02 ފެބުރުއަރީ 2022 - 06:05

މި ދުވަސްވަރު އެންމެ ގަދަ އަށް ދެކެވެނީ "ޕުޝްޕާ" ފިލްމާއި އޭގެ ލަވަތަކުގެ ވާހަކަ އެވެ. ފިލްމާއި ލަވަތައް ކަމުދިޔަސް، ފާޑުކިޔުން ކުރިމަތިވީ އެ ފިލްމުގައި ހިމެނޭ "އޫ އަންޓަވާ" ލަވައިގައި ކިޔާ އެެއްޗެއް ރޭކާލުމުންނެވެ.
ތެލޫގޫ ފިލްމުތަކަށް ލަވަ ކިޔާ އެ ސަރަހައްދުގައި މަޝްހޫރު، އިންދުރަވަތީ ޗޯހަންގެ އަޑުން ކިޔާފައިވާ "އޫ އަންޓަވާ" ގެ ލަވައިގެ މާނަ ނޭނގުނަސް، މިއީ މިހާރު އެތައް ބައެއްގެ ފޭވްރިޓެކެވެ. މި ލަވައިގައި ދައްކަނީ އަންހެނަކު ފެނުމުން ފިރިހެނުން އެމީހުންނާ ދިމާލަށް ބަލާ ބެލުންތަކާއި އެމީހުންނާ މެދު ދެކޭ ގޮތުގެ ވާހަކަތަކެވެ.
ތެލޫގޫ ބަހުން ކިޔާފައިވާ އެ ލަވައިގައި ކިޔަނީ ސާޅީއެއް ނުވަތަ ސްކާޓެއް ލައިގެން ހުއްޓަސް، ފިރިހެނުން ހުއްޓާ ނުލާއި ބަލާ ކަމަށާއި މައްސަލަ އަކީ ހެދުން އަޅާ ގޮތް ނޫން ކަމަށެވެ. އަދި މައްސަލަ އަކީ އެމީހުން ބަލާ ބެލުމާއި އެމީހުން ވިސްނާ ގޮތް ކަމަށެވެ.
އެކަމަށް އެއްބަސްވަންތޯ ވެސް ލަވައިގައި ސުވާލުކުރާ އިރު އޭގައި ވަނީ ދޮން އަންހެނަކު ފެންނައިރަށް ފިރިހެނުން އެމީހުންނާ ހެދި އުޅޭ ގޮތާއި ކަޅު އަންހެނަކު ފެނުމުން މަލާމާތް ކުރާ ކަމަށް ވެސް ބުނެފަ އެވެ. އެހެންވީމަ، ކަޅުވުމާއި ދޮންވުމުގައި މައްސަލަ ނެތަސް، ގޯހީ ފިރިހެނުންގެ ވިސްނުން ކަމަށްވެ އެވެ.
މާ ރަނގަޅު މީހެއް ކަމަށް ދެއްކުމަށް ފިރިހެނުން މަސައްކަތްކުރާ ކަމަށާއި ރަނގަޅު ސިފަތަކުގެ ވާހަކަ ދެއްކިޔަސް އެފަދަ ކަމެއް ނުހުންނަ ކަމަށް ލަވައިގައި ބުނެ އެވެ. އަދި ލަވަ ނިންމާލަމުން ބުނެފައި ވަނީ ރޭގަނޑު ބައްތި ނިއްވާލުމާ އެކު ހުރިހާ ފިރިހެނުންގެ ވިސްނުމަކީ ވެސް އެކައްޗެއް ކަމަށެވެ.
ފިރިހުން ގާތަށް ރުޅި އައީ ވެސް ލަވަ ނިންމާލަމުން ބުނެފައިވާ ވާހަކައިންނެވެ. އެކަމާ ގުޅިގެން ނުރުހުންވެ، ވާހަކަދެއްކި ބައެއް ފިރިހެނުން ބުނެފައި ވަނީ "މިއީ ވަރަށް ޖިންސީ ތަފާތުކުރުމުގެ" ވާހަކަ އިވޭ ލަވައެއް ކަމަށެވެ. އަދި ހުރިހާ ފިރިހެނުންނަކީ ގޯސް ބައެއްގެ ގޮތުގައި ދައްކައިދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.
"މި ބަސްތައް އަންހެނަކާ ދިމާލަށް ބުނުމުގެ ގަޓް ހުންނާނެތަ؟. އަހަރެމެންނަކީ ހަމައެކަނި ފިރިހެނުންނަށް ވީތީ އިހުތިރާމާއި ގަދަރާ އެކު އުޅުމުގެ ހައްގެއް ލިބިގެންނެއް ނުވޭތަ؟" އެކަމުގެ ނުރުހުން ސޯޝަލް މީޑިއާގައި ފާޅުކުރި ޒުވާން ފިރިހެނަކު ބުންޏެވެ.
ހޭޝްޓެގަކަށް "ނޮޓް އޯލް މެން" ޖަހައިގެން އެތައް ބަޔަކު މި ލަވައިގެ ލިރިކްސްއާ މެދު ހިތްހަމަނުޖެހުން ފާޅުކުރިޔަސް މި މައްސަލަ ފެންމަތިވުމުގެ ކުރިން ފިލްމުގެ ލީޑު ތަރި، އައްލޫ އަރްޖުން ބުނެފައި ވަނީ އެ ލިރިކްސްގައި ކިޔަނީ ހުސް ރަނގަޅު ވާހަކަތައް ކަމަށެވެ.
ފިރިހެނުން ރުޅި ގަދަވިޔަސް މަޝްހޫރު އަންހެން ފަންނާނުން ވެސް ވަނީ މި ލަވައިގެ ލިރިކްސް އަށް ތައުރީފުކޮށްފަ އެވެ.