އުރީދޫގެ ސީއީއޯގެ މަގާމަށް ގަތަރުގެ ބޭފުޅެއް ކަމަށްވާ ހާލިދު އައްޔަން ކޮށްފި
އުރީދޫގެ ސީއީއޯގެ މަގާމަށް ގަތަރުގެ ބޭފުޅެއް ކަމަށްވާ ހާލިދު އައްޔަން ކޮށްފި

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގަތަރުގެ ބޭފުޅެއް ކަމަށްވާ ހާލިދު ހަސަން އެމްއޭ އަލް ހަމާދީ މިއަދު އައްޔަންކޮށްފި އެވެ.

އުރީދޫގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް އަދާކުރައްވާފައިވާ ހާލިދަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އުރީދޫގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑިރެކްޓަރުގެ މަގާމާއި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ޓެލެކޮމިއުނިކޭޝަންގެ އިތުރުން ތެލާއި ގޭސް ސިނާއަތުގައި އޭނާ ވަނީ 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން، އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީގެ މަގާމާއި އެ ކުންފުނީގެ ސޭލްސް އެންޑް ސާވިސްގެ ރީއޮގަނައިޒޭޝަން އިނީޝިއޭޓިވްގައި އޭނާ ވަނީ އިސް ރޯލެއް އަދާކުރެއްވި އެވެ.

ހާލިދަކީ މެނޭޖްމަންޓާއި ކްރިއޭޓިވް އިނީޝިއޭޓިވް އާއި ދެމެހެއްޓެނިވި ކުރިއެރުމާއި ޕްރޮސެސް ތަންފީޒު ކުރުމާއި ތަފާސްހިސާބުތަް ދިރާސާ ކުރުމުގައި ތަޖުރިބާ ލިބިފައިވާ ސަޓިފައިޑް އޮޑިޓަރެއްގެ އިތުރުން ސަޓިފައިޑް ޓްރެއިނިން މެނޭޖަރެއް ވެސް މެއެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް އެރިޒޯނާ އިން ބެޗެލާސް އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިން ހާސިލްކޮށްފަ އެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ އާ ސީއީއޯގެ މަގާމަށް ހާލިދު އައްޔަން ކުރުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި އޭނާގެ ލީޑާޝިޕްގައި އެ ކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހާލިދުގެ ކުރިން އުރީދޫގެ ސީއީއޯގެ މަގާމުގައި ހުންނެވީ ނަޖީބް ޚާން އެވެ. އޭނާ މިހާރު މަސައްކަތް ކުރައްވާނީ އުރީދޫ ގްރޫޕުގައި ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ނަޖީބު ޚާން އުރީދޫގެ ސީއީއޯގެ މަގާމުން ވަކިވުމުން އެ ކުންފުނިން ވަނީ އޭނާ ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާގެ މެނޭޖްމަންޓުގެ ދަށުން އުރީދޫން ވަނީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

- އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"

- ޑިޖިޓަލް ފައިނޭންޝަން ސާވިސް "އެމް-ފައިސާ"

- އޮންލައިން ސްޓޯ "ކާތީ ސްޓޯ" މެދުވެރިކޮށް މުނިފޫހި ފިލުމުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން.

- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓްތަކާއި ސަރުކާރު މުއައްސަސާތައް އަދި ރިސޯޓް ބިޒްނަސްގެ ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްދިނުން.

- ރާއްޖޭގައި އަލަށް ޑޭޓާ ސެންޓަރެއްއް ގާއިމުކޮށް، ބިޒްނަސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަނެކްޝަން އިތުރަށް ވަރުގަކޮށްދީ، ސްޓޯރޭޖާއި ސެކިއުރިޓީ އަދި އައިޓީ ހިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުން.