ލޯބީގެ ދާނުގާ
ލޯބީގެ ދާނުގާ

އާދިއްތަ ދުވަހާ ގުޅޭ

ބޭރުގައި އަހަރެން އުޅޭ ހުރިހާ ވަގުތަކު ބައްޕަގެ އައިޕެޑާއި އަހަރެންގެ ފޯނު އޮންނާނީ ގުޅިފައެވެ. ބައްޕައަށް ހީވާނީ ބައްޕަ ގާތުގައި އަހަރެން އިންނަހެންނެވެ. އެއީ، ބައްޕަ ބަލަހައްޓަން އިންނަ މުނީރަށް އިތުބާރުނުކުރެވޭތީ ކުރާ ކަމެއް ނޫނެވެ. އަހަރެންގެ އަމިއްލަ ހިތްހަމަޖެހުމަކަށް ކުރާ ކަމެކެވެ. ކަމެއް ދިމާވާ ވަގުތު އަހަންނަށް އެނގެން ބޭނުންވާތީ ގެންގުޅޭ އުސޫލެކެވެ. އަހަރެން އަބަދު ކަހަލަ ގޮތަކަށް ބައްޕަޔާ ވާހަކަދައްކަމެވެ. އަހަރެން ކުރާ ކަންތަކާ، ފެންނަ މަންޒަރުތައް ބައްޕައަށް ކިޔައިދެމެވެ. ބައްޕަގެ ލޮލަށް ސިފަވާ ވަރަށެވެ. އަހަންނަށް ބައްޕައަކީ ހަމަ އެކަނި ބައްޕައެއް ނޫނެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ވެސް ބައްޕައެވެ. ސިއްރުވެރިޔަކީ ވެސް ބައްޕައެވެ. އަހަރުމެން ދެބަފައިންގެ ދެމެދުގައި އޮންނަ ސާދާ ގުޅުން ބައެއް މީހުންނަކަށް ނުވެސް ވިސްނޭނެއެވެ.

"ބައްޕާ!" އިރާކޮޅަކު ދުވަން ގޮސް ހުރެ އަހަރެން ބައްޕަޔާ ވާހަކަދެއްކީމެވެ. "މިހާރު ދެން ދުވަން އައުމަކީ ވެސް ކުޅަދާނަވާ ވަރުގެ ކަމެއް ނޫން. ދުވާ އިރު ކުރި ބަލަން އެބަ ޖެހޭ. އިސްޖެހޭކަށް ނޯވޭ. އެކަމަކު އިސްއުފުލާލެވޭކަށް ވެސް ނޯވޭ. މި ކަމަށް އެބަ ޖެހޭ ހައްލެއް ހޯދަން. ނޫންތަ؟ ދެން އަނެއްކާ ވަރުބަލިވެގެން މަޑުކޮށްލެވޭކަށް ވެސް ނޯވެޔޭ. އެކި ކުލަކުލައިގެ ގުރާތައް މި ތިބެނީ ގަހަށް ޖައްސާފަ. ދެން ކިހިނެއް ވާނީ؟ އޭ ބައްޕާ އެއްކަލަ އަދުނާނު ފެނިއްޖެ! ބައްޕަގެ ފްރެންޑް. ދެކުދިން ގޮވައިގެން ކަސްރަތަށް ހިނގަނީ. ވަރަށް މަޑުމަޑުން އޭނައަށް ހިނގެނީ. ދެ ފަރާތުގަ އެބަ ތިބި ދެ އަނބިން. އަހަންނަކަށް ހިޔެއްނުވޭ އެ މީހުން އަދުނާނަށް ބަލާހެނެއް. އެކަކުއަނެކަކަށް ކަންނޭނގެ ބަލަނީ."

"އެއީ ބައްޕަ ވެސް ހާދަހާ ކުރަން ބޭނުންވި ކަމެކޭ." ބައްޕަ ބުންޏެވެ.

"ހިނގަންދިޔުންތަ؟" ނޭނގޭކަމަށް ހެދިފައި އަހަރެން ބުނީމެވެ.

ބައްޕަ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އަހަރެން ދައްކާ ވާހަކަތައް ބައްޕައަށް ވަރަށް ކަމުދެއެވެ. ބައްޕަ ފޫހިފިލައެވެ. މުނީރު ބުނާ ގޮތުގައި ބައްޕަ ވަރަށް ޝައުގުވެރިކަމާ އެކުގައި ހުރިހައި ވާހަކައެއް އަޑުއަހައެވެ. ހުނުމުގެ މާ ބޮޑު ހަރަކާތްތަކެއް ބައްޕަގެ ފަރާތުން ކޮންމެ ފަހަރަކު ނުފެނުނަސް، ބައްޕަ ހިނިއަންނަކަން އެނގެއެވެ. އަހަރެންގެ ބޭނުމަކީ އެއީއެވެ. އަހަންނަކީ ބައްޕަގެ ދެ ލޮލެވެ. ދެ ކަންފަތެވެ. ދެ ފަޔެވެ. އެނދުގައި އޮތަސް ބައްޕަ ދުވަން ދެއެވެ. ބާޒާރުކުރަން ދެއެވެ. ބައްޕައަކީ މަސްވެރިއަކަށްވީތީ، މަސް މާރުކޭޓުގެ ޚަބަރުދަބަރު އެނގެން ބައްޕަ ބޭނުންވެއެވެ. އަހަރެން އެ ކަން ވެސް ކޮށްދެމެވެ. މާރުކޭޓުގައި ހުންނަ މަހުގެ ވައްތަރުތަކާއި، އަގުތައް ބައްޕައަށް ކިޔައިދިމެވެ. އެއިން އެއްވެސް ކަމަކީ، މީހެއްގެ ރުހުން ހޯދަން އަހަރެން ކުރާ ކަމެއް ނޫނެވެ. އަހަރެންގެ ހިތްހަމަޖެހުމަކަށް ކުރާ ކަންކަމެވެ. ބައްޕަގެ ކޮންމެ އުފަލަކީ އަހަންނަށް ލިބޭ އުފަލެކެވެ.

ފިޒިޔޯހަދުވަން އަންނަ މީހާ، ބައްޕަ ލައްވައި ކަސްރަތުތަކެއް ކުރުވައެވެ. އެއިން މާ ބޮޑު ފައިދާއެއް ނުކުރެއެވެ. އަހަރެން ބޭނުންވީ އެ ކަސްރަތުތައް ދަސްކޮށްގެން އެ ކަން ވެސް އަހަރެން ކޮށްދޭށެވެ. އެއީ ބައްޕަ ވަރަށް އުފާވިކަމެކެވެ. އެކަމަކު، ވަޒީފާގެ ވަގުތު ފިޔަވައި އެހެން ހުރިހައި ވަގުތަކު ބައްޕަ ގާތުގައި އަހަރެން އިނީމައި އަހަރެންގެ ދިރިއުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ ކަމާ ވިސްނަނީ އަހަންނެއް ނޫނެވެ. ބައްޕައެވެ. އަހަރެން ހުސްހަށިބަޔަށް ހުރުމަކީ ބައްޕަގެ ކަންބޮޑުވުމެކެވެ.

އެއްދުވަހަކު އަހަރެން ކިޔައިދިން ވާހަކައެއްގައި، މާ ފުރިހަމަ ކައިވެނި ހަފުލާއެއްގެ ވާހަކަ އައެވެ. ދެން ވީ އޭގެ ސަބުން ނުވެ ނުދާނެ ކަންތަކެވެ.

"ދަރިފުޅު މީހަކާ އިން ނަމަ މިހާރު ބައްޕައަށް ކާފަ ކިޔައިފީސް ދޯ؟" ބައްޕަ ސުވާލުކުރިއެވެ.

"އެހެން ނޫނަސް ބައްޕައަށް ކާފަ ކިޔައިފިއެއްނު،" އަހަރެން ބުނީމެވެ. "ދެން ފެންނާނީ މުނިކާފައަކަށް ވެފަ ވަޅުކާފައަކަށް ވާ ތަން."

ބައްޕަ ހީނގަތެވެ. ކޮށި ވެސް އެރިއެވެ. ކުޑަކޮށް ވަރުބަލިވެގެން ތަންކޮޅެއް ބާރަށް ނޭވާލާން ފެށިއެވެ.

"ބައްޕައަކަށް ދެން މާ ބޮޑު ކަމެއް ކުދިންނަކަށް ނުކޮށްދެވޭ،" ބައްޕަ ބުންޏެވެ. "ކޮންމެ ކުއްޖަކު ވެސް ދިހަ ބާރަ އަހަރު މާލެއައި ގޮތަށް ތި އުޅެނީ. ބައްޕައަށް އަލުން ފެނުނު އިރު ކުދިން ތި ތިބީ ބޮޑެތިވެފަ. އެކަމަކު ބައްޕަގެ ކަންތައް ހާދަހާ ބަރާބަރަށޭ ދަރިފުޅު ތި ކުރަނީ. ވަރަށް އުފާވޭ. ދަރިފުޅަށް އުނދަގޫޖެއްސޭތީ ދެރަ ވެސް ވޭ."

"ބައްޕާ! ބައްޕަގެ ކަންތައް އަހަރުމެން ޖެހޭނެއްނު ބަރާބަރަށް ކުރަން،" ބައްޕައަށް ވިސްނައިދޭން އަހަރެން މަސައްކަތްކުރީމެވެ. "މަންމަގެ ފައިތިލަ ދަށުގަ ސުވަރުގެ އޮންނަންޏާ، ބައްޕަ އަތުގައެއްނު ދޮރުކޮޅުގެ ތަޅުދަނޑި އޮންނަނީ. އެކަމަކު އަދި ވެސް އަހަރެން އެންމެ ހިތްހަމަޖެހޭ ވަރަކަށް ބައްޕައަށް ކަންތަކެއް ނުކޮށްދެވޭ. މިހާރަށް ވުރެ ވެސް ގިނަ ވަގުތު ބައްޕަ ގާތުގަ އިންނަން ބޭނުން. ކޯޗެއް މިއަދު ކާނީ؟ ކޯޗެއް ހަދައިދޭންވީ؟ ބައްޕަ އެންމެ ކާހިތްވަނީ ކޯޗެއް؟"

ބައްޕަ ވިސްނައިލިއެވެ. އަހަރެން ހީކުރީ ވަރަށް މޮޅު އެއްޗެއްގެ ނަން ހަނދާންކުރަނީ ކަމަށެވެ.

"ދެން ބައްޕައަކީ މިހެން އޮންނަ މީހެއްނު،" މަޑުމަޑުން ބައްޕަ ބުންޏެވެ. "ކޮންމެ އެއްޗެއް ވެސް ރަނގަޅުވާނެ. އެހެން ކުދިން ވެސް ކިހާ ސާމާނެއް އެބަ ގެނޭ. ކޮންމެ ކުއްޖަކު ގެންނަ އެއްޗެހި ވެސް އެހާ މީރު. އެކަމަކު މިހާރު ލައްކަ ދުވަސް ވެއްޖެ މަސްފެން ރަހަނުބަލާތާ! ބަނބުކެޔޮ ބަތް ވެސް ކާހިތް އެބަ ވޭ."

"އެކަމަކު އޭރުން ބައްޕަ އެނދަކު ނުޖެހޭނެއްނު! އަބަދު މަތީގަ އޮންނާނީ." އަހަރެން ސަމާސާކޮށްލީމެވެ.

ބައްޕަ ހިނިގަނޑެއްޖަހައިލިއެވެ. މާލެއައި ފަހުން އަހަރުމެން ރަށަށް ގޮސް އުޅުނީ ވަރަށް މަދުންނެވެ. ބައްޕަ މާލެއަންނަނީ ވެސް ވަރަށް މަދުންނެވެ. ބައްޕަ ބުނާ ގޮތުން ނަމަ، މާލެއައުމުން މަންމަ ފަދައިން ބައްޕަ ވެސް ނޭވާހާސްވެއެވެ. މީހުން ގިނަވުމާއި އަޑުގަދަވުމުންނެވެ. މާލޭގައި ކުދިކުދި ހޮރު ހަދައިގެން އުޅެން މީހުން ބޭނުންވަނީ ކީއްވެގެންކަމެއް ބައްޕައަކަށް ނުވިސްނެއެވެ.

ބައްޕައަކީ ޓީވީބަލާ މީހެއް ނޫނެވެ. އެކަމަކު ނޫހުން ޚަބަރުތައް އަޑުއަހައެވެ. ސިޔާސީ ޚަބަރުތަކަށް ވަރަށް ފޯރި ހުރެއެވެ. ބައްޕަ ސަޕޯޓުކުރާ ޕާޓީގެ ހުރިހައި ޚަބަރެއްގެ އަދާހަމަ ބައްޕަ ބޭނުންވެއެވެ. އަނެއް ޕާޓީގެ އެއްވެސް ޚަބަރެއް ކިޔުން މަނައެވެ. ދިވެހި ލަވަ އަޑުއަހާހެން ދިވެހި ވާހަކަ ވެސް އަޑުއަހާނެއެވެ. ބައްޕަ އެންމެ ގަޔާވަނީ ތަރުޖަމާ ވާހަކައެވެ. މުންތާޒު ވާހަކައާއި ސައިފުރަސްގެފާނު ވާހަކައާއި އަލިފުލައިލާ ފަދަ ވާހަކައެވެ. ކުރީ ޒަމާނުގައި ދިވެހިން ވާހަކަކިޔާ ރާގުގައި އެ ވާހަކަތައް އަހަރެން ކިޔައިދެމެވެ. އެއްބައި ފަހަރު ވަރަށް ދިގުކޮށް އަޑުއަހާނެއެވެ. އަނެއްބައި ފަހަރު ވާހަކައިގެ މެދުތެރެއިން ބައްޕަ ގުގުރިދަމަން ފަށައިފާނެއެވެ. އަނެއްބައި ފަހަރު އަހަންނަށް ހޭލެވޭނީ އަހަރެންގެ ބޮލުގައި ބައްޕަ ފިރުމަނިކޮށެވެ. އެއީ ވަރުބަލިވެގެން އަހަންނަށް ނިދޭ ފަހަރުފަހަރެވެ.

ފަތިސްނަމާދުގެ މާ ކުރިން އަހަރެން ހޭލަމެވެ. ގޭގައި ހޫނުފެން ހުންނާނެއެވެ. ފުރަތަމަ އޮންނާނީ ބައްޕަ ފެންވަރުވައި، ތާހިރުކުރުމެވެ. ކޮންމެ ނަމާދަކަށް ވެސް ބައްޕަ ތައްޔާރުވާނީ އެއީ ފަހު ނަމާދުކަމަށް ބަލައިގެންނެވެ. އެހާމެ ފުރިހަމައަށް ވެސް މެއެވެ. ހުދު މުންޑާއި ހުދު ގަމީހެއް ނުވަތަ ހުދު ޓީޝާޓެއް ލައްވަން ޖެހޭނެއެވެ. ގައިގައި އަތަރުލާނެއެވެ. ހުކުރު ފިޔަވައި ހުރިހައި ނަމާދެއް އަހަރުމެން ކުރާނީ އެކުގައެވެ. ނަމާދަށް ފަހު ބައްޕަ ބޭނުންވާނީ ޤުރުއާން ކިޔަވާށެވެ. އަހަރެން ވެސް އިންނަނީ ކިޔަވާށެވެ. އަހަރެން ފެންވަރަން ވަންނަނީ، ބައްޕައަށް ސައިދީ ހުރިހައި ކަމެއް ނިންމައިފައެވެ. އާމުދަނީ ހޯދަން ގެއިން ނުނިކުމެ ފަރުޖެއްސޭނެ ގޮތެއް އޮތް ނަމައޭ ހިތަށްއަރައެވެ. އިސްކޫލުގައި ކިޔަވައިދޭން ހުންނަ އިރު ވެސް އަހަރެން ހުންނަނީ ބައްޕަ ދެކޭ ހިތްވެފައެވެ. ފަނަރަ މިނެޓުގެ ހުސްވަގުތުކޮޅެއް ލިބުނަސް ގެއަށް ވަދެލަމެވެ. ބައްޕައަށް ގޮވައިލަމެވެ. ހާލު އަހަމެވެ. ހަމަ އަހާ އިރަށް ކަނާއަތް ހިއްލައިލައިފައި ބޮޑުވައި އިނގިލި ދައްކައިލައެވެ. އެ ވަގުތު އަހަރެންގެ ހިތަށް ލިބޭ ފިނިކަން މީހަކަށް ކިޔައެއް ނުދެވޭނެއެވެ.

އަންހެންކުދިންގެ ލޯބީގެ ދައުވަތު އަހަންނަށް ލިބެއެވެ. މެސެޖާއި ކޯލުތައް ވެސް ލިބެއެވެ. އެކަމަކު އެ ޑުރާމާ ކުޅޭކަށް އަހަންނަކަށް ވަގުތެއް ނޯވެއެވެ. ލޯބީގެ ގުޅުމެއް ފަށައި، ލޯބިވެރިޔާއަށް ވަގުތު ނުދެވި، އޭނަގެ ހިތަށް ތަދުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ރައްޓެހިންގެ ކޮފީ ދައުވަތު ވެސް އަހަންނަށް ލިބެއެވެ. އެ ވަގުތުކޮޅު ވެސް އަހަރެން އެންމެ ހޭދަކުރާ ހިތްވަނީ ބައްޕަ ކައިރީގައެވެ. އަހަރެންގެ ހުރިހައި ރައްޓެހިންނަށް އެ ކަން އެނގޭނެއެވެ. ގިނަ ފަހަރު އެ މީހުން ކޮފީ ގަނެގެން އަންނާނީ ގެއަށެވެ. ތެދުވެރި އެކުވެރިންނަކީ އެއީއެވެ. އަހަންނާ އެކުގައި ވަގުުތު ހޭދަކުރަން ބޭނުމިއްޔާ އެ މީހުން ޖެހޭނީ ގެއަށް އަންނާށެވެ. އަހަރެން ދެކޭ ގޮތަކީ އެއީއެވެ. ނަތީޖާއެއްގެ ގޮތުން، އަހަރެންގެ އެކުވެރިންނަކީ ބައްޕަގެ ވެސް އެކުވެރިންނެވެ.

އެކުވެރިން ހިތްޖެއްސުމަށް ޓަކައި އަހަރެން ކޮފީމެޝިނެއް ގަތީމެވެ. ގޭގެ ބޮޑުކޮޓަރި ކޮފީޝޮޕަކަށް ބަދަލުކޮށްލީމެވެ. އަހަރުމެން އެ ތަނަށް ކިޔަނީ ބައްޕަ ކޮފީޝޮޕެވެ. ކޮފީބޮއިފައި އެކުވެރިން ދާނީ ބައްޕައަށް ލާރި ވެސް ދީފައެވެ. އެއީ ވިޔަފާރިއަކަށް ކުރާ ކަމެއް ނޫނެވެ. މަޖަލަކަށް ކުރާ ކަމެކެވެ. އެކި މީސްމީހުންނާ ބައްޕަޔާ ދިމާވުމާއި، މުނިފޫހިފިލުވުމުގެ އިތުރު ކުޅިވަރެކެވެ. އަންނަ މީސްމީހުން ބައްޕައަށް ތައާރަފުކޮށްދީ، އެ މީހުންގެ ވާހަކަތައް ވެސް ބައްޕައަށް ކިޔައިދެމެވެ. އެހެން ހެދުމުން އަހަރެންގެ ހުރިހައި ރައްޓެހީންގެ މެދުގައި ވެސް ބައްޕައަކީ ވަރަށް މަޝްހޫރު މީހެކެވެ. އެންމެން ވެސް ބައްޕަގެ ހާލުބަލައެވެ. ގެއަށް ޒިޔާރަތްކުރެއެވެ. އަހަރެން ހިތުން އަހަރެން ހުރީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެގެންނެވެ. އެކަމަކު އެއީ ކުށްހީއެކެވެ.

ބައްޕަޔާ އަހަންނާ ގުޅުން ކެނޑިފައި ހުންނަ ހަމަ އެކަނި ވަގުތުކޮޅަކީ އަހަރެން ކިޔަވައިދޭން ހުންނަ ވަގުތުކޮޅު އެކަންޏެވެ. އެ ވަގުތުކޮޅު ވެސް، ބައްޕަ ބޭނުން ނަމަ އަހަންނާ ގުޅޭނެއެވެ. އެއްދުވަހަކު އަހަންނަށް މުނީރު ގުޅިއެވެ.

"ބައްޕަ ލޮލެއް ނުހުޅުވި." ވަރަށް ހާސްވެފައި މުނީރު ބުންޏެވެ.

ނުނިމޭ