01 ފެބުރުއަރީ 2022 - 20:28

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން އަންނަ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލާނީ އެންމެ ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސައިފި އެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ޖެހިފައިވާ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ އެ ދުވަހު ހަވީރު 3:00 އިން 4:00 އަށް ކަމަށެވެ. ވޯޓުލުން ކުރިޔަށް ދާނީ ވެސް ހަވީރު 4:00 އާ ހަމަޔަށެވެ.
"...ވޯޓުލާ މީހުން މަރުކަޒަށް ވޯޓުލާން ވަޑައިގަންނަވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ވަޑައިގެންދެއްވުން" އެދޭ ކަމަށް އީސީން ބުންޏެވެ.
މި އިންތިހާބުގައި 3،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު އޭގެ ތެރެއިން 1،300 އެއްހާ މީހުން ވޯޓުލާނީ މާލޭގަ އެވެ. އީސީން ނިންމާފައި ވަނީ ނަތީޖާ އިއުލާންކުރުން ވެސް މާލޭގައި ކުރިޔަށް ގެންދިޔުމަށެވެ.
މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިފައިވީ ނަމަވެސް ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ކޮވިޑްގެ މާ ގިނަ ކޭސްތަކެއް ރިޕޯޓްކޮށްފައެއް ނެތެވެ. ކެމްޕެއިނަށް ގިނަ އަދަދެއްގެ މީހުން މިދިޔަ މަހެއްހާ ދުވަސް ތެރޭގައި އެ ރަށަށް ދިޔަ އެވެ.
އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރާ މި އިންތިހާބުގެ ކެމްޕެއިން ވެފައި ވަނީ ބައި އިލެކްޝަނެއްގައި މިހާތަނަށް އެންމެ ވާދަވެރި އެއް އިންތިހާބަށެވެ.