02 ފެބުރުއަރީ 2022 - 10:53

ކ. ގުޅީގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމާ ސްޓެލްކޯ އިން އިއްޔެ ހަވާލުވެއްޖެ އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ހިދުމަތް އިފުތިތާހު ކޮށްދެއްވައި، ފެނާއި ނަރުދަމާގެ ނިޒާމުގެ ކަންކަމާ ސްޓެލްކޯގެ ފަރާތުން ރަސްމީކޮށް ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.
މި ހިދުމަތާއެކު، ގުޅީގެ ހުރިހާ ޔުޓިލިޓީ ހިދުމަތެއް ދޭނީ ސްޓެލްކޯއިންނެވެ. އެއީ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތެވެ.
އިއްޔެގެ ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ، ގުޅިއަކީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ވެފައިވާ ވައުދުގެ ދަށުން ހިދުމަތް ފަށާ ފުރަތަމަ ރަށް ކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގަ އެވެ.
ސްޓެލްކޯގެ އެމްޑީ ވިދާޅުވިގޮތުގައި، ގުޅިއަކީ ޓޫރިޒަމާއި އޮޑިދޯނިފަހަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރާ ރަށަކަށް ވެފައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފެށުމުން އެ ރަށުގެ އިގްތިސާދަށް އޭގެ ފައިދާ ވާނެ އެވެ. އަދި މި ހިދުމަތް ކުރިމަގުގައި ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.
"މި ދެ ހިދުމަތް މި ރަށަށް ދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް ފެށިގެންދާ ފުރަތަމަ ރަށް. މި ހިދުމަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް ވެސް އޭގެ މަންފާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ގުޅީގެ ފެނާއި ނަރުދަމާ ނިޒާމުގެ ދަށުން 40 ޓަނުގެ ދެ އާަރުއޯ ޕްލާންޓާއި ވާރޭ ފެން ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ބަހައްޓައިފަ އެވެ. އަދި ފެން ރައްކާ ކުރުމަށް 200 ޓަނުގެ ތިން ތާނގީ ވެސް ވަނީ ބަހައްޓައިފަ އެވެ.
ސްޓެލްކޯ އިން ބުނީ، މިހާތަނަށް ފެން ގުޅައި ދިނުމަށް އެދި ގުޅިން 181 ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ނަރުދަމާގެ ހިދުމަތަށް އެދި މިހާތަނަށް 75 ފަރާތަކުން ވަނީ ރަޖިސްޓަރީ ވެފަ އެވެ.