ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ތަހުގީގުކުރަނީ
ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ތަހުގީގުކުރަނީ

ހުޅުމާލޭގައި ދިވެހި އަންހެނަކާ ގަދަކަމުން ޖިންސީ އަމަލު ހިންގައި، ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު، ހުޅުމާލޭގައި ދިވެހި އަންހެނަކާއެކު، ފިރިހެނަކު ގަދަކަމުން ޖިންސީ އަމަލު ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އޭނާ ހައްޔަރުކުރީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ފުލުހުންނަށް ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ހޯމަ ދުވަހު ވަނީ އަނެއްކާވެސް ބަންދަށް ފަސް ދުވަސް އިތުރުކޮށްފަ އެވެ.

އެ މީހާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅޭ ވަަރަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން އިތުރު ފަސް ދުވަސް ކޯޓުން ދިނީ އެވެ.

އިތުރު ތަފްސީލެއް ނުދީ، ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.