ބައި ގައުމުތަކުން ނިންމާފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށެވެ.

ދުނިޔޭގެ އެންމެ މުސްލިމުން ގިނަ އިންޑޮނީޝިއާގައި ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހު ރޯދަ މަސް ފެށި ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، ލުބުނާން، ސީރިއާ، ކުވޭތު، ޖޯޑަން، މިސްރު، އަފްޣާނިސްތާން އަދި ފަލަސްތީން ހިމެނެ އެވެ. މި އަހަރުގެ ރޯދަ މަހު ވެސް އިޒްރޭލުން ވަނީ ފަލަސްތީނު މީހުންނަށް ލުއިތަކެއް ދީފަ އެވެ.
މި އަހަރު ވެސް ރޯދަ މަހު ސްކެންޑިނޭވިއާގެ ގައުމުތަކަށް ދުވާލުގެ ވަގުތައް ވަރަށް ދިގުވާނެ އެވެ. ބައެއް ގައުމުތަކުގައި 20 ގަޑިއިރު ރޯދަ އަށް ތިބޭ އިރު އަނެއްގައި ގައުމުތަކުގައި 21 ގަޑިއިރަށް ދުވާލުގެ ވަގުތައް ދެމިގެންދެ އެވެ.