ގިނީ-ބިސާއޫ އަށް ބަޣާވާތެއް ގެނެސް ރައީސް ހައްޔަރުކުރަން އުޅެފި
ގިނީ-ބިސާއޫ އަށް ބަޣާވާތެއް ގެނެސް ރައީސް ހައްޔަރުކުރަން އުޅެފި

ބިސާއު (ފެބްރުއަރީ 2) - ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ ބިސާއު އަށް ބަޣާވާތެއް ގެނެސް ރައީސް އުމަރޯ ސިސޯކޯ އެމްބަލޯ ހައްޔަރު ކުރަން އުޅެފި އެވެ.

ގިނީ-ބިސާއޫ އަށް ބަޣާވާތެއް ގެނެސް ރައީސް ހައްޔަރުކުރަން އުޅެފި
ގިނީ-ބިސާއޫ އަށް ބަޣާވާތެއް ގެނެސް ރައީސް ހައްޔަރުކުރަން އުޅެފި

ވެރިރަށް ބިސާއުގެ ރިޔާސީ ގަނޑުވަރަށް އިއްޔެ ވަރަށް ހަވީރުގެ ވަގުތެއްގައި ވަނީ ހަތިޔާރު ހިފައިގެން ތިބި ބަޔަކު ހަމަލާދީފަ އެވެ. އެ ވަގުތު ރައީސް އެމްބަލޯ ގެންދެވީ އެ އިމާރާތުގައި ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަމުންނެވެ. ބައެއް ރިޕޯތައް ބުނާ ގޮތުގައި ހަތިޔާރު އެޅި މީހުން ވަނީ ރައީސް އާއި ބައެއް ވަޒީރުން ހައްޔަރުކޮށްފަ އެވެ.

ބަޣާވާތާ ގުޅޭ އިތުރު ތަފްސީލް ރައީސް އެމްބަލޯ ނުދެއްވަ އެވެ. ނަމަވެސް އެމްބަލޯ ވިދާޅުވީ ބަޣާވަތުގެ ތެރޭގައި ސަލަމާތީ ސިފައިންގެ ތެރޭން ގިނަ ބަޔަކު މަރުވި އެވެ. އަދި ބަޣާވާތް މިހާރު ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި "އެއީ ޑިމޮކްރެސީ އަށް ދިން ނާކާމިޔާބު ހަމަލާއެއް" ކަމަށް އެމްބަލޯ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަރަށް ދުރާލައި ތައްޔާރުވެގެން ދިން ހަމަލާގެ ފަހަތުގައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާ ގުޅުން ހުރި މީހުން ކަމަށް ބެލެވޭ ކަމަށެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގިނީ ބިސާއޫ އަށް 1980 ވަނަ އަހަރުގެ ފަހުން ވަނީ ނުވަ ފަހަރު ބަޣާވާތް ގެނެސްފަ އެވެ.

ރައީސް އެމްބަލޯ ވެރިކަމަށް ވަޑައިގެންނެވީ ޑިސެމްބަރު 2019 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.