02 ފެބުރުއަރީ 2022 - 06:01

އިންޑިއާގެ މަޝްހޫރު ޓީވީ ޕްރޮޑިއުސަރު، އެކްތާ ކަޕޫރުގެ ރިއަލިޓީ ޝޯއެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނައިރު އެ ޝޯ ހުށަހަޅާނީ ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ފަހުކޮޅު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ޝޯއަކީ "ބިގްބޮސް" އެވެ. އެ ޝޯ މިދިޔަ ހަފުތާގައި ނިމުމާ އެކު އެކްތާ ވެސް އޭނާގެ ރިއަލިޓީ ޝޯއެއް އެބަ އޮތް ކަމަށް އިއުލާންކުރި އިރު މި ޝޯއަކީ އެންމެ "ފިއާލެސް" އެއް ޝޯއަށް ވާނެ ކަމަށް އޭނާ ބުންޏެވެ.
މި ޝޯ ހުށަހަޅާނީ ކަންގަނާ ކަމަށް ރަސްމީކޮށް ސޯޝަލް މީޑިއާގައި އެކްތާ އާންމުކުރިޔަސް، ދެތިން މިނެޓް ނުވަނީސް އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަންގަނާ އަށް މި ޝޯ ހުށަހެޅުމުގެ ފުރުސަތު ދިނީ އެކްތާއާ އޭނާގެ މެދުގައި އޮންނަ އެކުވެރިކަމުގެ ސަބަބުންނެވެ. ކަންގަނާ މި ޝޯ ހުށަހަޅާ ނަމަ، މި ވާނީ އޭނާ ޝޯއެއް ހޯސްޓް ކުރާ ފުރަތަމަ ފަހަރަށެވެ.
މި ޝޯއާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަދި ނޭނގުނަސް މިއީ ވެސް ބިގްބޮސް ކަހަލަ ޝޯއެކެވެ. މި ޝޯގައި ވެސް އޭގެ ބައިވެރިން ތިބޭނީ 8-10 ހަފްތާއާ ދެމެދު ތަނެއްގައި ބަންދުކޮށްފައި ކަމަށާއި އެތަނުގައި ބައިވަރު ކެމެރާ ހުންނާނެ ކަމަށްވެ އެވެ. އަދި ޝޯގެ ބައިވެރިންނަށް ތަފާތު ޓާސްކްތައް ވެސް ދޭނެ ކަމަށްވެ އެވެ.