17 ޑިސެމްބަރ 2016 - 11:24

ކުރިއަށް އޮތް ސީޒަނަށް ވަރުގަދަ ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވެލެންސިއާގެ މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީގެ ސޮއި ހޯދައިފި އެވެ.
އަކްރަމަކީ މި އަހަރު ބަލިކަށިކޮށް ފެނުނު ނިއު އަށް އަންނަ ސީޒަނުގައި ކުޅެން ނިންމި ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ އަކީ އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައި އަންނަ ސީޒަނުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާފައިވާ ވެލެންސިއާ ދޫކޮށްލި ފުރަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ.
ކުރިން ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅުނު އަކްރަމް އެ ކްލަބުގެ އެއްބަސްވުމުގައި މިއަދު ހެނދުނު ސޮއިކޮށްފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް "މިހާރަ"ށް ވަނީ ކަށަވަރުވެފަ އެވެ. ގައުމީ ޓީމާއި ނިއު އަދި ވެލެންސިއާގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީގެ ކޮއްކޮ އަކްރަމަކީ ވެލެންސިއާ އިން ވިދާލި ކުޅުންތެރިޔެކެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ނިއު އަށް ބަދަލުވިއިރު ފަހުން މާޒިޔާ އާއި ވިކްޓަރީ އަށް ވެސް ކުޅުނެވެ. އޭނާ 2013 ވަނަ އަހަރު ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވިއިރު ޖެހިގެން އައި އަހަރުގެ ސީޒަނުގެ މެދުތެރެއިން އެނބުރި ވެލެންސިއާ އަށް ދިޔައީ އެވެ.
މެދުތެރެ އާއި ޑިފެންސް ލައިނުގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ އަކްރަމްގެ ކުޅުން ކުރިއާ ބަލާއިރު ދަށްވެފައިވާއިރު އޭނާ އަށް ގައުމީ ޓީމުން ވެސް ފުރުސަތެއް ނުލިބެ އެވެ.
ނިއު އިން އަންނަނީ ގައުމީ ޓީމުގެ މުހިއް ތިން ކުޅުންތެރިޔަކާ ވާހަކަދައްކަމުންނެވެ. އޭގެ ތެރޭގައި މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ނިއު އަށް ގިނަ ދުވަސްތަކެއްގައި ކުޅެފައިވާ އަހުމަދު އަބްދުﷲ (ލިލީ) ހިމެނެ އެވެ.
ނިއު އިން ކުޅުންތެރިންގެ ސޮއި ހޯދަން ފެށިއިރު އެ ކްލަބާ ހަވާލުވާން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންތަކެއް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންތިހާބަށް މަގުފަހިކުރުމުގެ ގޮތުން ކްލަބުގެ ޗެއާމަން ޔާމީން އާދަމާއި ބޯޑުގެ އިތުރު މެމްބަރުންތަކެއް ވަނީ އިސްތިއުފާ ދީފަ އެވެ. އިންތިހާބަކާ ހަމަޔަށް ކްލަބް ގެންދިއުމަށާއި ކުޅުންތެރިންގެ ޓްރާންސްފާގެ ކަންކަން ބަލަހައްޓަން، ޗެއާމަން ޔާމީން ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން ޖެނެރަލް ސެކްރެޓަރީއަކަށް އަހުމަދު ނިޔާޒް މޫސާ (ޓެޑް) ހަމަޖައްސައިފަ އެވެ.
ނިއުގެ ޗެއާމަންގެ މަގާމަށް ވަޑައިގަންނަވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ކާނަލެއް ކަމަށްވާ މުހައްމަދު ޒިޔާދެވެ. އޭނާ ވަނީ ދިވެހި ސިފައިންގެ ކްލަބުގެ ޗެއާމަންގެ މަގާމް ވެސް ފުރުއްވައިފަ އެވެ.