02 ފެބުރުއަރީ 2022 - 06:04

ގިނަ ބައެއްގެ މެދުގައި މިހާރު ވަރަށް މަގުބޫލުވެފައިވާ ވޯޑް ގޭމެއް ކަމަށްވާ "ވޯޑުލް" އެމެރިކާގެ ދުވަހު ނޫސް ނިއު ޔޯކް ޓައިމްސް އިން އިއްޔެ ގަނެފި އެވެ.
މި ގޭމުގެ އުފެއްދުންތެރިޔާ އަދި އެމެރިކާގެ ސޮފްޓްވެއާ އިންޖީނިއަރެއް ކަމަށްވާ ޖޯޝް ވާޑުލް ކުރި އިއުލާނެއްގައި ބުނީ ނިއު ޔޯކް ޓައިމްސް އިން "ވޯޑުލް" ގަތުމާ އެކު، އެ ނޫހުގެ ވެބްސައިޓްގައި ހިމެނޭ ގޭމްތަކަށް މި ގޭމް ވެސް އިތުރުކުރެވޭނެ އެވެ. އެ ނޫހުގެ ވެބްސައިޓުގައި މިހާރު ވެސް 10،000 ވުރެ ގިނަ ކްރޮސްވޯޑް ގޭމްތައް ހުރެ އެވެ.
އެ ނޫހުގެ ވެބްސައިޓުގައި މިހާރު ހުންނަ ގޭމްތައް ކުޅެވެނީ ސަބްސްކްރައިބްކޮށްގެން، ފީ ދައްކައިގެން ކަމަށް ވިޔަސް، "ވޯޑުލް" ހިލޭ ކުޅެވޭނެ އެވެ. އަދި އެ ވެބްސައިޓަށް ގޭމް ބަދަލުކުރިޔަސް، މިހާރު ވެސް މި ގޭމް ކުޅެމުން އަންނަ މީހުންގެ ޑާޓާތައް ނުގެއްލޭނެ ގޮތް ހަދާނެ ކަމަށް މީގެ ވެރިޔާ ވަނީ ބުނެފަ އެވެ.
ނިއު ޔޯކް ޓައިމްސް އަށް "ވޯޑުލް" ވިއްކާލި އަގު ވަނީ ސިއްރުކޮށްފަ އެވެ. ސީދާ އަގު ނުބުނެ، ޖޯޝް ވާޑުލްގެ އިއުލާނުގައި ބުނެފައި ވަނީ މި ގޭމް ވިއްކާލީ މަދުވެގެން މިލިއަން ޑޮރަލަށް ކަމަށެވެ.
މި ގޭމަކީ ޖޯޝް ވާޑުލް އޭނާގެ ލޯބިވެރިޔާ އަށް، ކޮވިޑްއާ އެކު އައި ދިގު ލޮކްޑައުންގެ ތެރޭގައި ހަދިޔާއަކަށް ހަދައިން ގޭމެކެވެ. އެ ދެމީހުންނަކީ ވެސް ވޯޑް ގޭމް ކުޅުމަށް ވަރަށް ފޯރި ހުންނަ ބައެކެވެ. މި ގޭމް އާންމުކޮށް ބޭނުންކުރެވޭ ގޮތް ހެދީ 2020 ފަހުކޮޅެވެ. މި ބޮޑަށް ވައިގައިހިފީ މިދިޔަ މަހުގެ ތެރޭގަ އެވެ.