މިހާރު އަހަރެން އުޅެނީ ރަންބީރަށް ފިލައިގެން: ސަންޖޭ ދަތު
މިހާރު އަހަރެން އުޅެނީ ރަންބީރަށް ފިލައިގެން: ސަންޖޭ ދަތު

"ތުރީ އިޑިއަޓްސް" އާއި "މުންނާބާއީ" ސިލްސިލާގެ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަލަށް ފަށާ ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމު އިއުލާން ކުރީއްސުރެ މި ފިލްމު ވެފައިވަނީ 2017 ގައި އެންމެ ގިނަ ބަޔަކު ބަލާހިތުން ތިބޭނެ އެއް ފިލްމަށެވެ.

ސަންޖޭ ދަތުގެ ރޯލު އަދާކުރަނީ އެކްޓަރު ރަންބީރު ކަޕޫރެވެ. ފިލްމުގެ ބައެއް ތައްޔާރީތައް މިހާރު ފަށާފައިވާއިރު ހިރާނީ އާއި ސަންޖޭގެ އަންހެނުން މަންނީތާ އަދި ރަންބީރު ވަރަށް ގިނައިން ބައްދަލުކޮށް ފިލްމުގެ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާކުރެ އެވެ.

މި ފިލްމުގައި ރަންބީރުގެ ސިފަ ސަންޖޭއާ ވައްތަރުކުރަން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ބައެއް ރިޕޯޓުތައް ބުނަނީ ރަންބީރުގެ ބަރުދަން ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ފިލްމުގެ ވަކި ބައިތަކެއް ކުޅެން ރަންބީރުގެ އިސްތަށިގަނޑު ވެސް ވަރަށް ދިގުކުރަން ޖެހެ އެވެ.

މި ފިލްމުގައި ސަންޖޭގެ މިޒާޖާއި އޭނާގެ ހަރަކާތްތައް ހުންނަ ގޮތް ރަނގަޅަށް ދަސްކުރަން ސަންޖޭ ދަތާ ވަރަށް ގިނައިން ބައްދަލުކުރަން ވަނީ ރަންބީރަަށް ވަނީ މަޖްބޫރުވެފަ އެވެ.

ދާދި ފަހުން ދިއްލީގައި އޮތް އިވެންޓެއްގައި އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަންޖޭ ދަތު ބުނީ ހިރާނީ އެ ފިލްމު ހަދަނީ އޭނާގެ ހަޔާތާ މެދު ޝައުގުވެރިކަން ހުރުމުން ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

"ފިލްމުގައި މަގޭ ކެރެކްޓާ ކުޅެނީ ރަންބީރު. ނަމަވެސް އޭނާ ކަންތައް މިހާރު ވަރަށް ބޮޑު. ކޮންމެ ދުވަހަކު އެވަރަށް ގުޅާ އަދި އަހަންނާ އެކު ވަރަށް ގިނަ ވަގުތު ހޭދަކުރަން ވެސް އޭނާ ބޭނުންވޭ،" ސަންޖޭ ދަތު ބުންޏެވެ.

"އެކަމަކު އަހަންނަކަށް އެއްވެސް މީހަކާ އެކު ބައި ގަޑިއިރަށް ވުރެ ގިނައިރު ހޭދައެއް ނުކުރެވޭނެ. އެހެންވެ އަހަރެން މިހާރު މިއުޅެނީ އޭނާއަށް ފިލައިގެން. ރަންބީރަކީ ވަރަށް ކުޅަދާނަ އެކްޓަރެއް. ނަމަވެސް މި ރޯލު އޭނާއަށް ވަރަށް އުނދަގޫވެގެން އުޅޭހެން ހީވަނީ."

ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމުގަައި އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރު ވެސް ބައިވެރިވާނެ އެވެ.