17 ޑިސެމްބަރ 2016 - 11:58

އާ އިންތިހާބަކަށް މަގުފަހިކުރުމަށްޓަކައި ނިއު ރޭޑިއަންޓުގެ ޗެއާމަން ޔާމީން އާދަމް އިސްތިއުފާ ހުށަހަޅުއްވައި، އިންތިހާބަކާ ހަމަޔަށް ކްލަބް ގެންދިއުމަށްޓަކައި ޖެނެރަލް ސެކްރެޓަރީއަކަށް އެ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް މޫސާ (ޓެޑް) ހަމަޖައްސައިފި އެވެ.
އަންނަ މަހުގެ ކުރީކޮޅު ބާއްވާ އިންތިހާބުގައި އެ ކްލަބުގެ ޗެއާމަންގެ މަގާމަށް ވަޑައިގަންނަވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ. އޭނާއާ އެކު ބޯޑުގެ މަގާމްތަކަށް މަޝްހޫރު ވިޔަފާރިވެރިންތަކެއް އަންނާނެ އެވެ.
އެކަމަށް މަގުފަހިކުރުމަށް ކްލަބުގެ މުއައްސިސުންނާ އެކު އެއްބަސްވުމަކަށް އައިސް ބޯޑުގައި މިހާރު ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ.
ނިއުގެ ޗެއާމަން ޔާމީން ވަނީ މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވަން ސިޓީ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ އޭނާގެ އިސްތިއުފާ ގަބޫލުކޮށް ވީހާ ވެސް އަވަހަކަށް އިންތިހާބެއް ބޭއްވުމަށް އެދިފަ އެވެ.
އިސްތިއުފާ ދިނުމުގެ ކުރިން ޗެއާމަން، އާ ޖެނެރަލް ސެކްރެޓަރީއެއް އައްޔަންކުރީން ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝަމީމް (ކޮޔަރު އައްޔަ) އިސްތިއުފާ ދެއްވާފައިވާތީ އެވެ. އާ ޖެނެރަލް ސެކްރެޓަރީގެ ޒިންމާއަކަށްވާނީ އިންތިހާބު އިންތިޒާމްކުރުމާއި ޓްރާންސްފާގެ ކަންކަން ބެލެހެއްޓުމެވެ.
އާ ޖެނެރަލް ސެކްރެޓަރީ ނިޔާޒަކީ ނިއުގެ ކޯޗަކަށް މޫސާ މަނިކު (ކުޑަމޫސަ) ހުރި އިރު އެ ކްލަބަށް ކުޅެން 1999 ވަނަ އަހަރު ގެނައި ކުޅުންތެރިޔެކެވެ. އެކަމަކު ސިފައިންގެއަށް ވަންނަން ޖެހުމުން ކުޅުމާ ދުރަށް ދާން ޖެހުނީ އެވެ. ފަހުން އޭނާ ވަނީ ނިއުގެ ޔޫތު ޓީމާއި ވިމެންސް ޓީމުގެ ކޯޗުކަންކޮށް އަދި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.
އިންތިހާބުގެ ކުރިން ވެސް އެ ކްލަބުން އަންނަނީ އަންނަ ސީޒަނަށް ކުޅުންތެރިން ގެންނަން ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މިއަދު ވަނީ ވެލެންސިއާގެ އަކްރަމް އަބްދުލްގަނީގެ ސޮއި ހޯދައިފަ އެވެ. އެ ކްލަބުން މަސައްކަތްކުރަނީ ގައުމީ ޓީމުގެ ސީނިއާ ހަތަރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރާށެވެ.